ނ. ކުޑަފަރިން މީގެ 10 އަހަރު ކުރިން ކުއްޔަށް ދޫކޮށްފައި އޮތް ބިމެއްގެ މައްސަލާގައި އާންމުންނާއި ފުލުހުންނާ ދެމެދު ރޭ ކުރިމަތިލުންތަކެއް ހިނގައިފި އެވެ.
ކުޑަފަރި ކައުންސިލްގެ މެމްބަރަކު މިއަދު "މިހާރު" އަށް ވިދާޅުވި ގޮތުގައި، އެއީ މީގެ 10 އަހަރު ކުރިން އެ ރަށު އަބްދުﷲ މަޖީދު ކިޔާ މީހަކަށް، ކައުންސިލުން ވިޔަފާރިގެ ބޭނުމަށް ކުއްޔަށް ދޫކުރި ބިމެކެވެ. އެ ބިމުގެ އެއްވެސް ބޭނުމެއް ނުކުރެވި އޮއްވައި، ކެނދިކުޅުދޫ ދާއިރާގެ މަޖިލިސް މެމްބަރު އަހްމަދު އީސަ އާއި އެމްޓީސީސީގެ ޗެއާމަން މުހައްމަދު ފަހީމް އެތަނުގައި ވިޔަފާރިއެއް ވަނީ ފަށައިފަ އެވެ.
"އެ ދެ ބޭފުޅުން އެކުގައި މަސައްކަތް ކުރައްވާފައި ފަހުން ޖެހުނު މައްސަލައެއްގެ ސަބަބުން ދިމާވެގެން އުޅޭ މައްސަލައެއް މިއީ، ވިޔަފާރިގެ މައްސަލައެއް ކަމަށް ބެލެވެނީ،" އޭނާ ވިދާޅުވި އެވެ.
ނަމަވެސް ސީދާ ޖެހުނީ ކޮން މައްސަލައެއް ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ މައްސަލަ ފަހުން ހޫނުވީ، އެ ބިމުގައި ހަދާފައި ހުރި އިމާރާތުގެ ތެރެއަށް ބަޔަކު ވަދެ ހަމަނުޖެހުން ހިންގިކަމުގެ ތުހުމަތާ ގުޅިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
އެ މައްސަލާގައި، ގިނަ އަދަދެއްގެ ފުލުހުން ވެސް އިއްޔެ އެ ރަށަށް އެރި އެވެ. ފުލުހުންނާއި އާންމުންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގާ ވީޑިއޯތައް ވެސް ރޭ ސޯޝަލް މީޑިއާގައި އާންމުވި އެވެ. ނަމަވެސް އެ ރަށުން އެއްވެސް މީހަކު ހައްޔަރުނުކޮށް، ރޭ ފުލުހުން ވަނީ ފައިބައިފަ އެވެ.
ކުޑަފަރިން ވާހަކަދެއްކި ބައެއް މީހުން ބުނި ގޮތުގައި ފުލުހުން އެ ރަށަށް އެރީ ކައުންސިލުގެ ރައީސް އަލީ ޝަމީމް މުހައްމަދު ހައްޔަރުކުރާށެވެ. އެއީ އެ ބިމުގައި ހަދާފައި ހުރި އިމާރާތަށް ވަދެ ހަމަނުޖެހުން ހިންގުމުގައި ކައުންސިލް ރައީސްގެ ބައިވެރިވުން ވެސް އޮތް ކަމަށް ތުހުމަތުކޮށްފައި ކަމަށް، އެ ރަށު މީހުން ބުންޏެވެ.
އެ މީހުން ބުނީ ރައްޔިތުން ނުކުމެ އެކަމާ ދެކޮޅަށް އަޑުއުފުލުމުން، ފުލުހުންނަށް އޭނާ ހައްޔަރުކުރަން ނުކެރުނީ ކަމަށެވެ.
"ރައްޔިތުން ބޭނުންވަނީ އެއީ ގަވައިދާ ހިލާފަށް ކުރީގެ ކައުންސިލަކުން ދޫކޮށްފައި އޮތް ބިމަކަށް ވާތީ އެތަން އަތުލައި، ކައުންސިލްގެ ބެލުމުގެ ދަށަށް އެ ބިން ނަގަން. އެއީ ރައްޔިތުންގެ ބިމެއް،" އެ ރަށު މީހަކު ބުންޏެވެ.
ކުޑަފަރި ކައުންސިލުގެ ރައީސް ފޯނު ނުގަންނަވާތީ އޭނާގެ ބަހެއް މިކަމާ ބެހޭ ގޮތުން ނުލިބުނެވެ. އަދި މި ހަމަނުޖެހުމާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް ވެސް އަދި ނުލިބެ އެވެ.
މައްސަލަ އުފެދިފައިވާ ބިމުގައި ވިޔަފާރިކުރާ މެމްބަރު އީސާގެ ކުންފުނި، އެބޭޒް އިންވެސްޓްމަންޓުން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ކުންފުނިން ކުއްޔަށް ހިފާފައިވާ ކުޑަފަރި "ސުވާސްތި" ގޯއްޗާއި އެ ގޯތީގައި ހަދާފައިވާ ދެ ކޮޓަރީގެ ބީޗްހައުސްއަށް މި މަހުގެ ހަތަރު ވަނަ ދުވަހު ހުއްދަ ހޯދުމަކާ ނުލައި 30 މީހުންގެ ގްރޫޕަކުން ވަދެ، އެތަނަށް ގެއްލުން ދީފައިވާ ކަމަށެވެ.
އެ ގްރޫޕުން އެތަނަށް ވަދެ، އެތަން ބެލެހެއްޓުމާ ހަވާލުވެ ތިބި މީހުންނަށް ބިރުދައްކައި، އެތަނުން ނެރެ، އެތަން މިހާރު ހިސޯރުކޮށްފައިވާ ކަމަށާއި އެ ގްރޫޕުގައި ކުޑަފަރި ކައުންސިލުގެ ދެ މެމްބަރުން ވެސް ހިމެނޭ ކަމަށް އެ ބަޔާނުގައި ބުންޏެވެ.
އެ މައްސަލަ، އެ ކުންފުނީގެ ފަރާތުން ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ވެސް ބުންޏެވެ.
"މި ކުންފުނީގެ މުވައްޒަފުންނަށް ބިރުދައްކައި، މި ކުންފުނީގެ މުދަލަށް ގެއްލުންދީ މި ކުންފުނީގެ މުދާ ފޭރުމަކީ ގާނޫނީ މުޖުތަމައުއެއްގައި އެއްވެސް ވަރަކަށް ހިނގައިގެންވާނެ ފަދަ ކަންކަމެއް ނޫނެވެ. އަދި މި ކުންފުނީގެ މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި މި ކުންފުނީގެ މުދަލުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ގާނޫނީ ގޮތުން ކުރަންޖެހޭ ކޮންމެ ކަމެއް މި ކުންފުނީގެ ފަރާތުން ކުރަމުން ގެންދާނެ ވާހަކަ ދަންނަވަމެވެ،" އެ ބަޔާނުގައިވެ އެވެ.