ޕީޕީއެމުން މިއަދު ބޭއްވި ޖަލްސާގައި އެ ޕާޓީގެ މެމްބަރުން ވާހަކަ ދައްކަވަނީ: އަބްދުއްރަހީމް ވިދާޅުވީ އޭރައި މިހާރުގެ ސިޔާސީ ހާލަތު ވަރަށް ތަފާތު ކަމަށް.-- ފޮޓޯ: ނިޝާން އަލީ / މިހާރު
12 ޖުލައި 2023 - 16:28
ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިންތިހާބުގައި ވާދަނުކުރެވޭ ގޮތް ހެދުމަށާއި އަނިޔާ ދިނުމުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ބައިވެރިވާ ކަމަށް ޕީޕީއެމްގެ ލީޑަޝިޕުން މީގެ ކުރިން ކުރި ހުރިހާ ތުހުމަތެއް މިއަދު އެ ޕާޓީން ދިފާއުކޮށްފި އެވެ.
ޕީޕީއެމް ހިންގުމާ މިހާރު ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ އާއި އެ ޕާޓީގެ އިސް ބައެއް ބޭފުޅުން މީގެ ކުރިން ވަނީ ގާސިމަށް ވަރަށް ބޮޑެތި ތުހުމަތުތަކަކާ އެކު ފާޑުކިޔައިފަ އެވެ. އޭގެ ތެރޭގައި ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވާކަމުގެ ތުހުމަތު ވެސް ކުރި އެވެ.
ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ރައީސް އަބްދުﷲ ޔާމީނަށް ވާދަނުކުރެވޭ ގޮތް ހަދަން އެތައް މަސައްކަތްތަކެއް ޖޭޕީން ކުރާ ކަމާއި ގާސިމަށް ވެރިކަމަށް ވަޑައިގެންނެވޭނީ ޔާމީން ޖަލަށް ލުމަށްފަހު ކަމަށް ވިދާޅުވެ އަބްދުއްރަހީމް ވާހަކަ ދައްކަވާފައިވެ އެވެ.
ނަމަވެސް، ސިޔާސީ މަސްރަހު ބަދަލުވެ އިއްޔެ ޕީޕީއެމްގެ ލީޑަޝިޕުން ވަނީ ގާސިމް އިބްރާހިމްއާ ބައްދަލުކުރައްވައިފަ އެވެ. ރިޔާސީ އިންތިހާބަށް ކައިރިވެފައިވަނިކޮށް، އެ ބައްދަލުވުން ބޭއްވީ ޔާމީން އަންގަވައިގެންނެވެ.
މި ބައްދަލުވުމަށް ފަހު މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި ނޫސްވެރިން ސުވާލުކުރުމުން، ޕީޕީއެމްގެ ލީޑަޝިޕުން ބުނީ ކުރީގެ ތުހުމަތުތަކަކީ "މާޒީ" ކަމަށެވެ.
ޕީއެންސީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އޭރުގެ ސިޔާސީ މަސްރަހާއި މިހާރުގެ ހާލަތު ވަރަށް ތަފާތު ކަމަށެވެ. އެގޮތުން ގާސިމަކީ މިހާރު ރިޔާސީ ކެންޑިޑޭޓެއް ކަމުން، މިހާރު ވާހަކަ ދައްކަމުން ދަނީ އެ ހާލަތަށް ބަލައިގެން ކަމަށް ވިދާޅުވި އެވެ.
