ރ. ދުވާފަރު ޕްރައިމަރީ ސްކޫލުގެ ޕްރިންސިޕަލްއާ މެދު ހިތްހަމަނުޖެހިގެން، ބެލެނިވެރިން މިއަދު ދަރިވަރުން ސްކޫލަށް ފޮނުވަން ދެކޮޅު ހަދައިފި އެވެ. އެހެންވެ، 600 އަށް ވުރެ ގިނަ ދަރިވަރުން ކިޔަވާ އެ ސްކޫލަށް މިއަދު ދިޔައީ އެންމެ 12 ދަރިވަރުންނެވެ.
ދުވާފަރު ކައުންސިލުން ބުނީ ތިން ސްކޫލު ހުންނަ އިރު، ރަށުގެ ޕްރައިމަރީ ސްކޫލުގެ ޕްރިންސިޕަލްއާ މެދު ހިތްހަމަނުޖެހިގެން، އޭނާ ބަދަލު ކުރުމަށް މިދިޔަ އަހަރު ވެސް ބެލެނިވެރިން އެދިފައިވާ ކަމަށެވެ. އެކަމަކު ޕްރިންސިޕަލް ބަދަލު ނުކުރުމާއި ސްކޫލުގެ ހާލަތު ޓީޗަރުން ރޭ ބެލެނިވެރިންނާ ބައްދަލުކޮށް ކިޔައިދިނުމުން ބެލެނިވެރިން ހިތްހަމަނުޖެހި، މިއަދު ސްކޫލު ދޮށުގައި މުޒާހަރާކޮށްފައިވާ ކަމަށް ބުންޏެވެ.
ބެލެނިވެރިންގެ ޝަކުވާއަކީ ސްކޫލު ވަރަށް ބޮޑަށް މަރާމާތު ކުރަން ޖެހިފައިވާއިރު އެކަންކަން އެޑިއުކޭޝަނުގެ ސަމާލުކަމަށް ޕްރިންސިޕަލް ގެނެސްފައި ނުވުމެވެ. އަދި ރަށުން ބޭރުގެ އެ ޕްރިންސިޕަލް، ސްކޫލުގެ ޓީޗަރުންނާއި ބެލެނިވެރިންނާ އެއްވެސް ގުޅުމެއް ނުބޭއްވުމާއި ސްކޫލުގެ ފާހާނާތައް ހަލާކުވުމާއި ދަރިވަރުންނަށް ބޯފެން ލިބޭނެ ގޮތް އެތަނުގައި ނެތުމާއި ޑެސްކު ފަދަ ތަކެތި ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާއިރު ވެސް އެކަންކަން މިނިސްޓްރީއަށް އަންގާފައި ނުވުން ކަމަށް ކައުންސިލުން ބުންޏެވެ.
"މިދިޔަ ބޮޑު ބަންދުގެ ކުރިން ވެސް މިނިސްޓްރީން ސްކޫލުުގައި އެދިފައިވޭ އެއްވެސް މަރާމާތެއް ނުވަތަ ވަސީލަތެއް ބޭނުންވާ ނަމަ އެކަން އެތަނަށް އެންގުމަށް. އެކަމަކު ޕްރިންސިޕަލް އެންގީ އެއްވެސް ކަމެއް ބޭނުން ނުވާ ކަމަށް،" ކައުންސިލްގެ އޮފިޝަލަކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޓީޗަރުން ވެސް ނިންމައިގެން ތިބީ މިއަދު ކިޔަވައިދޭން ނުނިކުންނާށެވެ.
"ރޭގެ ބައްދަލުވުމަށް ނުދާ ބެލެނިވެރިންގެ ދަރިވަރުން ސްކޫލަށް އައީ ވެސް. ޓީޗަރުން ވެސް ބޭނުމެއް ނުވި ކިޔަވައިދޭކަށް. އެކަމަކު އެޑިއުކޭޝަނުން އެންގުމުން ޓީޗަރުން ކްލާސް ރޫމަށް ދިޔައީ،" ގްރޭޑް ހަޔަކާ ހަމައަށް ކިޔަވައިދޭ އެ ސްކޫލުގެ ޓީޗަރުންނާ ހަވާލާދީ އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިއަދު ހެނދުނު ސެޝަނުގެ ކިޔެވުން ފެށޭ ގަޑިއަށް 300އެއްހާ ބެލެނިވެރިން ސްކޫލު ދޮށަށް އެއްވެ، ޕްރިންސިޕަލް ބަދަލު ކުރުމަށް ގޮވާލާފައިވާ ކަމަށެވެ. އަދި ސްކޫލުގެ ގޭޓުގައި ތަޅު އަޅުވަން އުޅުމުން ފުލުހުން ވަނީ އެކަން ހުއްޓުވާފަ އެވެ.
މިކަން އެޑިއުކޭޝަނުގެ ސަމާލު ކަމަށް އައުމުން، މައްސަލަ ހައްލު ކުރުމަށް ތިން ދުވަހުގެ މުހުލަތެއް ދިނުމަށް ވަނީ އެދިފަ އެވެ.
"ތިން ދުވަސް ވާންދެން ދަރިވަރުން ސްކޫލަށް ފޮނުވުމަށް ބެލެނިވެރިން އެއްބަސްވި. އެކަމަކު އެ މީހުން ގެއަށް ދިޔައީ ޕްރިންސިޕަލް ބަދަލު ނުކޮށްފި ނަމަ އެނބުރި މުޒާހަރާ ކުރާނެ ކަމަށް ބުނެ،" އޮފިޝަލް ވިދާޅުވި އެވެ.