ޔާމީން ޖަލަށް ވަޑައިގަތުމަށް ލޯންޗަށް އަރައިވަޑައިގަންނަވަނީ: ކޯޓު އަމުރެއް ނެތި ބޭންކް ސްޓޭޓްމަންޓްތައް ފުލުހުން ހޯދާތީ ޔާމީން ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައި --- ފޮޓޯ/މިހާރު
30 މެއި 2023 - 14:51
ކޯޓު އަމުރެއް ނެތި ބޭންކް އެކައުންޓް ސްޓޭޓްމަންޓްތައް ފުލުހުން ހޯދާފައިވާތީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކްރިމިނަލް ކޯޓުގައި މިއަދު ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.
ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތު ގަބޫލު ކުރައްވައި އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ ޔާމީންގެ އިތުރުން ސަން އިންވެސްޓްމަންޓާއި ސަން ކޮންސްޓްރަކްޝަން ކުންފުނި އަދި އަހުމަދު ކްރިކް ރިޒާގެ މައްޗަށް ދައުވާ ކުރެ އެވެ.
އެ މައްސަލާގައި ކޯޓު އަމުރެއް ނެތި ބޭންކް ސްޓޭޓްމަންތައް ހޯދާފައިވާތީ އެ ހެކިތައް ބަލައި ނުގަނެވޭނެ ކަމަށް ކަނޑައަޅަން ޔާމީނާއި ކްރިކް ރިޒާގެ ފަރާތުން ހުށަހެޅުމެއް ހުށަހަޅާފައިވެ އެވެ.
އެ މައްސަލާގައި ބޭއްވި އަޑުއެހުމުގައި ޔާމީން ވިދާޅުވީ، ކޯޓު އަމުރެއް ނެތި ފުލުހުން ބޭނުންވާ ގޮތަށް އެކައުންޓް ސްޓޭޓްމަންޓް ހޯދުމުގެ ފުރުސަތު އޮވެގެން ނުވާނެ ކަމަށެވެ. އޭގެ ސަބަބުން އެތައް ޒާތީ ދިރިއުޅުމުގެ ހައްގަށް ހުރަސް އެޅި އެތައް ބަޔަކަށް ގެއްލުން ކުރިމަތިވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ އެ މަނިކުފާނަށް ކުރިން ތުހުމަތުކުރި ގއ. ވޮޑަމުލާގެ މައްސަލާގައި ފުލުހުން ސުވާލު ކުރިއިރު 2010 ވަނަ އަހަރާއި 2011 ވަނަ އަހަރުގެ އެ މަނިކުފާނުގެ ބޭންކް ސްޓޭޓްމަންޓް ވެސް ފުލުހުން ހޯދާފައި ހުރި ކަމަށެވެ.
އެކަމަކު ވޮޑަމުލާގެ މައްސަލައަކީ އޭގެ މާ ފަހުން 2015 ވަނަ އަހަރު ހިނގި ކަމަށް ބުނާ ކަންތައްތަކެއް ކަމަށް ޔާމީން ވިދާޅުވި އެވެ. އެހާ ކުރީގެ ބޭންކް ސްޓޭޓްމަންޓްތައް ހޯދީ ކޮން ނިޔަތެއްގައި ކަން ދައުލަތުން ބުނެދޭން ޖެހޭނެ ކަމަށް ޔާމީން ވިދާޅުވި އެވެ.
"އޭރު އަޅުގަނޑަކީ ރައީސުލްޖުމްހޫރިއްޔާއެއް ނޫން. ކީއްވެގެންތޯ އަޅުގަނޑުގެ އޭރުގެ މައުލޫމާތު ބެލެންވީ،" މާ ކުރީގެ މުއާމަލާތްތަކެއް ފުލުހުން ބެލި ސަބަބާ މެދު ސުވާލު އުފައްދަވައި، ޔާމީން ވިދާޅުވި އެވެ.
ޔާމީންގެ ވަކީލުންގެ ޓީމުން ވެސް ބުނީ 2012 ވަނަ އަހަރާއި 2013 ވަނަ އަހަރު ޔާމީންގެ ސްޓޭޓްމަންޓްތައް ފުލުހުން ހޯދާފައި އެބަހުރި ކަމަށެވެ.
