މާލޭގެ ގެއެއްގައި ކަރަންޓު ސޮކެޓެއްގައި ރޯވެ އަލިފާނުގެ ހާދިސާއެއް މިއަދު ހިނގައިފި އެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.
އެމްއެންޑީއެފުން ބުނީ ލޮނުޒިރާތް މަގުގައި ހުންނަ ގ. ކްރެބް ޓްރީގެ ކޮޓަރިއެއްގައި ހުރި ކަރަންޓް ސޮކެޓެއްގައި ރޯވި އަލިފާންގަނޑު ފަޔާ ފައިޓާރުން މިހާރު ނިއްވާލާފައިވާ ކަމަށެވެ.
އެ ހާދިސާގެ މައުލޫމާތު މެންދުރު 12:00 ގެ ފަހުން ލިބުމާ އެކު، ފަޔާ އެންޑް ރެސްކިއުގެ ފަޔާ ފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތްކުރި ކަމަށާއި އަލިފާންގަނޑު ނިއްވާލެވުނީ އޭގެ ވިއްސަކަށް މިނެޓު ފަހުން ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ހާދިސާގެ ފޮޓޯތައް އާންމުކޮށް އެމްއެންޑީއެފުން ބުނީ، ކޮޓަރީގައި ހުރި ބައެއް ތަކެއްޗަށް ގެއްލުން ލިބިފައިވާ ކަމަށެވެ.
ބޮޑުރަސްގެފާނު މަގުގައި ހުންނަ ގ. ފަހިވައިގޭގެ ހަތް ވަނަ ފަންގިފިލާގައި ހުންނަ އެޕާޓްމަންޓެއްގެ ސިޓިންރޫމްގައި ވެސް ރޭ ވަނީ އަލިފާނުގެ ހާދިސާއެއް ހިނގައިފަ އެވެ. ރޯވި އެޕާޓްމަންޓުގައި ދިރިއުޅޭ ހަތަރު މީހަކަށް އެންޑީއެމްއޭ އިން ވަނީ ވަގުތީ ބޯހިޔާވަހިކަން ވެސް ހަމަޖައްސައިދީފަ އެވެ.
އެ އެޕާޓްމަންޓުގައި ރޯވާން މެދުވެރިވި ސަބަބު ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފައިވެ އެވެ.