ސެންޓަ އެންޓަޕްރައިސަސްގެ އެއް ހިއްސާދާރު އަދި އެ ކުންފުނީގެ އިސްވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަބްދުﷲ އާރިފް،
22 މެއި 2025 - 19:11
އަމިއްލަ ކުންފުންޏެއް ކަމަށްވާ ސެންޓަ އެންޓަޕްރައިސަސް އިން ދައުލަތުން ބަދަލުގެ ގޮތުގައި ފައިސާ ނަގައިދޭން އެދުނު ދައުވާތަކެއް ސާބިތުކުރަން ސައްހަ ނޫން ލިޔުންތަކެއް ހުށަހެޅި ކަމަށް ގަބޫލުކުރެވޭތީ، އެ މައްސަލައިގެ ޖިނާއީ ތަހުގީގެއް ހިންގައިދޭން ބަންޑާރަ ނައިބުގެ އޮފީހުން ފުލުހުންނަށް ހުށަހަޅައިފި އެވެ.
ސެންޓަ އެންޓަޕްރައިސަސް 2006 ވަނަ އަހަރު ރަޖިސްޓްރީ ކޮށްފައިވަނީ ތިން ހިއްސާދާރުންގެ މައްޗަށެވެ. އެ ކުންފުނީގެ ހިއްސާދާރުންގެ ތެރޭގައި ހިމެނެނީ އަބްދުﷲ އާރިފް އާއި އަހުމަދު ޖާމިޒް އަދި އަލީފާ އަހުމަދު ހިމެނޭއިރު، މެނޭޖިން ޑިރެކްޓަރަކީ އަލީފާ އެވެ.
ސެންޓަ އެންޓަޕްރައިސަސް އަށް ދައުލަތުން ގިނަ އަދަދެއްގެ ފައިސާ ބަދަލުގެ ގޮތުގައި ދޭން ޖެހިފައިވާއިރު، ބަންޑާރަ ނައިބުގެ އޮފީހުން ވަނީ އެކަމުގެ ހާއްސަ އޮޑިޓެއް ހަދައިދޭން އެދިފަ އެވެ. އޮޑިޓާ ޖެނަރަލްގެ އޮފީހުން މިހާރު އަންނަނީ އެ އޮޑިޓު ހެދުމުގެ މަސައްކަތް ކުރަމުންނެވެ. ފޭކް އިންވޮއިސްއެއް ޝަރީއަތަށް ހުށަހަޅާފައިވާކަން އެނގުނީ މި އޮޑިޓްގެ ތެރެއިންނެވެ.
އެކަމާ ގުޅިގެން ބަންޑާރަ ނައިބުގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސެންޓަ އެންޓަޕްރައިސަސް އިން ހުށަހަޅައިގެން ސިވިލް ކޯޓުން ބަލާ ނިންމާފައިވާ ދެ މައްސަލައެއްގައި ސައްހަ ނޫން ލިޔެކިޔުންތަކެއް ހުށަހަޅާފައިވާ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. އެހެންވެ، އެ މައްސަލަ ތަހުގީގުކޮށްދޭން ފުލުހުންގެ ހިދުމަތުގައި އެދިފައިވާނެ ކަމަށް އެ އޮފީހުން ބުންޏެވެ.
ސެންޓަ އެންޓަޕްރައިސަސްއިން 2006 ވަނަ އަހަރާއި 2008 ވަނަ އަހަރު ފޯރުކޮށްދީފައިވާ ކަމަށް ބުނާ ހިދުމަތްތަކަށް ފައިސާ ހޯދުމުގެ ގޮތުން ދިވެހި ދައުލަތަށް ރައްދުވާ ގޮތަށް ޖުމްލަ ތިން މައްސަލައެއް މިހާތަނަށް ސިވިލް ކޯޓަށް ހުށަހަޅާފައިވެ އެވެ. އެއީ، އެންވަޔަރަންމަންޓް މިނިސްޓްރީ ސަޕްލައިކޮށްދީފައިވާ ކަމަށް ބުނާ ކަޅުހަންތަކަކާ ގުޅޭ އެއް މައްސަލައާއި، ޑިޕާޓްމަންޓް އޮފް މެޑިކަލް ސާވިސަސްއަށް ސަޕްލައިކުރި ކަމަށް ބުނާ މެޑިކަލް އިކުއިޕްމަންޓްތަކަކާ ގުޅޭ ދެ މައްސަލައެކެވެ.
