ޕީޕީއެމްގެ ފުރަތަމަ ސަރުކާރުގައި ވެސް މަގުތައް ނާމާންވެ، އަމިއްލަ ގެދޮރަކީ ވެސް ރައްކާތެރިކަން ކަށަވަރު ނުކުރެވޭ ކަހަލަ ތަންތަނަށް ވެގެންދިޔަ ކަމަށާއި އާ ސަރުކާރުގެ އަމަލުތައް ވެސް ހުރީ ހަމަ އެ މަގުން ކަމަށް ބުނެ އެމްޑީޕީން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މިދިޔަ މަހުގެ 17 އާ ހަމައަށް މިދިޔަ ފަސް އަހަރު ވެރިކަންކުރި އެމްޑީޕީން އެހެން ބުނީ މާލެ އާއި އައްޑޫގައި މި ފަހުން ހިނގި ގްރޫޕް މާރާމާރީތަކާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ނެރުނު ނޫސްބަޔާނެއްގަ އެވެ.

އެ ނޫސްބަޔާނުގައި ބުނީ ރާއްޖޭގެ އަމާންކަން ގެއްލި، ކުށްކުރުމާއި މާރާމާރީތައް އިތުރުވުމަކީ އެމްޑީޕީން ވަރަށް ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި ދިރިއުޅޭ ހިޔާވަހީގެ ރައްކާތެރިކަމާއި މަގުތަކުގެ އަމާންކަން ގައުމުގައި ގާއިމް ނުކުރެވުމަކީ އެ ޕާޓީން ބަލައިގަންނާނެ ކަމެއް ނޫން ކަމަށް ބުންޏެވެ.

އެމްޑީޕީން ވަކާލާތުކުރާ އަބުރުވެރި ދިރިއުޅުމަކަށް ގެދޮރުގެ ހުރުމަތް ކޮންމެ މީހަކަށް ވެސް ކަށަވަރުކޮށްދޭން ޖެހޭނެ ކަމަށާއި އަމާން ރާއްޖެއެއްގެ ހިޔާ ދަށުގައި، ފިކުރުބޮޑު ނުވާ ދިރިއުޅުމެއްގެ އުފާ ލިބެންވާނެ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

"މާޒީގައި ވެސް، ޕީޕީއެމް/ޕީއެންސީގެ ވެރިކަން ބައްޓަން ކުރީ އެމްޑީޕީގެ އަސާސްތަކާއި ނުކިއްސަރުކޮށެވެ. ޕީޕީއެމްގެ ފުރަތަމަ ސަރުކާރުގައި ވެސް މަގުތައް ނާމާންވެ، ގެދޮރުގެ ހަތަރު އިންފާރަކީ އަމިއްލަ ނަފްސުގެ ރައްކާތެރިކަން ކަށަވަރު ނުކުރެވޭ ތަންތަނަށް ވެގެންދިޔަ އެވެ. މި ޕާޓީއަށް ފެންނަ ފެނުމުގައި، މި ސަރުކާރުގެ އަމަލުތައް ވެސް މިހިރީ އެ މަގުންނެވެ،" އެ ބަޔާނުގައިވެ އެވެ.

އާ ސަރުކާރުން އަދިވެސް ޕޮލިސް ކޮމިޝަނަރަކު އައްޔަންކޮށްފައި ނުވާތީ އެމްޑީޕީން ވަނީ އެކަމާ ގުޅިގެން ވެސް ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ މަގާމު ހުސްވީ ކުރިން ސީޕީއަކަށް ހުންނެވި މުހައްމަދު ހަމީދު މިދިޔަ މަހު މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.

"މިއީ ފުލުހުންގެ ޒިންމާތައް އެންމެ ފުރިހަމަ އަށް އަދާކުރަން އޮތް ހުރަހެކެވެ. ކޮމިޝަނަރަކު އައްޔަނު ކުރުން ޕޮލިސް ބޯޑު މެދުވެރިކޮށް އަވަސްކުރުމަށް ސަރުކާރަށް ޕާޓީން ގޮވާލަމެވެ،" އެމްޑީޕީން ނޫސްބަޔާނުގައި ބުންޏެވެ.

އެމްޑީޕީން ބުނީ އެ ޕާޓީގެ ނިމިދިޔަ ސަރުކާރަކީ ފާއިތުވި 15 އަހަރު ތެރޭގައި ވެސް ރާއްޖޭގައި އެންމެ ކުށް މަދު ކުރެވުނު ފަސް އަހަރު ކަމަށާއި އެއީ އަމާންކަން ނެގެހެއްޓުމަކީ ދައުލަތުގެ އެންމެ އިސް ޒިންމާކަމުގައި ދެކި، ގިނަ މުއައްސަސާތަކެއް ގުޅިގެން ރޭވުންތެރިކަމާ އެކު ކުރެވުނު މަސައްކަތުގެ ނަތީޖާ ކަމަށެވެ.

އެހެންވެ އާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް އެ ޕާޓީން ގޮވާލަނީ އާންމުންގެ ރައްކާތެރިކަން ކަށަވަރުކޮށްދީ، ބިރުވެރިކަމެއް ނެތި އުޅެވޭނެ މުޖުތަމައުއެއް ގާއިމުކޮށްދިނުމަށް ކަމަށް އެމްޑީޕީން ބުންޏެވެ.

މިފަހުން މާލެ އާއި އައްޑޫގައި އެކި ދުވަސް މަތިން މާރާމާރީތަކެއް ހިނގި އެވެ. މާލޭގައި ހިނގި މާރާމާރިއާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފައިވެ އެވެ. އަދި އައްޑޫގައި ހިނގި މާރާމާރިތަކުގައި ދެ މީހަކަށް އަނިޔާވި އެވެ. އައްޑޫގައި ހިނގި މާރާމާރިއާ ގުޅިގެން މިހާތަނަށް ހަ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.