މި ދުވަސްވަރަކީ ރާއްޖެ އަށް ވަރަށް ހޫނު ގަދަ ދުވަސްވަރަކަށް ވާތީ ރައްކާތެރިވުމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސެންޓަރު (މެޓް) އިން އިލްތިމާސްކޮށްފި އެވެ.
މާލެ ސަރަހައްދަށް 39.3 ޑިގްރީ ސެލްސިއަސްއަށް ހޫނުމިން އިހުސާސް ކުރެވޭނެ ކަމަށާއި ކައްދޫ އާއި ހަނިމާދޫ އަށް 40.4 ޑިގްރީ ސެލްސިއަސް އަށް ހޫނުމިން އިހުސާސް ކުރެވޭ ކަމަށް މެޓުން އާންމުކުރި މައުލޫމާތުގައިވެ އެވެ..
މިއީ ކޮންމެ އަހަރަކު ވެސް ރާއްޖެއަށް އެންމެ ހޫނުވާ މަސް ކަމަށް ވާއިރު ކޮންމެ ދުވަހަކު ވެސް އެންމެ ހޫނު ގަދަ ވާނީ މެންދުރު ފަހު 2:00 ގައި ކަމަށް ވެސް މެޓް އޮފިހުން ބުންޏެވެ.
ހޫނުން ރައްކާތެރިވުމަށް ކުރެވިދާނެ ބައެއް ކަންކަން
- ހޫނު ގަދަ ގަޑިތަކުގައި ކުޅިވަރު ކުޅުމާއި ބޭރުގައި އެކި ހަރަކާތްތައް ހިންގުމުގެ ބަދަލުގައި އެތެރޭގައި ނުވަތަ ހޫނު މަޑުވަގުތުތަކުގައި އެކަން ކުރުން
- އަވީގައި އުޅޭ މިންވަރު މަދުކުރުން
- ކަރުނުހިއްކި ނަމަވެސް ގިނައިން ފެން ބުއިން
- ހަކުރު އަދި ކެފެއިން ހުންނަ ބުއިންތަކާ ދުރުވުން
- ބޭރަށް ނިކުންނަ ނަމަ އަވިން ރައްކާތެރިވުމަށް ޔޫވީ ފިލްޓާ އައިނެއް އެޅުން، ސަންސްކްރީން ލޯޝަން އުނގުޅުމާއި ތޮފި އެޅުމާއި ގަޔަށް ދޫހެދުން ލުން.
ހިސާބުތައް ދައްކާ ގޮތުން ރާއްޖޭގައި އެންމެ ހޫނު ގަދައީ އުތުރުގަ އެވެ. އުތުރުން ހދ. ހަނިމާދޫގެ މިދިޔަ 29 އަހަރު އޭޕްރީލް މަހުގެ އެވްރެޖް ފިނިހޫނުމިނަކީ 29.7 ޑިގްރީސެލްސިއަސް އެވެ. ދެން އެންމެ ހޫނީ ރާއްޖޭގެ މެދުތެރެއަށެވެ. ހުޅުލޭގެ 29 އަހަރުގެ ހިސާބުތަކުން ދައްކަނީ އޭޕްރީލް މަހުގެ އެވްރެޖް ފިނިހޫނުމިނަކީ 29.6 ޑިގްރީސެލްސިއަސް ކަމަށެވެ. ދެކުނުން ސ. ގަމަށް ބަލާއިރު މިދިޔަ 29 އަހަރު އޭޕްރީލް މަހުގެ އެވްރެޖް ހޫނުމިނަކީ 28.9 ޑިގްރީސެލްސިއަސް އެވެ.
މެޓުން ބުނީ މި ދުވަސްވަރު ވައި މަޑުކަމުން ވައިގެ ތެއްކަން މަތިކޮށް ހިފެހެއްޓިފައި ހުންނާނެ ކަމަށާއި ވައިގެ ހޫނުމިނަށް ވުރެ އިހްސާސްކުރެވޭ ހޫނުމިން އެތައް ގުނައެއް މަތިވާނެ ކަމަށެވެ.