އެގޮތުން، ސެންޓަ އެންޓަޕްރައިސަސްއިން ދިވެހި ދައުލަތުގެ މައްޗަށް ރައްދުވާ ގޮތަށް ހުށަހަޅާފައިވާ މައްސަލަތަކުގައި އެ ކުންފުނިން ކޯޓަށް ހުށަހަޅާފައިވާ ލިޔެކިޔުންތަކާ މެދު ސުވާލު އުފެދޭތީ، ދައުލަތުން އެ ކުންފުންޏަށް އެއްވެސް ފައިސާއެއް ދައްކަން ނުޖެހޭކަމަށް ކަނޑައަޅައިދޭން އެ މައްސަލަތަކުގައި ދައުލަތުން ހުށަހެޅި ޖަވާބުތަކުގައި އެދިފައިވާނެ ކަމަށް ބަޔާނުގައި ބުންޏެވެ.
އަދި މި މުއާމަލާތްތަކުގެ މައްސަލަތަކާ ގުޅިގެން ސިވިލް ކޯޓުންނާއި ހައިކޯޓުން ނިންމާފައިވާ ނިންމުންތައް ދައުލަތުން އިސްތިއުނާފުކޮށްފައިވާ ކަމަށް ވެސް ބަންޑާރަ ނައިބުގެ އޮފީހުން ބުންޏެވެ.
ހަމައެއާއެކު، މި މައްސަލަތަކާ ގުޅިގެން ދައުލަތުގެ ހުރި ކަންބޮޑުވުންތައް އޮޑިޓާ ޖެނެރަލްގެ އޮފީހާ ހިއްސާކޮށް، ކުރި މަޝްވަރާތަކުގައި މި މައްސަލަތަކާ ގުޅޭ ހާއްސަ އޮޑިޓެއް ތައްޔާރުކޮށްދޭން އެދިފައިވާނެ ކަމަށާއި އެ އޮޑިޓުން މިހާތަނަށް ފާހަގަކުރެވިފައިވާ ކަންކަން ހިމެނޭ ޕްރިލިމިނަރީ ރިޕޯޓެއް ހިއްސާކޮށްފައިވާ ކަމަށް ވެސް ބަންޑާރަ ނައިބުގެ އޮފީހުން ބުންޏެވެ.
ބަންޑާރަ ނައިބު އަހުމަދު އުޝާމް: ސެންޓަ އެންޓަޕްރައިސަސް އިން ޝަރީއަތަށް ފޭކު އިންވޮއިސް ހުށަހެޅި މައްސަލަ ޕޮލިހަށް ވަނީ ހުށަހަޅުއްވާފައި.
އެގޮތުން، ސެންޓަ އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑުން ސިވިލް ކޯޓަށް ސައްހަ ނޫން އިންވޮއިސްއެއް ހުށަހަޅާފައިވާ ކަމާއި، ރާއްޖެ އެތެރެކޮށްފައިނުވާ ބައެއް މެޑިކަލް އިކުއިޕްމަންޓްތައް ޑިޕާޓްމަންޓް އޮފް މެޑިކަލް ސާވިސަސްއަށް ސަޕްލައިކޮށްދީފައިވާ ކަމަށް އެ ކުންފުނިން ހުށަހަޅާފައިވާ ޑެލިވަރީ ނޯޓުތަކާއި އިންވޮއިސްތަކުގައި ބަޔާންކޮށްފައިވާކަން އެ އޮޑިޓުން މިހާތަނަށް ފާހަގަކުރެވިފައިވެ އެވެ.
