އެމްއޭސީއެލްގެ ފްލެޓްތަކުގައި ހުރި މައްސަލަތައް ހައްލުކުރުމަށް އެ ތަންތަން މަރާމާތުކުރުމުގެ މަސައްކަތް ފަށައިފި އެވެ.
އެ ފްލެޓްތަކުގައި ހުރި އެކި މައްސަލަތަކާ ގުޅިގެން އެތަނުގައި ދިރިއުޅޭ މީހުން އެކަމުގެ ޝަކުވާކުރަމުން އަންނަތާ މިހާރު ދުވަސްކޮޅެއް ވެއްޖެ އެވެ. އެތަނުގައި މީހުން ދިރިއުޅެން ފެށީ މިދިޔަ އަހަރު އޮކްޓޯބަރު މަހުގަ އެވެ.
އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަކުރެވުނީ ވާރޭވެހޭ ދުވަސްތަކުގައި ބެލްނަކީތަކުގެ ދޮރުން ފްލެޓްތަކުގެ އެތެރެއަށް ފެން ވަންނަ މައްސަލަ އެވެ. އަދި ބައެއް ބެލްނަކީތަކުގެ ޑްރެއިން އިން ފެން ނުހިނދޭތީ، ފްލެޓްތަކުގެ އެތެރެއަށް ފެން ވަން މައްސަލަ ވެސް ދިމާވެފައި އެބަހުއްޓެވެ.
ބައެއް ފްލެޓްތަކަށް ވަރަށް ބޮޑަށް ފެން ވަދެ، ފަރުނީޗަރަށް ވެސް ބޮޑެތި ގެއްލުންތައް ލިބިފައިވެ އެވެ.
އެތަނުގައި ދިރިއުޅޭ ބައެއް މީހުން ބުނި ގޮތުގައި، ބައެއް ފްލެޓްތަކުގެ ބަދިގޭގެ ހުޑުން އެހެން ފްލެޓްތަކަށް ވަސް ވަންނަ މައްސަލަ ވެސް ވަރަށް ބޮޑެވެ.
އެމްއޭސީއެލްގެ އޮފިޝަލަކު އިއްޔެ "މިހާރު" އަށް ވިދާޅުވީ އެ ޝަކުވާތައް ލިބުމާއެކު، އެ ފްލެޓްތަކުގެ ކޮންޓްރެކްޓަރާ ގުޅިގެން ތަންތަން މަރާމާތުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"މިހާރު ވެސް ވަރަށް ގިނަ ފްލެޓްތައް މަރާމާތުކޮށް ދީފި،" އޮފިޝަލް ވިދާޅުވި އެވެ.
އެމްއޭސީއެލްގެ ފްލެޓްތަކަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ދުވަސްވަރު ހުޅުމާލެ 2 ގައި ހިންގި ހިޔާ މަޝްރޫއުގެ ދަށުން އިމާރާތްކުރި ތަނެކެވެ. އެ މަޝްރޫއުގެ ދަށުން އެމްއޭސީއެލުން އިމާރާތް ކޮށްފައި ވަނީ 14 ބުރީގެ ދެ ޓަވަރެވެ. އެ ފްލެޓްތަކުގެ މަސައްކަތް ކުރީ ޗައިނާގެ ބީޔޫސީޖީ ކުންފުނިންނެވެ.
އެ މަޝްރޫއުގެ ދަށުން ދެ ޓަވަރުގައި 384 އެޕާޓްމަންޓް ހަދައިފައިވެ އެވެ. އެއީ ދެ ކޮޓަރީގެ 240 އެޕާޓްމަންޓާއި އެއް ކޮޓަރީގެ 72 އެޕާޓްމަންޓެވެ.