އައިޑީ ކާޑު "ވިއްކި" ކަމުގެ ތުހުމަތުގައި، ގދ. ރަތަފަންދޫން މިއަދު ހައްޔަރު ކުރި އިދިކޮޅު އެމްޑީޕީގެ ހަތަރު މީހުން ދޫކޮށްލައިފި އެވެ.

ފުލުސް އޮފީހުން ބުނީ އައިޑީ ކާޑު ވިއްކާ ކަމުގެ ޝަކުވާއެއް ލިބިގެން، ރަތަފަންދޫ ޕޮލިސް ސްޓޭޝަނަށް ހާޒިރު ކުރި އެންމެން ވެސް މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.

އެކަމަކު، މާދަމާ ބާއްވާ ރިޔާސީ އިންތިޚާބުގައި ވޯޓު ލާ އެ ޒުވާނުންތައް އައިޑީ ކާޑު ވިއްކި ކަމަށް ބުނާ ވާހަކަ ރަތަފަންދޫ ކައުންސިލުން ދޮގު ކުރެ އެވެ.

އެ ކައުންސިލްގެ ރައީސް ހުނައިފް އަސްލަމް ވިދާޅުވީ، އެ ޒުވާނުން ހައްޔަރު ކުރީ ފުލުހުންނަށް އައިޑީ ކާޑު ދިނުމަށް ދެކޮޅު ހެދުމުން ކަމަށެވެ.

"އެމީހުން މިއަދު ރަށަކަށް ފުރަން އުޅެނިކޮށް ފުލުހުން ގޮސް ހުއްޓުވާފައި ބުނީ، އައިޑީ ކާޑު ދައްކަން. އެ މީހުން ބުނި ކަމަށް ވަނީ ނެތޭ. އެހެންވެ، އެކަމާ ގުޅިގެން ހައްޔަރު ކުރީ،" ކައުންސިލްގެ އެމްޑީޕީ މެމްބަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވިގޮތުގައި، ހަތަރު ޒުވާނުން ކައިރި އަށް، ވެރިކަން ކުރާ ޕާޓީ ޕީޕީއެމްގެ އެކްޓިވިސްޓުންތަކެއް އައިޑީ ކާޑު "ގަންނަން" ދިޔަ އެވެ. އެކަމަކު، އައިޑީ ކާޑު ނެތުމުން، އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ ޕީޕީއެމުން ކަމަށް ހުނައިފް ވިދާޅުވި އެވެ.

ޒުވާނުންތައް ހައްޔަރު ކުރި ވަގުތުމ ރަތަފަންދޫ ޕޮލިސް ސްޓޭޝަން ކައިރިއަށް މިއަދު ވަނީ މީހުންތަކެއް އެއްވެ، އެކަމާ ދެކޮޅަށް އަޑު އުފުލައިފަ އެވެ. އެ މީހުން ބުނިގޮތުގައި އެއްވެސް މައްސަލައަކާ ނުލައި، ފުލުހުންނަށް އާއްމުންގެ އައިޑީ ކާޑު ނުހޯދޭނެ ކަމަށާއި އަދި އެކަމާ ގުޅިގެން ކުށްވެރިވެ، ހައްޔަރު ނުކުރެވޭނެ ކަމަށެވެ.