ޕީޕީއެމުން މިއަދު ބޭއްވި ޖަލްސާގައި އަބްދުއްރަހީމް ވާހަކަ ދައްކަވަނީ: އޭނާ ވިދާޅުވީ ޖޭޕީއާ އެކު މަޝްވަރާ ކުރަމުން އަންނަނީ ސަރުކާރު ބަދަލު ކުރަން ކަމަށް.-.. ފޮޓޯ: ނިޝާން އަލީ | މިހާރު
"އެއީ ޖުލައި 7، 2022 މިއަދު މިއީ ޖުލައި 12، 2023 އެހެންވީމަ އެއް އަހަރު ދުވަސް ވެގެން ދިޔައީރު ބަދަލުތަކެއް ހުންނާނެ. ބަދަލަކީ އެންމެ ފުރަތަމަ ތި ވިދާޅުވި އަޅުގަނޑުމެން އިއްޔެ (ގާސިމް އިބްރާހިމް) އާ ބައްދަލު ކޮށްފިއޭ. އެއީ ބަދަލެއް. ކުރިން ތި ވިދާޅުވި ދުވަސްވަރު އަޅުގަނޑުމެން ގާސިމްއަކާ ބައްދަލެއް ނުކުރައްވަން. މިހާރު އެއީ ރިޔާސީ ކެންޑިޑޭޓެއް، އޭރު އެއީ ރިޔާސީ ކެންޑިޑޭޓެއް ނޫން. އެހެން ނޫންތޯ، ބަދަލެއް އެބަ އާދޭ ނޫންތޯ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
"އަޅުގަނޑު އޭރު ވެސް ދެންނެވި ވާހަކަ އަކީ މި ސަރުކާރު ގެންނަން މަސައްކަތް ކުރި އެންމެން ބައިވެރިވެގެންނެނޭ ޔާމީނަށް އަނިޔާ ކުރައްވަމުން ގެންދަވަނީ. ގާސިމް ވެސް މިހާރު ވިދާޅުވެފައި ވަނީ ޔާމީނަށް އިންސާފު ލިބެން ޖެހޭނެ ކަމަށް. ނަޝީދު އެބަ ވިދާޅުވޭ ޔާމީން ޖަލުގައި އޮންނާކަށް ނުޖެހޭނޭ. ކާނަލް ނާޒިމް އެބަ ވިދާޅުވޭ ޔާމީނާ ނުލާ ބާއްވާ އިންތިހާބެއް ސައްހައެއް ނުވާނޭ."
އަބްދުއްރަހީމް ވިދާޅުވީ މި ސަރުކާރު ގެންނަން އުޅުނު ކޯލިޝަން ވެސް މިހާރު ރޫޅިފައިވާ ކަމަށާއި ކޯލިޝަން ހެދި ލީޑަރުން ވެސް ގަބޫލު ކުރަނީ އިންސާފު ނުލިބޭނެ ކަމަށް ކަމަށެވެ.
"އެ ކޯލިޝަންގައި ތިބި ބޭފުޅުން މިއަދު ވަކިން ނިކުމެ އެ ވިދާޅުވަނީ ޔާމީނަށް އިންސާފު ލިބެން ޖެހޭނެ ކަމަށް. އެހެންވީމަ އެބަ އެނގޭތާ ތަފާތެއް އައިއްސިކަން،" އޭނާ ވިދާޅުވި އެވެ.
ގާސިމްއާ އެކު ބައްދަލުވުމެއް އިއްޔެ ބޭއްވީ ރިޔާސީ އިންތިހާބަށް މަޝްވަރާ ކުރަންތޯ އާއި އެއީ ކޮން ބޭނުމަކު ބޭއްވި ބައްދަލުވުމެއްތޯ ކުރި ސުވާލަށް ޖަވާބު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ގާސިމަށް ތާއީދުކުރުމުގެ އެއްވެސް މަޝްވަރާއެއް ކުރިއަށް ނުގެންދާ ކަމަށެވެ.
އޭނާ ވިދާޅުވީ އެ ކޯލިޝަންގެ ކެންޑިޑޭޓަކީ ޔާމީން ކަމަށާއި ރިޔާސީ އިންތިހާބުގައި އެ ކޯލިޝަންގެ އިތުރު އެހެން ވިސްނުމެއް ނެތް ކަމަށެވެ.
"އަޅުގަނޑު މި ދަންނަނަވީ، އަޅުގަނޑުމެންނާ ބަޔަކާ ކޯލިޝަން ހަދާ ވާހަކައެއް އަދި އަޅުގަނޑުމެންނެއް ނުދައްކަމޭ، ފުރަތަމަ ބުރަކުއެއް. އެކަމު ގައުމީ މައްސަލަތަކުގަ ވާހަކަ ދައްކަމޭ. ގައުމީ މައްސަލައަކަށް މިވަގުތު ދިވެހި ގައުމަށް ކުރިމަތި ވެފަ އޮތް އެންމެ ބޮޑު މައްސަލައަކީ އިބްރާހިމް މުހައްމަދު ސޯލިހު މި ގައުމުގެ ވެރިކަމުގައި ހުރުމުގެ މައްސަލަ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް އެއްބަސްވެވޭ ކަމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ނިންމަން ޖެހޭ ކަން، އެ މަޝްވަރާތައް އަޅުގަނޑުމެން މި ކުރަނީ."
