ގެއްލޭ މީހުން ހޯދުމުގައި ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ފުލުހުންނާއި މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީއިން މިއަދު ބޭއްވި ބައްދަލުވުން: އެ ބައްދަލުވުމުގައި މިއަދު ވަނީ މިދިޔަ މަހު ފަސްވަނަ ދުވަހު މާލެއިން ގެއްލުނު އަހްމަދު އާސިރު ހޯދުމަށް ކުރެވުނު ތަހުގީގުގައި ކަން ހިންގާފައިވާ ގޮތާ ގުޅޭގޮތުން މަޝްވަރާ ކޮށްފައި. -- ފޮޓޯ: މަޖިލިސް
07 މާޗް 2023 - 17:46
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ކެމެރާތައް ވަގުތުން ބެލުމުގެ ހުއްދަ ފުލުހުންނަށް ލިބިފައި ނުވާ ކަމަށް ވިދާޅުވެ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ގެއްލިގެން ހޯދަމުން އަންނަ މީހުންގެ މައުލޫމާތު ސާފުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ އަށް މިއަދު ވަނީ ފުލުހުން ހާޒިރުކޮށް ސުވާލުކޮށްފަ އެވެ.
ކޮމެޓީގެ ބައްދަލުވުމުގައި ބޮޑަށް މަޝްވަރާކޮށްފައި ވަނީ މިދިޔަ މަހު ފަސްވަނަ ދުވަހު މާލެއިން ގެއްލުނު އަހްމަދު އާސިރު، 31، ހޯދުމަށް ހިންގި ތަހުގީގުގައި ކަން ހިންގާފައިވާ ގޮތާ ގުޅޭގޮތުންނެވެ.
ކޮމެޓީގައި، ފުލުހުންނަށް އެއާޕޯޓުގެ ކެމެރާތަކުގެ ފުޓޭޖް ލިބޭތޯ މެމްބަރަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ސީޕީ ވިދާޅުވީ ވީޑިއޯ ފުޓޭޖްތައް ހޯދުމަށް ފުލުހުންނަށް ގޮންޖެހުންތަކެއް ހުރި ކަމަށެވެ.
"އެއާޕޯޓު ކެމެރާތަކުގެ ފުޓޭޖަކީ ތަހުގީގަކާ ގުޅުވައިގެން ހޯދޭނެ ފުޓޭޖް. ނަމަވެސް އެ ތަނުގައި ގާއިމްވެ ތިބޭ ފުލުހުންނަށް ރިއަލް ޓައިމްކޮށް ސީސީޓީވީ ފުޓޭޖްތަކަށް އެކްސެސްއެއް ނޯވޭ."
ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ -- ފައިލް ފޮޓޯ: ނިޝާން އަލީ/ މިހާރު
ސީޕީ ވިދާޅުވީ އެއާޕޯޓް ކެމެރާތަައް ފުލުހުންނަށް ނުލިބޭކަމުގެ ކަންބޮޑުވުން، މަޖިލީހުގައި މީގެ ކުރިން ވެސް ފާޅުކުރައްވާފައި ވާނެ ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެއާޕޯޓެއް ނޫނީ އެއާސައިޓެއް ކަމަށްވިޔަސް އެ ތަނެއްގައި ޖިނާއީ އަދި އާންމު ރައްކާތެރިކަމާ ގުޅުމެއް ހުރި ތަނެއް ކަމަށް ވަންޏާ އެއީ ފުލުހުންގެ އިހުތިސާސް ހިނގާ ކަންކަން،" އޭނާ ވިދާޅުވި އެވެ.
އެ ތަންތަނުގެ ފުޓޭޖް ފުލުހުންނަށް ވެސް ބެލެން ޖެހޭނެ ކަމަށް ސީޕީ ވިދާޅުވި އެވެ.
މިއަދުގެ ކޮމެޓީގައި ފުލުހުން ވަނީ މީހަކު ގެއްލިގެން ރިޕޯޓު ކުރުމުން ފުލުހުން ތަހުގީގު ކުރިއަށް ގެންދާ ގޮތް ކިޔައިދީފަ އެވެ. އެގޮތުން އާސިރު ގެއްލިގެން ރިޕޯޓު ކުރި ދުވަހުން ފެށިގެން އޭނާ ފެނުމާ ހަމައަށް ކަންތައްވީގޮތް ފުލުހުން ހިއްސާކުރި އެވެ.
