ހައްޖާއި އުމްރާގެ ފައިސާ އޮންލައިންކޮށް ދެއްކޭ ގޮތް ހަދައިފި

ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖާއި އުމްރާ އަށް ދާން ބޭނުންވާ މީހުންނަށް އޮންލައިންކޮށް ފައިސާ ދެއްކޭނެ ގޮތް ހެދުމަށް "ފަހެލި" ނަމުގައި އޮންލައިން ޕޯޓަލްއެއް މިއަދު އިފްތިތާހުކޮށްފި އެވެ.


އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައި މި ޕޯޓަލް އިފްތިތާހުކޮށް ދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދެވެ. މި ޕޯޓަލް މެދުވެރިކޮށް ހައްޖު ކޯޕަރޭޝަންގެ ހުރިހާ ހިދުމަތެއް ލިބިގެންދާނެ އެވެ.

ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ޔާމީން އިދުރީސް ވިދާޅުވި ގޮތުގައި އަލަށް ތައާރަފް ކުރި އޮންލައިން ޕޯޓަލްއަކީ ހައްޖު ކޯޕަރޭޝަންގެ ހިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް ފަހިކޮށްދެވޭ މަގެކެވެ.

"މި ޕޯޓަލްގެ މަގްސަދަކީ ހިދުމަތް ހޯދުމަށް ކޯޕަރޭޝަންގެ އޮފީހަށް އަންނަން ނުޖެހި، އެމީހަކު ހުރި ތަނަކުން ހައްޖު ކޯޕަރޭޝަންގެ ހިދުމަތްތައް ލިބޭނެ ގޮތް މަގު ފަހިކޮށްދިނުން،" ޔާމީން ވިދާޅުވި އެވެ.

އޮންލައިން ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީވުމާއި ފައިސާ ދެއްކުމާއި ކޯޕަރޭޝަނުން އިންތިޒާމު ކުރާ ހައްޖާ އުމްރާގެ ދަތުރުތަކާ ބެހޭ ތަފްސީލްތައް އޮންލައިންކޮށް ލިބޭނެ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.

ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ޔާމީން. ހައްޖު ކޯޕަރޭޝަންގެ އޮފީހަށް ނުގޮސް، އޮންލައިންކޮށް ހިދުމަތް ހޯދޭނެ ކަމަށް އޭނާ ވިދާޅުވި. - ފޮޓޯ: ހައްޖު ކޯޕަރޭޝަން

ހައްޖު ކޯޕަރޭޝަންގެ ޕޯޓަލްއިން ލިބޭ ހިދުމަތްތައް

- ކޯޕަރޭޝަންގައި ރަޖިސްޓްރީކޮށް ފައިސާ ދެއްކޭނެ

- މެމްބަރުންގެ އެކައުންޓުގެ ތަފްސީލް ބެލޭނެ

- ކޯޓާ ލިބިގެން ޖާގައިގެ ތަރުތީބަށް އަންނަ ބަދަލުތައް އެނގޭނެ

- ހައްޖާއި އުމްރާ ދަތުރުތަކަށް ފައިސާ ދެއްކޭނެ

- އަގީގާ އާއި ސޮދަގާތުގެ ކަތިލުންތަކަށް ފައިސާ ދެއްކޭނެ

މި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ވިދާޅުވީ އަލަށް ތައާރަފް ކުރި ޕޯޓަލްގެ ސަބަބުން ހައްޖު ކޯޕަރޭޝަންގެ ހިދުމަތްތަކާ މެދު އާންމުން ކުރާ އިތުބާރު ބޮޑުވެގެން ދާނެ ކަމަށެވެ. އަދި ވޭތުވެދިޔަ ކުރު ތާރީހުގެ ތެރޭގައި ހައްޖު ކޯޕަރޭޝަނުން ގިނަ މަސައްކަތްތަކެއް ކޮށްފައި ހުރި އޭނާ ފާހަގަކުރެއްވި އެވެ.

ޒިޔާދު ވިދާޅުވި ގޮތުގައި ވޭތުވެދިޔަ ތިން އަހަރު ތެރޭގައި ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި 2800 އަށްވުރެ ގިނަ މީހުން ހައްޖަށް ދިޔަ އެވެ. އަދި އޭގެ ތެރެއިން ގިނަ ބަޔަކު ހައްޖު ކޯޕަރޭޝަނުން ފޯރުކޮށްދިން ހިދުމަތްތަކާ މެދު ހިތްހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެއިތުރުން ސަރުކާރުގެ އިދާރާތަކާއި އަމިއްލަ ކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހައްޖުގެ އަޅުކަން ފަހިކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ނުވަ އުމްރާ ދަތުރު ހައްޖު ކޯޕަރޭޝަނުން ރާވައި ހިންގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އިސްލާމިކް މިނިސްޓަރު ޒިޔާދު. ވޭތުވެދިޔަ ތިން އަހަރު ތެރޭގައި ހައްޖު ކޯޕަރޭޝަނުން ގިނަ ކަންކަން ފުރިހަމަކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި. - ފޮޓޯ: ހައްޖު ކޯޕަރޭޝަން

ޔާމީން ވިދާޅުވި ގޮތުގައި ހައްޖު ކޯޕަރޭޝަން އުފެދުނު ފަހުން ހައްޖާއި އުމްރާގެ ދަތުރުތަކުގެ ފެންވަރު ވަނީ ވަރަށް ބޮޑަށް ރަނގަޅު ކުރެވިފަ އެވެ. ހައްޖާއި އުމްރާގެ އަޅުކަމަކީ ބުރަ ކަމަކަށް ވިޔަސް، ވީވަރަކުން އެ ބުރައަށް ލުޔެއް ހޯދުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ފާއިތުވެދިޔަ ތަނުގައި ހައްޖާއި އުމްރާގެ އަޅުކަން އަދާކުރުމަށް ރައްޔިތުން އުފުލި އެތައް ތަކްލީފަށް މި ވަނީ ލުޔެއް ހޯދައިދީފައި،" ޔާމީން ވިދާޅުވި އެވެ.

ހައްޖާއި އުމްރާ އަށް ދާ ގިނަ މީހުންނަކީ އުމުރުން ދުވަސްވެފައި، ޓެކްނޮލޮޖީއާ ގާތް ބަޔަކަށް ނުވި ނަމަވެސް، އެ މީހުންނަށް އެހީތެރިވާން ތިބޭ މީހުންނަށް ވަރަށް ބޮޑު ފަސޭހައެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހައްޖު ދަތުރުތަކުގައި އިދާރީ ގޮތުން ގިނަ ކަންކަން ހިމެނޭއިރު، ދަތުރާ ބެހޭ ހުރިހާ މައުލޫމާތުތަކެއް މޮބައިލް ފޯނު މެދުވެރިކޮށް ލިބޭނެ ގޮތްވުމަކީ ހުރިހާ އެންމެންނަށް ލިބޭނެ ފަސޭހައަކަށް ވެގެންދާނެ. ކުރިއަށް އޮތް ތަނުގައި ކޯޕަރޭޝަނުން ފަސޭހަ އަދި އަވަސް ވަސީލަތްތަކެއް ފޯރުކޮށްދެމުން ދާނަން،" އޭނާ ވިދާޅުވި އެވެ.