ޖަލަށް ދާން ޖެހުނަސް ވަގުތު ޖެހުމުން ރާއްޖެ ދާނަން: ނަޝީދު

ރާއްޖެ އަށް އެނބުރި ވަޑައިގެންފި ނަމަ އަނެއްކާވެސް ޖަލަށް ގެންދާނެ ކަމަށާއި އެހެންވިއަސް ވަގުތު ޖެހުމުން ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ސްރީ ލަންކާގައި ވިދާޅުވެއްޖެ އެވެ.


ރާއްޖޭގެ ސިޔާސީ މަސްރަހާ ގުޅޭގޮތުން އެމްޑީޕީގެ އިސް ފަރާތްތަކާ މަޝްވަރާ ކުރައްވަން ލަންކާ އަށް ވަޑައިގެން، ބާޖަޔާ ހޮޓަލުގައި ދިވެހިންނާ ބައްދަލުކުރައްވައި ނަޝީދު ވިދާޅުވީ ރައްޔިތުންގެ ހައްގުތައް ނިގުޅައިގަނެ، ދިރިއުޅުމުގެ ހަރަދުތައް އިންތިހާ އަށް ބޮޑުކޮށް، އިޖުތިމާއީ ރައްކާތެރިކަމުގެ އިންތިޒާމްތައް ވެސް ނިގުޅައިގެންފައިވާ ކަމަށެވެ. ގައުމު މިހާލަތަށް ވެއްޓިދާއިރު ރައްޔިތުންނާ އެކުގައި ނުހުންނެވޭތީ ހިތާމަކުރައްވާ ކަމަށް ވިދާޅުވި އެވެ.

"އެނގިވަޑައިގަންނަވާނެ އަޅުގަނޑު ފުރައިގެން ދިޔައީ މާފުށީ ޖަލުން. އަޅުގަނޑު އެނބުރި ރާއްޖެ ގޮސްފި ނަމަ ހަމަ ދާން ވެސް އޮތީ މާފުށީ ޖަލު. ޖަލަށް ދާން ޖެހުނު ކަމުގައި ވިއަސް އަޅުގަނޑު ރާއްޖެ ދާންވީ ވަގުތުގައި އިރާދަކުރެއްވިއްޔާ އަޅުގަނޑު ރާއްޖެ ދާނަން،" ނަޝީދު ވިދާޅުވި އެވެ.

އެކަމަކު ރާއްޖެ ވަޑައިގަންނަވާނެ ތާރީހެއް ސާފުކޮށް ވިދާޅެއް ނުވެ އެވެ.

ނަޝީދާ ބައްދަލުކުރަން ދިޔަ ސަޕޯޓަރުންތަކަކާ ވާހަކަފުޅު ދައްކަވަނީ. --ފޮޓޯ: އެމްޑީޕީ

ނަޝީދު ވިދާޅުވި ގޮތުގައި ސަރުކާރުގެ ކަންކަން ހުރި ގޮތުން ރައްޔިތުންނަށް ކުރިމަތިވަމުންދާ ހިތްދަތިކަން ދަނީ އިތުރުވަމުންނެވެ. ލިބޭ މިންވަރު ދަށްވެ، ކުރަން ޖެހޭ ހޭދަ އިތުރުވެފައިވާއިރު އާސަންދަ އިން ލިބޭ އެއްޗެއް ލިބެނީ ވެސް ސިޔާސީ ބޭނުމެއް އޭގެ ތެރެއަށް ވަނުމަށް ފަހު ކަމަށް ވިދާޅުވި އެވެ.

ދިވެހި ސަރުކާރުގެ ދަރަނި ބޮޑުވުމަކީ، ނަޝީދު ވިދާޅުވި ގޮތުގައި، ސީދާ ދިވެހި ރައްޔިތުންނާ ގުޅިފައިވާ ކަމެކެވެ. ރައްޔިތުންގެ އާމްދަނީ މަދުވަނީ، އެ ދަރަނިމަތީގައި ސަރުކާރު އޮވެ އިގްތިސާދީ މަސައްކަތްތައް ނާކާމިޔާބުވާތީ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ރައްޔިތުންގެ އާމްދަނީ މަދުވެގެން ދަނީ ވައްކަމުގެ ސަބަބުން، ފަސާދައިގެ ސަބަބުން. ސަރުކާރުގެ މާލީ ސިޔާސަތު އެކީ ހަރާބުވެ ބަނގުރޫޓު ވަމުންދާތީ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު: ރައްޔިތުންނާ އެކު ނުހުންނެވޭތީ ހިތާމަކުރައްވާ ކަމަށް ވިދާޅުވި. --ފޮޓޯ: އެމްޑީޕީ

އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ މަރުކަޒީ ބޭންކް މެދުވެރިކޮށް އެކިއެކި ފަރާތްތަކުން ހޯދާފައި ހުންނަ ފައިސާ ދުނިޔޭގެ މާކެޓަށް ނެރެ، އެ ބޭންކް އެގޮތަށް ބޭނުންކުރާތީ ބައިނަލްއަގުވާމީ އިދާރާތަކުން ރާއްޖެ އަށް ދޭ އެހީތެރިކަން ދަނީ ކުޑަވަމުން ކަމަށެވެ. ބޭރު ގައުމުތަކުގައި ދިވެހިން ވިޔަފާރިކުރުމުގެ ފުރުސަތު ވެސް ހަނިވަމުންދާ ކަމަށް ވިދާޅުވި އެވެ.

ސަރުކާރުގެ ހާރިޖީ ސިޔާސަތަށް ފާޑުވިދާޅުވަމުން ނަޝީދު ވިދާޅުވީ ދުނިޔޭގެ ސަފުން ރާއްޖެ ބާކީ ނުވުމަކީ މުހިއްމު ކަމަށް ވިއަސް ފެންނަމުން ދަނީ މުޅިން އެހެން މަންޒަރެއް ކަމަށެވެ. ކޮމަންވެލްތުން ވަކިވެ ދޭދޭ ގައުމުތަކާއި ޒުވާބުކޮށް ބަދު ބަސް ސަރުކާރުން ބުނަމުންދާ ކަމަށް ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ރައްޔިތުން ހެޔޮ ވެރިކަމަކަށް އެދިގެން ތިބި ނަމަވެސް ރައީސް ޔާމީން އެގޮތް ބޭނުންފުޅުވެގެން އުޅުއްވާ ތަން ނުފެނެ އެވެ. އަދި ދައުލަތުގެ ވެރިން ފާޅުގައި ވައްކަން ކުރަމުން ދިއުމަކީ ރީތި ކަމެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

ނަޝީދު ވާހަކަފުޅު ދައްކަވާއިރު ސަޕޯޓަރުން އަޑުއައްސަވަނީ. --ފޮޓޯ: އެމްޑީޕީ

"ވައްކަމަކީ ހަރާމް ކަމެއް، އެއީ ގޯސްކަމެއް. ވައްކަމަކީ އޮޅިގެން ކުރާ ކަމެއް ނޫން، އެއީ އިންސާނީ ތޮބީއަތެއް ވެސް ނޫން. ވައްކަމަކީ ހުންނަ ނުލަފާ ސިފައެއް، އެއީ ގަދަބާރުން ކުރާ ކަމެއް،" ކޮރަޕްޝަނަކީ އިންސާނާގެ ތޮބީއަތާ ގުޅިފައިވާ ކަމެއް ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވާތީ އެކަމަށް ފާޑުވިދާޅުވަމުން ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ވައްކަން ކުރެވޭނީ އެކަން ކުރަން ރާވައި ގަސްތުގަ އެވެ.

"އަޅުގަނޑެއް ނުކުރަން ވައްކަމެއް. އަޅުގަނޑަކީ ވެސް ހަމަ އިންސާނެއް. އަޅުގަނޑަށް ހަމަ ޔަގީން ތީގެ ތެރެއިން އެއްވެސް ބޭފުޅަކީ ވަގެއް ނޫން،" ބައްދަލުވުމުގައި ތިބި މީހުންނަށް އިޝާރާތްކުރައްވައި ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ދިވެހި ކޮންމެ ރައްޔިތަކީ ވެސް ހަލާލު މަސައްކަތުން ތަނަވަސްކޮށް ދިރިއުޅެން ބޭނުންވާ މީހުން ކަމަށާއި ދިވެހިންގެ ތޮބީއަތުގައި ވައްކަމެއް ނެތް ކަމަށެވެ.