އަބްދުއްރަހީމް އެހެން ވިދާޅުވެފައި ވާއިރު ޔާމީނަށް އިންސާފުވެރި ޝަރީއަތެއް ލިބެން ޖެހޭނެ ކަމަށް ވިދާޅުވެ، ގާސިމް އިއްޔެ ވަނީ ސަރުކާރަށް ފާޑު ވިދާޅުވެފަ އެވެ.
އިދިކޮޅު ކޯލިޝަނުން އަންނަނީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ދަ ޑިމޮކްރެޓްސް އާއެކު ވެސް މަޝްވަރާ ކުރަމުންނެވެ. އެ މަޝްވަރާތަކަކީ އެ ދެ ޕާޓީން ބުނާ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ބަދަލު ކުރަން ކުރާ މަސައްކަތެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހ. ހުސައިން
13 July 2023
ކިތަންމެ މަޝްހޫރު ނަމަވެސް ނުވަތަ ބައިބޯނަމަވެސް ހިޔަންޏަށް މުޑި ނެގުމަކީ ރަނގަޅުކަމެއް ނޫން
ގަބުޅި
13 July 2023
ދޮގެއްވާނީ ދޮގަކަށް. ކޮންމެ ދުވަހަކު ހެދިޔަސް. އިއްޔެ ހެދިޔަސް, މިއަދު ހެދިޔަސް އަދި މާދަމާ ހެދިޔަސް. ސިޔާސީދާއިރާގައި ޢުމުރު ހޭދަކުރާއިރުވެސް އަދުރޭމެންނަށް މިވަރު އެއްޗެއް ނޭގޭދޯ!
ސުންދުސް
13 July 2023
އަދުރޭ އަކީ ޤާސިމްގެ އޭޖެންޓެއް!
ހެޔޮބަސް
13 July 2023
ރާއްޖޭގައި 2 ވަނައަށް އެންމެ މީހުން ގިނަ ޕާޓީ އެހެންމީހުން ގާތަށް ނާށިގަނޑު ހިފައިގެން ދުވަންޖެހޭ ސަބަބެއްނެތް. ކޮންމެ މީހަކަށްވުރެވެސް ޕާޓީ ބޮޑުވާނެ. ޕާޓީއަކީ ވަކި މީހެއްގެ މުދާގަނޑެއްނޫން. ވަކި މީހަކާހުރެ ކަމެއް ނުކުރެވިފަ ނިންމުމެއް ނުނިންމުފަ ޕާޓީ އޮވެގެން ނުވާނެ. ރައީސް ޔާމީނަށްވެސް މިވަގުތު އެންމެ ރަނގަޅުވާނީ އެހެން ކެންޑިޑޭޓަކު ނެރުން. ގާސިމު ފަހަތުން ނަޝީދު ފަހަތުން ދުވާކަށް ނުޖެހޭ. އެމީހުން އަންނަންޖެހޭނީ. ކެންޑިޑޭޓަކު ނެރޭ.
ފިނރުޓޭ
13 July 2023
މި ސުރުހީ ކިޔާލުމުން ދޭހަވަނީ ގާސިމަށް ކުރިންވެސް އެމީހުން ކުރި ތުހުމަތުތައް ހަމަ އެގޮތުގައި ދަމަހައްޓައިފިއޭ! އެކަމަކު ލިޔުން ކިޔާލުމުން ދޭހަވަނީ އެހެން އެއްޗެއް!
