ބަޔަކަށް ހަމަލާ ދިނުމަށް ސަރުކާރުން ރާވަމުންދާ ކަމަށް ބުނެ ފަތުރަމުން ދަނީ ހަގީގަތާ ހިލާފް ވާހަކަތަކެއް ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ އިދާރާއިން މިރޭ ބުނީ ސަރުކާރުގެ ބައެއް ފަރާތްތަކާއި ރާއްޖޭގައި އުޅޭ ބޭރު ގައުމުތަކުގެ ރައްޔިތުންނަށް އަމާޒުކޮށްގެން ހަމަލާދިނުމަށް ސަރުކާރުން ރާވަމުން ދާ ކަމަށް ބައެއް ނޫސްތަކުން ރިޕޯޓު ކުރިޔަސް އެފަދަ މައުލޫމާތެއް ފުލުހުންގެ އިތުރުން އެއްވެސް ސަލާމަތީ ހިދުމަތަކަށް ލިބިފައިނުވާ ކަމަށެވެ.
ފުލުހުން ބުނިގޮތުގައި އާންމުކުރި ފަރާތް މެދުވެރިކޮށް މިކަމުގެ ހަގީގަތް ސާފުކުރުމަށް މަސައްކަތް ކޮށްފައިވެ އެވެ. ނަމަވެސް މިއީ ސައްހަ މައުލޫމާތެއް ކަމަށް ބުރަވެވޭ ފަދަ އެއްވެސް ހަރުދަނާ ސަބަބެއް އެ މީހުންނަށް ދެއްކިފައިނުވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
"މި މައުލޫމާތު ފެތުރި ގޮތާއި ސަލާމަތީ ހިދުމަތްތަކުގެ މައުލޫމާތާއި އިންޓެލިޖެންސަށް ބަލާއިރު މިއީ އެއްވެސް އަސާސެއް ނެތި ރައްޔިތުންގެ ތެރޭގައި ހާސްކަމާއި ބިރުވެރިކަން އުފައްދައި ސިޔާސީ މަގްސަދެއް ހާސިލްކުރުމަށްޓަކައި ފެތުރި އަސްލެއް ނެތް ވާހަކައެއް ކަމަށް ބެލެވެ އެވެ." ފުލުހުން ބުނެފައިވެ އެވެ.
މި ބާވަތުގެ ދޮގު ވާހަކަތައް ނުފެތުރުމަށާއި އަދި ރައްޔިތުންގެ މެދުގައި ބިރުވެރިކަމާއި ނުތަނަވަސްކަން ނުފެތުރުމަށް ވެސް ފުލުހުން ވަނީ އެދިފަ އެވެ.