މި މަހުގެ ފަސް ދުވަހު ޑިއުޓީ އަށް ދާން ގެއިން ނުކުތް ފަހުން ވީނުވީއެއް ނޭނގި ގެއްލުނުތާ 13 ދުވަސް ފަހުން ވެލާނާ އެއާޕޯޓުގައި އިންދައި ފެނުނު އަހުމަދު އާސިރު އެ ދުވަސްތަކުގައި އުޅުނު ތަނެއްގެ ވާހަކަ މިއަދާ ހަމައަށް ވެސް ނޭނގެ އެވެ.
އާސިރު ފެނުނީ މިދިޔަ މަހު 17 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި، ވެލާނާ އެއާޕޯޓްގެ އިންޓަނޭޝަނަލް ޓާމިނަލްގެ ވެއިޓިން އޭރިއާގެ ގޮނޑިއެއްގައި އިށީނދެގެން އިންދަ އެވެ.
ކޮމެޓީގައި ވާހަކަ ދައްކަވަމުން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވީ، އާސިރު ހޯދުމަށް މާލޭގެ ކެމެރާތައް ބެލުމަށްފަހު ފުލުހުންގެ ތަހުގީގަށް ލިބުނު މައުލޫމާތުން އެއާޕޯޓު ވެސް ބެލި ކަމަށެވެ. ނަމަވެސް އެކަމުން ކުރިއެރުމެއް ނުލިބުނު ކަމަށް އޭނާ ވިދާޅުވި އެވެ.
"މި މަސައްކަތް ކުރަމުންދިޔައިރު އަޅުގަނޑުމެންނަށް ފާހަގަ ކުރެވުނީ (އާސިރު) އެއާޕޯޓަށް ގޮސްފައިވާކަން. އެއާޕޯޓުން އަޅުގަނޑުމެން އެތަނުގައި ހުރި ސީސީޓީވީ ފުޓޭޖަކުން، ޓެކްސީއަކުން އާސިރު އެއާޕޯޓަށް ފައިބާތަން ފެނޭ. ޓެކްސީ ވެސް ހޯދުމަށްފަހު އެ ޓެކްސީ ޑްރައިވަރު އަޅުގަނޑުމެން ގެންގުޅުނީ މިކަމުގައި. އެއީ މި މައްސަލަ ނިމިގެންދާއިރު ޑްރައިވަރަށް އެއްވެސް ގޮތަކުން އިތުރު މައުލޫމާތެއް ލިބި، ނުވަތަ އަޅުގަނޑުމެންނަށް ހާމަ ނުުކުރާ މައުލޫމާތެއް އެ ޑްރައިވަރުގެ ފަރާތުން އެނގިދާނެ ކަމަށް ބަލާފައި،" ޝުޖާއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އާސިރު ހޯދުމަށް ތަހުގީގުކޮށް ތަންތަން ބަލަމުންދިޔައިރު ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ އެއާޕޯޓުގެ ކެމެރާތައް ހަރުކޮށްފައި ހުރި ގޮތުން "ބްލައިންޑް ސްޕޮޓްތައް" ގިނަކަމުން ކަމަށެވެ.
އެއާޕޯޓުން އާސިރު ފެނިފައިވަނީ ވެސް އެއާޕޯޓުގެ ކެމެރާތަކަށް ނުފެންނަ 'ބްލައިންޑް ސްޕޮޓަކުން' ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ ކެމެރާއިން އެންމެ ފަހުން ފެނުނު ފަހުން ދެން އާސިރު ދިޔަ ތަނެއް އަޅުގަނޑުމެންނަކަށް ފެނިފައެއް ނެތް."
ފުލުހުން ވަނީ އާސިރު ހޯދުމަށް ވެލާނާ އެއާޕޯޓާއި ޑޮމެސްޓިކް ޓާމިނަލް ވެސް ބަލައިފަ އެވެ. އަދި މާލެއާ ކައިރި ރަށަކަށް ލޯންޗެއްގައި ދިޔަތޯ ބެލުމަށް މާލެއާ ކައިރި ރަށްރަށުގެ ކައުންސިލްތަކާ ގުޅިގެން ވެސް މަސައްކަތް ކުރި ކަމަށް ޝުޖާއު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ބެލިން އާސިރު އެއާޕޯޓުން ބަހަކުން، މާލެ އަށް ނޫނީ ހުޅުމާލެ އަަށް ދިއުމުގެ ފުރުސަތު އޮތުމުން އެގޮތަށް ވެސް ދިޔަތޯ. މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ ހުރިހާ ގެސްޓްހައުސްތައް ވެސް ބެލުނު،" އޭނާ ވިދާޅުވި އެވެ.