ޔާމީންގެ މައްސަލާގައި މިއަދުގެ އަޑުއެހުން ކުރިއަށް ދަނީ
ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް ވިދާޅުވިގޮތުގައި، ބޭންކިން ގާނޫނު އޮތް ގޮތުން ކޯޓު އަމުރެއް ނެތި ބެލޭނީ ކަސްޓަމަރުންގެ އެކައުންޓްތަކުގެ މައުލޫމާތު އެކަންޏެވެ. އެކައުންޓް ސްޓޭޓްމަންޓް ބެލޭނީ ކޯޓު އަމުރެއް އޮވެގެން ކަމަށް ޖަމީލް ވިދާޅުވި އެވެ.
ޖަމީލް ވިދާޅުވީ، ކޯޓު އަމުރެއް ނެތި އެކައުންޓް ސްޓޭޓްމަންޓް ބެލޭ ނަމަ ޒާތީ ދިރިއުޅުމުގެ ހައްގަށް އަރައިގަނެވޭނެ ކަމަށެވެ.
ވޮޑަމުލާ މައްސަލާގައި އެކައުންޓްތަކުގެ މައުލޫމާތު އާންމު ކޮށްފައިވާ ކަމަށާއި އެހެންވެ، ފުލުހުންގެ ހެޔޮ ނިޔަތެއް ނެތްކަން ހާމަވާ ކަމަށް ޖަމީލް ވިދާޅުވި އެވެ. ހެޔޮ ނިޔަތުގައި ކަމަށް ބުނެ ކޮންމެ ކަމެއް ކުރުމުގެ ފުރުސަތު ނުދެވޭނެ ކަމަށް ޖަމީލް ވިދާޅުވި އެވެ.
ކްރިކް ރިޒާގެ ވަކީލުން ވެސް ވިދާޅުވީ، ކޯޓު އަމުރެއް ނެތި ފުލުހުން ބޭނުންވާ ގޮތަކަށް އެކައުންޓް ސްޓޭޓްމަންޓް ހޯދޭ ނަމަ އެތައް ބައެއްގެ ހައްގުތަކަށް އަރައިގަނެވޭނެ ކަމަށެވެ. އެއީ ރާއްޖެ އިން ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ވެސް ގެއްލޭ ގޮތަށް ވަކީލުން ވިދާޅުވި އެވެ. ޖިނާއީ އިޖްރައާތުގެ ގާނޫނު އައުމުގެ ކުރިން ވެސް މަތީ މަރުހަލާގެ ކޯޓުތަކުން ނިންމާފައި އޮތީ ކޯޓު އަމުރެއް ނެތި އެކައުންޓް ސްޓޭޓްމަންޓް ނުބެލޭ ގޮތަށް ކަމަށް އެ ވަކީލުން ވިދާޅުވި އެވެ.
ރައްދުގައި ދައުލަތުން ބުނީ ގާނޫނު އޮތްގޮތުން އެކައުންޓް ސްޓޭޓްމަންޓް ހޯދުމަށް ކޯޓު އަމުރު ބޭނުންނުވާ ކަމަށެވެ. އެކައުންޓް ސްޓޭޓްމަންޓްތައް ހޯދަނީ ވަކި އުސޫލުތަކެއްގެ ތެރެއިން ކަމަށާއި ވޭތުވެދިޔަ 13 އަހަރު ވެސް އަމަލުކުރީ އެ އުސޫލުން ކަމަށް ދައުލަތުން ބުންޏެވެ.
ޔާމީންގެ މައްސަލާގައި ފުލުހުން އަމަލުކުރީ ނުބައި ނިޔަތެއް ނެތި ކަމަށް ވެސް ދައުލަތުން ބުންޏެވެ.
އެކައުންޓް ސްޓޭޓްމަންޓް ހޯދުމުގައި އަމަލު ކުރަމުންދިޔަ ގޮތްތަކާއި އެ ކަންކަން ބަދަލުވަމުން އައި ގޮތް ކޯޓާ ހިއްސާކުރަން ގާޒީ އެންގެވި އެވެ.
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ތަހުގީގު ބަޔާން ނަގާފައިވަނީ ވީޑިއޯ ރެކޯޑް ކުރުމެއް ނެތި ކަމަށް ވާތީ އެ ބޭފުޅުންގެ ތަހުގީގު ބަޔާންތައް ހެކީގެ ގޮތުގައި ބަލައިނުގަތުމަށް ޔާމީންގެ ފަރާތްޕުޅުންނާއި ކްރިކް ރިޒާގެ ފަރާތުން ވެސް ހުށަހެޅި އެވެ.
