މާލޭ ތިން ސަރަހައްދެއްގައި އަލިފާނުގެ ހާދިސާ ހިނގައިގެން ރިޕޯޓުކޮށްފައިވާ ކަމަށާއި އެތަންތަނަށް އެމްއެންޑީއެފްގެ ފަޔަ އެންޑް ރެސްކިއު ސާވިސް އިން އެޓެންޑުވަމުން އަންނަ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް (އެންޑީއެމްއޭ) އިން ބުނެފި އެވެ. 

އެންޑީއެމްއޭގެ ޗީފް އެގްޒެކްޓިވް ހިސާން ހަސަން "މިހާރު" އަށް ވިދާޅުވީ ކަލާފާނު ސްކޫލު ކައިރީގައި ހުރި ގެއަކުން ދުން އަރަމުންދާތީ އެކަމަށް އެމްއެންޑީއެފުން އެޓެންޑުވެފައިވާ ކަމަށެވެ. އެތަނުގައި ރޯވި އަލިފާނުގެ އަޕްޑޭޓެއް އަދި ނުލިބޭ ކަމަށް ވިދާޅުވި އެވެ. 

އެކަމަކު ގ. ހުދުރުވާގޭގައި ރޯވި އަލިފާން މިހާރު ކޮންޓްރޯލްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެ ހާދިސާގައި އެ ގޭގެ އެއް ކޮޓަރި ބޭނުންނުކުރެވޭ ވަރަށް އަނދައި ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށް ހިސާން ވިދާޅުވި އެވެ. 

އެންޑީއެމްއޭ އިން އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަނީ ކޮޓަރީގެ އެނދާއި އޭސީ ވެސް އަނދާފައިވަނިކޮށެވެ. އަދި ރޯވި އަލިފާނުގެ ސަބަބުން މުޅި ކޮޓަރި އޮތީ ދުމުން ކަޅުވެފަ އެވެ.  

މާލޭގެ ގެއެއްގައި އަލިފާން ރޯވެ، އޭސީ ހަލާކުވެފައި.-- ފޮޓޯ: އެންޑީއެމްއޭ
މާލޭގެ ގެއެއްގައި އަލިފާން ރޯވެ، އޭސީ ހަލާކުވެފައި.-- ފޮޓޯ: އެންޑީއެމްއޭ

ހިސާން ވިދާޅުވީ އެއީ ހަތަރު މީހުން ދިރިއުޅެމުން އައި ގެއެއް ކަމަށެވެ. 

މާލެއިން ދެން ރޯވި ތަނަކީ މާލޭގެ މާފަންނުގައި ހުންނަ ޖާޔާކުޝަން ކައިރީ ހުރި އިމާރާތެކެވެ. 

މާފަންނުގައި ހުންނަ ޖާޔާކުޝަން ކައިރި ހުރި ގުދަނެއްގައި ރޯވެގެން އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ޓީމުން އަލިފާން ނިއްވުމުގައި ހަރަކާތްތެރިވަނީ-- ފޮޓޯ: ނިޝާން އަލީ | މިހާރު
މާފަންނުގައި ހުންނަ ޖާޔާކުޝަން ކައިރި ހުރި ގުދަނެއްގައި ރޯވެގެން އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ޓީމުން އަލިފާން ނިއްވުމުގައި ހަރަކާތްތެރިވަނީ-- ފޮޓޯ: ނިޝާން އަލީ | މިހާރު

ހިސާން ވިދާޅުވި ގޮތުގައި އެތަނަކީ ފޮތި ރައްކާކޮށްފައި ހުރި ގުދަނެކެވެ. އެތަނުން އަލިފާން ކޮންޓްރޯލް ކުރެވިފައި ވިޔަސް އަދިވެސް ދުން އަރަމުންދާތީ އެ ތަން ފަޔަ އެންޑް ރެސްކިއު ޓީމުން މޮނިޓާކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. 

އެކަމާ ގުޅޭ ގޮތުން އެމްއެންޑީއެފުން ބުނީ މުނިޔާ މަގުގައި ހުރި ގެއެއްގައި އަލިފާން ރޯވެގެން އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސް އިން ހަރަކާތްތެރިވަމުން އަންނަ ކަމަށާއި އަލިފާން ކޮންޓްރޯލް ކޮށްފައިވާ ކަމަށެވެ. 

ގޭގައި ރޯވި އަލިފާން ކޮންޓްރޯލްކުރުމަށް އެމްއެންޑީއެފުން ހަރަކާތްތެރިވަނީ-- ފޮޓޯ: މިހާރު
ގޭގައި ރޯވި އަލިފާން ކޮންޓްރޯލްކުރުމަށް އެމްއެންޑީއެފުން ހަރަކާތްތެރިވަނީ-- ފޮޓޯ: މިހާރު

އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ވެސް އެ ގެއިން ވަރަށް ބޮޑަށް ދަނީ ދުން އަރަމުންނެވެ. ވަރަށް ހަނި އެ ގޯޅިތެރެ ވެސް އޮތީ އެއްކޮށް ދުމުން ފުރިފަ އެވެ. 

އަލިފާން ރޯވި ގޭގައި ދިރިއުޅޭ ބަޔަކު އެމީހުންގެ ބައެއް މުދަލާ އެކު ބޭރަށް ނިކުމެ.-- ފޮޓޯ: މިހާރު
އަލިފާން ރޯވި ގޭގައި ދިރިއުޅޭ ބަޔަކު އެމީހުންގެ ބައެއް މުދަލާ އެކު ބޭރަށް ނިކުމެ.-- ފޮޓޯ: މިހާރު

އެނގިފައިވާ ގޮތުގައި އަލިފާން ރޯވެފައި ވަނީ ބިދޭސީން އުޅޭ ތަނެއްގެ ތެރޭގަ އެވެ. އަދި އަލިފާން ރޯވުމާ އެކު އެ މީހުން ވަނީ ފޮށިތަކާ އެކު ބޭރަށް ނިކުމެފައި ކަމަށްވެ އެވެ. 

އެ ހާދިސާ ހިނގަން މެދުވެރިވި ގޮތެއް އަދި ސާފެއް ނޫނެވެ.