ނީލަން ފިހާރައިގައި ރޭ ފަތިހު ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކޮށްފައި ވިޔަސް އެ ސަރަހައްދުން އަދިވެސް ދުން އަރައި، ދުމުގެ އަސަރު ވަރަށް ބޮޑެވެ.

އެމްއެންޑީއެފުން ބުނީ، ރޭ ފަތިހު ހައެއް ޖަހަން އުޅެނިކޮށް ރޯވި އަލިފާންގަނޑު އެއްކޮށް ނިއްވައި ދުން އެރުން ހުއްޓޭނީ އެ ސަރަހައްދު ސާފުކޮށް ނިމުމުން ކަމަށެވެ.

އަލިފާން ރޯވިތާ 12 ގަޑިއިރު ވީއިރު އަލިފާނުގެ އަސަރު އަދިވެސް ނީލަން ފިހާރައިން ފެންނަން އެބަހުއްޓެވެ. ދޭތެރެދޭތެރެއިން ކޮންމެވެސް ވަރަކަށް ރޯވާތީ، ފަޔާމަނުން އަދިވެސް ތިބީ އެލާޓްގަ އެވެ. ދޭތެރެދޭތެރެއިން ފެން ޖަހަމުން ދާއިރު ދުމުގެ އަސަރު ވަރަށް ބޮޑަށް އެބަހުއްޓެވެ.

ފުލުހުން އަދިވެސް ވަނީ ނީލަން ފިހާރަ ސަރަހައްދުން ބޮޑުތަކުރުފާނު މަގާ ދިމާލުން ފެށިގެން ޕެޓްރޯލް ޝެޑާ ހަމައަށް މަގު ބަންދުކޮށްފަ އެވެ.

ނީލަން ފިހާރައިގައި ވަރަށް ގިނަ އަދަދެެއްގެ ތަފާތު ބާވަތްތަކުގެ މުދާ ގެންގުޅެ އެވެ. ދަގަނޑާއި ލަކުޑި އާއި ފައިބަރުގެ ބައެއް އާލާތްތަކާއި ތެލުގެ ބައެއް ބާވަތްތައް ވެސް އެ ތަނުގައި ވިއްކަ އެވެ. އެހެންވެ، އެ ތަކެތީގައި އަދިވެސް ހުޅު ހިފުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލަކު ވިދާޅުވި ގޮތުގައި ދުން އެރުން އެއްކޮށް ހުއްޓުވާލެވޭނީ ލަކުޑި އާއި ކުނިތައް ސާފުކޮށް އަޑީގައި ރޯވެފައި ހުރި ތަންތަން ވެސް ނިއްވާލައިގެންނެވެ.

އެމްއެންޑީއެފުން ބުނީ، ނީލަން ފިހާރައިގެ އުތުރުގައި އިމާދުއްދީން ސްކޫލާ ދިމާލުގައި ރޯވެފައި ހުރި އަލިފާންގަނޑު ކޮންޓްރޯލްވީ ރިޕޯޓު ލިބުނުތާ ގާތްގަނޑަކަށް ދޮޅުގަޑިއިރު ފަހުން ހެނދުނު 7:35 ގައި ކަމަށެވެ. ނީލަން ފިހާރައިގެ އިރުމަތިން ފެތުރެމުން ދިޔަ އަލިފާންގަނޑު ކޮންޓްރޯލްވީ އޭގެ ގަޑިއިރެއް ފަހުން ހެނދުނު 8:30 ގަ އެވެ. އަލިފާން ކޮންޓްރޯލް ކުރެވުނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ފޯމު ވެހިކަލް ގެނެސްގެންނެވެ.

ނީލަން ފިހާރައިގައި ރޯވި އަލިފާންގަނޑާ އެކު ބޮޑު ސަރަހައްދަކަށް ބޯ ދުން ފެތުރުނެވެ. ދުމުގެ ސަބަބުން ސިއްހަތަށް ވެސް ނޭދެވޭ އަސަރު ކުރާނެތީ އެ ސަރަހައްދާ ކައިރީގައި ހުންނަ އިމާދުއްދީން ސްކޫލާއި އިއްޒުއްދީން ސްކޫލާއި ބިލަބޮންގް ސްކޫލާއި ވިލާ ކޮލެޖުގެ ކިޔެވުން ވެސް މެދުކަނޑާލި އެވެ.

އަލިފާންގަނޑުގެ ސަބަބުން މުޅި ސަރަހައްދަށް ދުން ފެތުރިފައި އޮތުމުން، އެ ސަރަހައްދުގައި ދިރިއުޅޭ އާންމުން ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށާއި އާންމުން އެ ސަރަހައްދަށް ނުދިއުމަށް މިއަދު ހެނދުނު ފުލުހުން ވަނީ އެދިފަ އެވެ. އަދި ދުމުން ރައްކާތެރިވުމަށް މާސްކު އެޅުމަށް ވެސް އެދުނެވެ.

މި ފަހުން މާލެއާއި ބައެއް ރަށްތަކުގައި ވެސް ނުރައްކާތެރި އަލިފާނުގެ ހާދިސާތައް ހިނގާފައިވާއިރު އެކަން ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. އަދި ފުލުހުން މިހާރު ވަނީ ބޭރުން އަލިފާނުގެ ހާދިސާތަކާ ގުޅޭ ފޮރެންސިކް ޓީމެއް ވެސް އެ މަސައްކަތަށް ގެނެސްފަ އެވެ.