"އެއިން އެއްވެސް ތަނަކުން ނުފެނުމުން އަނެއްކާ ވެސް އަޅުގަނޑުމެން ބެލީ އެއާޕޯޓު ތެރޭގައި އޭނަ އުޅެފާނޭ. އެއާޕޯޓަށް އަންނަ ފަރާތްތަކަށް އާސިރުގެ ފޮޓޯ ދައްކައި، ފެނުނުތޯ އަހައި މަސައްކަތްތަކެއް ކުރެވިގެން ދިޔަ، އޭނާ ފެނުނު އެއްވެސް މީހަކު ހުރިތޯ. އެއާޕޯޓުގައި ހުސް ސަރަހައްދުތައް ހުރުމާއެކު އެއާޕޯޓުގައި މަސައްކަތްކުރާ ފުލުހުންގެ އޮފިސަރުން ލައްވައި މުޅި އެއާޕޯޓު އެއްކޮށް ސާޗް ކުރިން އެއް ދުވަސް އެއްކޮށް."
އާސިރު ފެނުނުމުން ވިކްޓިމް ސަޕޯޓާއި އާއިލާއާ ގުޅިގެން އެދިޔަ ދުވަސްތަކުގައި އޭނާ އުޅުނީ ކޮން ތަނެއްގައިތޯ ހޯދުމަށް މަސައްކަތް ކުރެވުނު ނަމަވެސް އެއްވެސް ވާހަކައެއް ނުދައްކާތީ މިހާތަނަށް އިތުރު ކަމެއް ފުލުހުންނަށް ވެސް ހޯދިފައެއް ނުވެ އެވެ.
އާއިލާއިން މީގެ ކުރިން ބުނެފައިވާ ގޮތުގައި އާސިރަކީ ނަފްސާނީ ބައްޔަކަށް ފަރުވާހޯދާ މީހެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަރުބާދު
08 March 2023
ތިވަރިއްޔާ އެއަރޕޯޓުން އެތެރެވާ ޑޮރަގް ގެއްލުނަސް އޯކޭދޯ؟. ގައުމުގެ ފުލުހުންނައް އެކްސެސްނުލިބޭ ތީ އަމިއްލަ ވިޔަފާރިއެއްތަ؟.
ބޮޑުމީހާ
08 March 2023
ކިތަންމެ ވަރަކަށް ރިސޯސް ދިނަސް ނަތީޖާއެއް ނުކުންނަތަނެއް ނުފެނޭ. އަފްރާޝީމްގެ މަރު، އެންމެ ފަހުން މަރުވި ރަޝީދު، ޔާސިރު ކޭސް ، މިހެން ގޮސް ކިޔާނެ ކަމެއް ނެތް. ދުވަހަކުވެސް މައްސަލައެއް ނިމި އެކަމުގެ ތަފްސީލު ނާދޭ
ހަސަނު
08 March 2023
ކުންފުނީގެ ސީއީއޯ އާއި ކުންފުނީގެ ބޯޑު ހުރިހާ މެމްބަރުން ހައްޔަރު ކޮށް ތަހުގީގު ކުރޭ.. ފުލުހުންގެ މަސައްކަތަށް ހުރަސް އެޅުމަކީ ކުށެއް ކަން ހުރިހާ އެންމެން ދަންނަންޖެހޭ..
