އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ހަމަނުޖެހުންތަކުގެ ތެރެއިން ވޯޓު ފޮށި ފަޅާލުމުގެ ތުހުމަތުގައި ދެ ރަށަކުން މިއަދު ބަޔަކު ހައްޔަރުކޮށްފި އެވެ.
އެނގިފައިވާ ގޮތުގައި ވޯޓުފޮށި ފަޅާލުމުގެ ތުހުމަތުގައި ގދ. ރަތަފަންދޫން ތިން މީހަކާއި އެ އަތޮޅު ތިނަދޫން ވަނީ މީހަކު ހައްޔަރުކޮށްފަ އެވެ.
ރަތަފަންދޫން ވާހަކަދެއްކި ބައެއް މީހުން ބުނިގޮތުގައި އެ ރަށުން ހައްޔަރުކުރި ތިން މީހުންނަކީ، މި އިންތިހާބުގައި ވާދަކުރައްވާ މުހައްމަދު ނަޝީދުގެ އޮފިޝަލުންނެވެ.
ރިޔާސީ ޕްރައިމަރީގައި ދެން ވާދަކުރައްވަނީ މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
އެމްޑީޕީގެ ޓިކެޓުގައި ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ އިންތިހާބުގެ ވޯޓުލުން މިއަދު ހެނދުނު 9:00 ގައި ފެށިއިރު، ބައެއް ސެންޓަރުތަކުގައި ހަމަނުޖެހުންތައް ބޮޑެވެ. އެހެންވެ، އެ މަރުކަޒުތަކުގައި އެސްއޯ ސިފައިން ހަރަކާތްތެރިވެ، ސެކިއުރިޓީ ވަނީ ވަރުގަދަކޮށްފަ އެވެ.