އައްބެ
13 July 2023
ރޯމާ ދުވާލު ރޯބުހުތާން ދޮގު ހަދާ ބަޔަކަށް ވެރިކަމެއް ގޮނޑިއެއް ހަވާލުކުރަން ހެޔޮނުވާނެ. އިބޫ، އަންނި، ޔާމީން، ޤާސިމް، މައުމޫން، އިމްރާން، މުނައްވަރު، ނާޒިމް، މިމީސް މީހުންނާއި ވެރިކަންހަވާލުކުރަން ހެޔޮނުވާނެ. ހައްލަކީ ވަޠަނީ ލީޑަރު ޢުމަރު
ފިނރުޓޭ
13 July 2023
އަމިއްލަ އެދުމައިގެން ހަމަ އުޅޭ ބައެއް! ކޯންޗެއް ނުލިބިގެންތަ އިބްރާހިމް މުހައްމަދު ސާލިހު ގެ ވެރިކަން ބަދަލު ކުރަންވެގެން މި އުޅެނީކީ އެއް! ކޯޓުން ހުކުން އިއްވާފަ ހުރި ވަގެއް މިނިވަން ނުވެގެން މި ތެޅި ބާލަނީ! ކޮބާ އެހެން ޖީނާއީ ކުށްތައް ކޮށްފަ ތިބި މީސްމީހުން! އެމީހުންގެ މިނިވަން ކަމަށްވެސް ގޮވާލަން ޖެހޭނެނު! އިންސާފުން ދޯ އެއޮތީ ހުކުން ކޮށްފަ!
ގުނބޫ
13 July 2023
އަންނި ކައިރިން ގާސިމް ކައިރިން ދުވާ ވަރަށްވުރެ ތާއީދު ބޮޑު ހައިބަތު ބޮޑު ޕާޓީއެއް ޕީޕީއެމަކީ. އަދުރޭ ބުނަނީ ޔާމީނު ބުނެގެން ކަމަށް ޕާޓީގެ އަގުވެއްޓޭ ހުރިހާ ކަމެއް މިކުރަނީ. އެކަމު މިއީ ހަމަ ޔަމީނު ބުނެގެން ތޯ ސުވާލު އުފެދޭ؟ މިހާރު މިޤައުމުގަ އޮތް އެންމެ ގިނަ ލޯޔަލް ފޮލޯވަރުން ތިބޭނީ ޔާމީނު ފަހަތުގައި. އެންމެ ކުރިން އެއޮތީ އަންނި ފަހަތުގައި. ވީއިރު އެފަދަ ބަޔަކާ އެއްކޮށް ގުޅުން ގާއިމުކޮށް މުޅި ޕާޓީގެ އަގު ވެއްޓޭ ގޮތް ހެދުން ހުއްޓާލާ.
ބަޑިތަކުރު
13 July 2023
ދައްކާނީ ކޯލިޝަން ހެދުމުގެ ވާހަކަ. ނުހަދާނަމަ އެދިފައިވާނީ އެހެން ބަޔަކާވެސް ކޯލިޝަން ނުހެދުމަށް. އޭރުންތާ ރައްޔިތުންގެ ފައިސާއިން ދެބުރު ބާއްވަން އެތައް ބިލިޔަނެއް ޚަރަދުވިޔަސް ޖަލުގައިއޮތް މީހާ ސަލާމަތްކޮށްދޭނެ މީހަކަށް ކިރިޔާވެސް ފުރުޞަތެއް ލިބޭނީ. މިކަހަލަ މީހުންދައްކާ ވާހަކައަށް މީހުން ބުނެއުޅެނީ އަނގައޮތިއްޔާ ކާޅެއް ނުކާނޭ.
އިއްޒަތު
13 July 2023
ޤާސިމް ކަފުންކޮށްފައިތިބިބަޔަކު މާހެޔޮއެދިގެން މިއުޅެނީ އަނެއްކާ ކޮންކަމަކާއިބާވައޭ މަގޭހިތަށްއެބައަރާ ހަމަހިލާ އިރާދަކުރެއްވިއްޔާ މިފަހަރަކު ތިކަމެއް ނުވާނެ ޕީ.ޕީ އެމް އެކްޓިވިސްޓުން ޖެހޭނީ މިފަހަރު ޤާސިމަށް ތާއީދުކުރަން. މިނޫން ފޯރމިއުލާއެއް އޮތްހެން ހީއެއްނުވޭ!