ކަމަރޭ
08 March 2023
އިންޑިޔާ އެމްބަސީ އައްތޯ ލިބެނީ ބުނާތީ އިވޭ އިންޑިޔާ ކަޅު މާވަހަރެކޭ މިގައުމު ހިންގަނީ ލޮލް
ޒުލްފިގާރުގ
08 March 2023
މިގައުމުގެބިރުވެރިކަން މިވަނީ ހައްދުއްންނެއްޓިފަ ކޮލަންބިޔާ މެކްސިކޯ ސޫދާން ފަދަ ނުރައްކާ ގޭންގުތަކު އުޅޭގައުމުތަކައްވުރެސް މިގައުމުގަ ނުރައްކާބޮޑެވެ ސަބަބަކީ މިގައުމުގެ ފުލުހުންނާ ސިފައިންގެ އެއްވެސް ބާރެއް އާރެއްނެތެވެ އެގައުމުތަކުގެ ފުލުން ގޭންގުތަކާ ކުރިމަތިަލައި ހަމަލަދި ބަލިކުރެއެވެ މިގައުމުގަ އެގަހުކޭލެއް މިގަހުކޭލެއް ވަތްކެއްނުވއެވެ ހެދުންބަދަލްކޮއްފިނަމަ ފެންނަނީ މުޅިންވެސް ގޭންގުމީހުންނެވެ
ސީޕީގެ އައްޕަ
08 March 2023
ބަލަގަ ދަރިފުޅާ، ބްރިޖުގަހުންނަ ކެމެރާތަކުގެ ލައިވްފީޑްވެސް ދަރިފުޅަށް ނުލިބެނީތަ؟ ކުރީދުވަހުވެސް ބައްޕައަށް ވައި އަޅުވާލާފަ ޖީއެންސައިކަލެއް ދިޔަ، ބޯދިގު ސޮރެއްއިނީ ދުއްވަން. އަދި ރަތްބޮތްކަށް މަޑުނުކޮށް ދިޔައީވެސް. ބައްޕަހީކުރީ އެހާބައިވަރު ކެމެރާ ލައިޓްތައްކައިރީ ހަރުކޮށްފަހުރުމުން އަނެއްލައިޓްއާއި ދިމާލުގަ ހުންނަ ފުލުސްމީހާ އެސޮރު ހިފަހައްޓާނެކަމަށް. އެކަމު ނުހިފެހެއްޓުނު. ދެން ދަރިފުޅު ހަރުކުރަންބުނި ސްޕީޑް ކެމެރާތަށް ކާކަށްތޯދިނީ؟
އިސްލާހު
08 March 2023
ފުލުހުން ބޭނުންވެގެން ރިކްއެސްޓްކުރުމުން ލިބެންހުރި ފްޓޭޖްތައް ފްލުހުންނަށް ފޯރުކޮށް ދެވުނު ، ކެމެރާ ހަރުކޮށްފަ ނެތްތަނެއްގެ ފްޓޭޖް ކިހިނެއްތޯ ދޭނީ. ކޮންމެ ތަނެއްގަވެސް ކަންކަން ކުރުމަށް އަމަލު ކުރާނެ އުސޫލު ތަކެއް ހުންނާނެ ނޫންތޯ.
ސެކިއުރިޓީ
08 March 2023
އުސޫލަކީ ކެމެރާ ނެތުންކަމަށް ވަންޏާ ، އެއީ ވަރަށް ހިތާމަ ހުރިކަމެއް… އިންޓަނޭޝަނަލް އެއަރޕޯޓެއްގަ އާންމުން ހިގާބިގާ އުޅެން އޮންނަ ސަރަހައްދެއްގަ ކެމެރާ ނެތުން އެއީ ޤަބޫލު ކުރެވޭނެ ވާހަކަ އެއްނޫން… ތިއުސޫލުގަ ހިފައިގެން ނުތިބެ ދެންވެސް ކެމެރާތައް ހަރުކުރެވޭތޯ ބަލާބަ..
ރަންދެލި
08 March 2023
ސުރުޚީ: އެއާޕޯޓު ކެމެރާތަކުގެ 'ފުޓޭޖް ފުލުހުންނަކަށް ނުލިބޭ'-ސީޕީ. ލިޔުމުގަ އޮތީ 'ވަގުތުން ބެލުމުގެ ހުއްދަ' ނުވަތަ 'ލައިވްފީޑް' ފުލުހުންނަށް ލިބިފައި ނުވާ ކަމަށް. ޤާނޫނަކުން ހުއްދަވިޔަސް ނުވިޔަސް، ފުލުހުން ބޭނުންވާ ހުރިހާ އެއްޗެއް އެއްވެސް ހިފެހެއްޓުމެއްނެތި ލިބެމުންދާ ގައުމެއްގާ ތިޔަ ލައިވްފީޑް ބޭނުންނަމަ ފުލުހުންނަށް އޮންނާނީ ލިބިފަ. ލައިވްފީޑް ނުލިބުނަސް ރެކޯޑިންގް ލިބޭ ކަމަށް ދޭހަވޭ. އެހެންވީމާ ގެއްލުނު މީހާ ނުފެނުނީ ލައިވްފީޑް ނުލިބިގެން؟
ކިރު ސައި
08 March 2023
ހުރިހާ ތަނެއްގެ ހުރިހާ ކެެމެރާ ފީޑް ރިއަލްޓައިމް އެކްސެސް ފުލުހުންނަށް ދޭކަށް ނުޖެހޭ، ދޭކަށްވެސް ނުވާނެ.
ަސޭޑް
08 March 2023
ކަމެއްވާބައެއްނޫން. ކޮން ބަހަނާތަކެއް. އިންޑިޔާއަށްތަ ކެމެރާ ފުޓެޖުބަލަން ހަވާލުކުރީ ސީޕީ ހަމީދޫ