މައްސަލަތަކުގައި ހުކުމް ކުރުމުގެ ބާރާއި އިހްތިޔާރު ޝަރުއީ ދާއިރާއަށް ފުރިހަމަ މިނިވަންކަމާ އެކު މިހާރު އޮންނާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ރިޔާސީ ކެމްޕެއިނަށް ށ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ނޫމަރާއަށް ވަޑައިގެން ރައީސް ވިދާޅުވީ މި ސަރުކާރުން ކުރި އެންމެ މުހިންމު ކަމަކީ ގާނޫނީ އިމުގެ ތެރެއަށް ރުޖޫއުވެ ގާނޫނީ ތަރަހައިގެ ތެރޭގައި ކަންކަން ނިންމުން ކަމަށެވެ. ޝަރުއީ ދާއިރާ މިނިވަންކުރުމަށް ކުރެއްވި މަސައްކަތްތައް ރައީސް ފާހަގަކުރެއްވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ޝަރުއީ ދާއިރާއަށް ނުފޫޒެއް މި ސަރުކާރަކުން ނުފޯރުވަ އެވެ.
ރައީސް މި ޔަގީންކަން މި ދެއްވީ އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ހައި ކޯޓާއި ކްރިމިނަލް ކޯޓުގައި މުހިންމު ޝަރީއަތްތަކެއް ހިނގަމުންދާ ދަނޑިވަޅެއްގަ އެވެ.
އަންނަ ސެޕްޓެމްބަރު ބާއްވާ ރިޔާސީ އިންތިހާބަށް ޕީޕީއެމްގެ ކެންޑިޑޭޓެއްގެ ގޮތުގައި ޔާމީން ކަނޑައަޅާފައިވީ ނަމަވެސް، ޖިނާއީ ކުށެއް ސާބިތުވެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންދާތީ މި ވަގުތަށް އެމަނިކުފާނުގެ ޝަރުތެއް ވަނީ އުނިވެފަ އެވެ.
އާރަށު ކުއްޔަށް ދިނުމުގައި ހިޔާނާތްވެފައިވާ މައްސަލާގައި ޔާމީންގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމްގެ އިސްތިއުނާފު ހައިކޯޓުގައި ކުރިއަށްދާއިރު މި މަހުގެ ތެރޭގައި ގިނަ އަޑުއެހުންތަކެއް ބާއްވައިގެން ނޫނީ، ޔާމީނަށް ފުރުސަތު އޮއްވައި މައްސަލަ ނުނިމޭނެ އެވެ.
އޯގަސްޓް މަހުގެ ހަތް ވަނަ ދުވަހަށް އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާއިރު ޔާމީންގެ ވަކީލުން ޔަގީންކުރާ ގޮތުގައި އެހާ ތަނަށް ހައިކޯޓުން މައްސަލަ ނިންމާނެ އެވެ. އެ މައްސަލަ ނުނިމުނު ނަމަވެސް، ޕީޕީއެމްގެ ކެންޑީޑޭޓަކީ ޔާމީން ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ.
އަދި، ކެންޑިޑެންސީ އިލެކްޝަން ކޮމިޝަނުން ބަލައިނުގެންފި ނަމަ ސުޕްރީމް ކޯޓަށް ވެސް ދާނެ ކަމަށާއި އެ ކޯޓުން ޔާމީނަށް ކުރިމަތިލެވޭނެ މަގު ތަނަވަސްވެގެންދާނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ޕީޕީއެމްއިން ބުނެ އެވެ.