ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމް އެމްޑީޕީން މިއަދު ވަކިވެވަޑައިގެންފި އެވެ.
ހައިތަމް "މިހާރު" އަށް ވިދާޅުވީ އެމްޑީޕީން ވަކިވެ ވަޑައިގަތީ ޕާޓީގެ މިހާރު ބައެއް ސިޔާސަތުތަކާ މެދު ހިތްހަމަނުޖެހުން އޮތުމުން ކަމަށެވެ.
ހައިތަމް ވިދާޅުވި ގޮތުގައި ސިޔާސީ އެހެން ޕާޓީއަކާ ގުޅުމުގެ ވިސްނުމެއް މިވަގުތު އޭނާގެ ނެތެވެ.
އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރާ ދިމާކޮށް ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ވެސް ވަނީ އެމްޑީޕީން ވަކިވެ އިދިކޮޅު ޕީޕީއެމްއާ ގުޅިވަޑައިގެންފަ އެވެ.
މީގެކުރިން އެމްޑީޕީގެ އެހެން 12 މެމްބަރަކު އެ ޕާޓީން ވަކިވެ، ދަ ޑިމޮކްރެޓްސްގެ ނަމުގައި އާ ޕާޓީއެއް ވެސް އުފެއްދި އެވެ. ނަމަވެސް އޭގެ ތެރެއިން ދެ މެމްބަރަކު ވަނީ ފަހުން އެމްޑީޕީއާ އަލުން ގުޅިވަޑައިގެންފަ އެވެ.