ދައުލަތުން ބުނީ އަދީބާއި ޒިޔަތުގެ ތަހުގީގު ބަޔާން ނެގިއިރު ވީޑިއޯ ރެކޯޑް ކޮށްފައި ނުވަނީ އެ ދެ ބޭފުޅުންނަށް އެ މައްސަލާގައި ތުހުމަތު ނުކުރެވޭތީ ކަމަށެވެ. ތަހުގީގު ބަޔާން ނެގީ ފުލުހުން ކަމަށް ވާއިރު އެފަދަ އުސޫލެއް ފުލުހުންނަށް ނޯންނަ ކަމަށް ދައުލަތުން ބުންޏެވެ.
ތަހުގީގު ބަޔާނަކީ ހެއްކެއް ނޫން ކަމަށާއި އެހެންވެ، އެ ބަޔާނާ ގުޅޭގޮތުން ހުށަހެޅުންތައް ހުށަނޭޅޭނެ ކަމަށް ދައުލަތުން ބުންޏެވެ.
އެ މައްސަލާގެ އަޑުއެހުންތައް މާ ބޮޑަށް ދިގުދެމިގެންދާތީ އާއި ޔާމީންގެ ސިއްހީ ހާލުކޮޅު ހުރި ގޮތުން ގިނައިރު އެގޮތަށް ހުންނަވަން ދަތިފުޅުވާ ކަމަށް ވިދާޅުވެ، އެ މަނިކުފާނު ކަންބޮޑުވުން ފާޅު ކުރެއްވުމުން މިއަދުގެ އަޑުއެހުން ވަނީ އެ ހިސާބުން ނިންމާލައިފަ އެވެ.
އެ މައްސަލާގައި އަދިވެސް ކުރިއަށް ދާނީ ހުށަހެޅުންތަކާ ބެހޭގޮތުން ވާހަކަ ދެއްކުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވާގޮތް
31 May 2023
މިގައުމުގަ އޮންނަ ގޮތަކީ ޔާމީނުވިއްޔާ ބޮމެއް ގޮއްވާލައިގެން މަރާލަން އުޅުނަސް ކަމަކަށް ނުވޭ. ވެރިކަން ވައްޓަން އުޅުން މައްސަލައަކަށްނުވޭ. ވަގަށް ގޮވިއަސް ކަމަކަށްނުވޭ. އެކައުންޓްތަކުގެ ނަމްބަރުތައް ޝަރީއަތް އެންމެ ފުރަތަމަ ލައިވް ކުރިއިރު އެންމެންނަށް އެނގޭ ގޮތަށް ކިއުންވެސް މައްސަލައަކަށްނުވޭ. ކޯޓު އަމުރު ނުހޯދާ ސްޓޭޓްމަންޓް ހޯދިއަސް މައްސަލައަކަށްނުވޭ. އެކަމަކު އެހެން ސިޔާސީ މީހަކާ ޖެހުނީމަ މިހުރިހާކަމެއްވެސް ވަރަށް ބޮޑު މައްސަލައަކަށް ވާނެ.
އަންޑޭ
31 May 2023
2011 އަދި 2012 ގައި ފައިސާނެތި ރައްޓެހިން ކުލިދައްކައިދިން މީހަކު އެކައުންޓްގައި 1،500 މިލިޔަން ރުފިޔާ ހުރެފަ، ގެއެއް ލާޖައްސައި ނަގާ “އުޑުގަޖެހޭވަަރަށް”އުސްކުރަން ވެސް 80 މިލިޔަން ޚަރަދުވާނެ. ރައީސްކަމުން 5 އަހަރުގެ ޖުމުލަ މުސާރައަކީ ވެސް އެންމެ 7.2 މިލިޔަން. އޭގެ %20800 އަށްވުރެ އިތުރު ފައިސާ ހޯދީ ކޮންތާކުންތޯ؟ ވަރަށް ވައްކަން ކޮށްފި!
