މީހަކު ބްލެކްމެއިލްކޮށް އަދި ރޭޕްކުރި މީހަކު 20 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ށ. މިލަންދޫ ބްލޫހައުސް، ޔޫސުފް ހުސާމްގެ މައްޗަށް އެ ހުކުމް އައީ އޮކްޓޫބަރު 2019 ގައި އަންހެނެއްގެ ފޮޓޯތަކެއް ފޭސްބުކަށް ލާނެ ކަމަށް ބްލެކްމެއިލްކޮށް، އޭނާ ގެއަކަށް ގެންގޮސް ރޭޕްކުރި މައްސަލާގަ އެވެ.
އޭނާ އެ ދެ ދައުވާއަށް އިންކާރު ކުރިޔަސް، ކްރިމިނަލް ކޯޓުން ހުކުމްކުރީ ކުށް ސާބިތުވާ ކަމަށެވެ.
ބްލެކްމެއިލްކުރި މައްސަލާގައި އިއްވީ ފަސް އަހަރުގެ ޖަލު ހުކުމެކެވެ. އަދި ރޭޕްކުރުމުގެ ކުށުގައި އިއްވީ 15 އަހަރުގެ ޖަލު ހުކުމެކެވެ.
އެކަމަކު އޭނާ ތިން އަހަރަށް ވުރެ ގިނަ ދުވަހު ބަންދުގައި ހޭދަކޮށްފައިވާތީ އޭނާ ދެން ތަންފީޒު ކުރަން ޖެހޭނީ 17 އަހަރުގެ ޖަލު ހުކުމެކެވެ.