ފުލުހުންނަށް ޕްރޮމޯޝަން ދިނުން މަޑުޖައްސާލުމުގެ އަމުރެއް ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން ނިންމި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހައި ކޯޓުގައި އިސްތިއުނާފްކުރަން ހުށަހަޅައިފި އެވެ.
ފުލުހުންނަށް ޕްރޮމޯޝަން ދިނުން މަޑުޖައްސާލަން މިދިޔަ އޮކްޓޫބަރު މަހު އޭސީސީން އެންގި އެންގުމަށް އަމަލުކުރަން ފުލުހުން ދެކޮޅު ހަދައި، ބައެއް ފުލުހުންނަށް ޕްރޮމޯޝަން ދިނުމުން އޭސީސީން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ އެ ކޮމިޝަންގެ އެންގުމަށް އަމަލުކުރަން ޖެހޭނެ ކަމަށް ކަނޑައެޅުމަށެވެ.
އެ މައްސަލަ ނިމެންދެން، ޕްރޮމޯޝަންތައް މަޑުޖައްސާލުމުގެ ވަގުތީ އަމުރަކަށް އޭސީސީން އެދުނަސް، ސިވިލް ކޯޓުން މިދިޔަ މަހު ނިންމީ އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ. އެހެންވެ، އެ ނިންމުން އިސްތިއުނާފް ކުރަން އެ ކޮމިޝަނުން ހައި ކޯޓަށް ހުށަހެޅީ މިދިޔަ ހަފުތާގަ އެވެ.
އެ މައްސަލަ ބަލައިގަތުމާ މެދު ހައި ކޯޓުން ވަކި ގޮތެއް އަދި ނުނިންމަ އެވެ.
ފުލުހުންނަށް ޕްރޮމޯޝަން ދިނުން ހުއްޓުވަން އޭސީސީން އެދުނުއިރު، އާ ސަރުކާރު އައުމުން ފުލުހުން އިސް ބޭފުޅުންތަކެއް ވަނީ ރިޓަޔާވެ ވަޑައިގެންފަ އެވެ. އަދި އާ ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވެސް ވަނީ ޕްރޮމޯޝަންތައް ދިނުމުގައި ގޯހެއް ނެތް ކަމަށް ވިދާޅުވެފަ އެވެ.