ނުބަލާ
31 May 2023
ބޭންކިން ޤާނޫނުގަ އޮވޭ ތަޙުޤީޤް އިދާރާތަކަށް ބޭންކް ސްޓޭޓްމަންޓް ދޫކުރެވޭ ގޮތް ކިއެފަ, އެޤާނޫނު ތައް ފާސްކުރީ ރައީސް ޔާމީނުމެން މަޖިލީހުގަ ތިބެފަ
ވަރަބިންދާލި
31 May 2023
ފޫހި ވަރަށްކަޑަކަމެއް . ކޯޓޭކިޔާ ހުއްދައެއްނެތި ގެދޮރަށް ވަދެ ބޮޑުފޮށީގަ ، އަންބޮޑީގަ ފައިސާހުރިވަރު ބެލޭނެތަ ؟ ފައިސާބަހައްޓަނީ ފޮށީގަ ފޮރުވަން އެއްމެންނަށް ފެންނަގޮތަށް ތަޅުދަޑިއަތުޖެހޭހިސާބުގަ ނުބާއްވަން ބެންކަށް ލީމަ ހުރިވަރު ހާމަކުރަން އަހައިލުމެއް ނެތި ސްޓޭޓްމަންޓް އާއްމު ކުރަން ޖެހޭތަ ؟ ނަފްސަށް އިތުބާރު ނުކުރެވެއޭހާލުގަ ޝައްކަށް ބަލަން ޖެހޭތަ ؟ ފައިސާފޮއްޗެއް ލިއަސް . ޝައްކު އެކުރީވައްކަން .
ބޮޑުމީހާ
31 May 2023
ހެޔޮ ނިޔަތުގައި ކިތަންމެ ވައްކަމެއް ކުރިޔަސް އޯކޭދޯ. ސްޓޭޓްމަންޓްތައް އާއްމުކުރަންވީ، ތި ވަކީލުންގެ ސްޓޭޓްމަންޓްތައްވެސް އާއްމުކުރަންވީ. ވައްކަމަކީ ގައުމުގެ ލޭނާރަށް ހަދައިފި
ޢަރުތަ
31 May 2023
ޔާމީންގެ ސިއްހީ ހާލުކޮޅު ހުރި ގޮތުން ގިނައިރު އެގޮތަށް ހުންނަވަން ދަތިފުޅުވާ ކަމަށް އެމަނިކުފާނު ވިދާޅުވެފަ ވާތީވެ ދަންނަވަމެވެ، ދެން އެމަނިކުފާނުގެ އެއްވެސް މައްސަލައެއް އެއްވެސް ކޯޓެއްގަ ކުރިއަށް އޮތް ދެތިންމަހުގެ ފަހުން ނޫނީ ކުރިއަށް ނުގެންދެވުން އެދެމެވެ. އެމަނިކުފާނަށް ރެސްޓް ބޭނުންވޭ އެހެންވީމަ އަރާމު ކޮށްލަން ފުރުސަތު ދެއްވާ.
ކަރުތަ
31 May 2023
ޢަރުތަގެ ހެޔޮފުޅުކަމުން ގޭގަ އަރާމުކުރެވޭނެ ގޮތް ހަދައިދީ އަވަހަށް. ތިހާ ހަމްދަރުދީވެ ޔާމީންދެކެ ލޯބިވާ މީހުން ވަރަށް މަދުވާނެ.
ދުވެވިވަސް
30 May 2023
ހާސްނުވޭ ޔާނޫ ހެކިހޯދާނީ ގާނޫނާ ގަވާއިދާ އެއްގޮތަށް އަދި ހުކުން ކުރާނީވެސް ގާނޫނާ ގަވާއިދާ އެއްގޮތަށް ދެން މަނިކުފާނު ހަމަ ގޮޅީގަ ޑިގުކުޅެލަކުޅެލާ އިނީމަ ނިމުނީ
ސަލާމ
30 May 2023
ކޯޓްއަމުރު އޮވެގެން ކުރި ވައްކަމެއްނޫނެއްނު ޚުދުއަނބިމީހާއަށްވެސް ނޭނގި ކުރިކަމެއްތި
އިހްސާސް..
30 May 2023
ރަގަޅު އެއްގޮތްވެސް ނެއް. ގިނައިރު ކޯޓުގަ އިނދެގެންނު މައްސަލަތައް އަވަހަށް ނިންމޭނީ.
މުހައްމަދު..
30 May 2023
ރައްޔިތުން ހަވާލުކުރާ ޒިއްމާތަކާ އެއްގޮތަށް ވެރިކަން ވެރިކަންކުރުމަކީ އެއްމެ ރަގަޅުގޮތް.