މި މައްސަލަތަކާ ގުޅިގެން ޖިނާއީ ތަހުގީގެއް ކަމާގުޅުންހުރި އިދާރާތައް މެދުވެރިކޮށް ކުރިއަށް ގެންދިއުމަށް ފެންނަ ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ލަފާދީފައިވެ އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި ފޭކް އިންވޮއިސްއެއް ހަދާފައިވަނީ ރާއްޖެއަށް މެޑިކަލް ހިދުމަތްދޭ ސާމާނު ފުޅާ ދާއިރާއެއްގައި އެތެރެކުރާ ކުންފުންޏެއްގެ ނަމުގަ އެވެ. އެ ކުންފުނިން ސެންޓަ އެންޓަޕްރައިސަސްއަށް 12.4 މިލިއަން ރުފިޔާގެ މުދާ ކްރެޑިޓަށް ދޫކޮށްފައިވާ ކަމަށް އެ އިންވޮއިސް ހުށަހަޅައިގެން ކޯޓުގައި ވަކާލާތުކޮށްފައިވެ އެވެ.
ނަމަވެސް، ކްރެޑިޓަށް މުދާ ދޫކުރި ކަމަށް ބުނާ ކުންފުނިން ވަނީ އެެއީ އެ ކުންފުނިން އެއްވެސް އިރެއްގައި ދޫކޮށްފައިވާ އިންވޮއިސްއެއް ނޫން ކަމަށް ކަމާ ބެހޭ އިދާރާތަކަށް މިހާރު އަންގައިފަ އެވެ. އެ ކުންފުނީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އިންވޮއިސް ހަދާފައިވަނީ އެ ކުންފުނީގައި އެއްވެސް އިރެއްގައި މަސައްކަތް ކުރި މުވައްޒަފުންގެ ނަން މައްޗަކު ވެސް ނޫނެވެ. އަދި އެ އިންވޮއިސް މެދުވެރިކޮށް ކްރެޑިޓަށް ދޫކުރި ކަމަށް ބުނާ މުދަލަކީ އެ ކުންފުނިން އެއްވެސް އިރަކު ރާއްޖެ ގެނެސްފައިވާ މުދަލެއް ވެސް ނޫނެވެ.
އެ މައްސަލައިގައި ދައުލަތުން 32 މިލިއަން ރުފިޔާ ދައްކަން ޖެހުނު އިރު، އެ މައްސަލައިގެ އިތުރުން ވެސް މެޑިކަލް ހިދުމަތަށް ބޭނުންވާ މުދާތަކަކަށްވާ ފައިސާ ނުލިބިގެން ބަދަލުގެ ގޮތުގައި ދެ މިލިއަން ޑޮލަރު ދައުލަތުން ދައްކަން ޖެހޭ ކަމަށް މިދިޔަ ފެބުރުއަރީ މަހު ހައި ކޯޓުން ވެސް ހުކުމެއް ކޮށްފައިވެ އެވެ.
އަދި ސެންޓަ އެންޓަޕްރައިސަސް އިން އެންވަޔަރަމެންޓް މިނިސްޓްރީއަށް ފޯރުކޮށްދިން ކަޅު ހަންތަކަކަށްވާ ފައިސާގެ ތެރެއިން އެ ކުންފުންޏަށް ނުދީ އޮތް ފައިސާ ހޯދަން އެ ކުންފުނިން ދައުވާ ކުރުމުން 12.7 މިލިއަން ރުފިޔާ އެއް މަސް ތެރޭގައި ދައްކަން ދައުލަތުގެ މައްޗަށް ސިވިލް ކޯޓުން މިދިޔަ އޭޕްރީލް މަހު ހުކުމްކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުމަދުޔެ7
23 May 2025
މީ ކަނޑަ އެޅިގެން ދައުލަދަށް ޖަހާ މަޅިއެއް. މީގައި ހިމެނޭ މިނިސްޓްރީ އަދި ކޯޓުގެ ހުކުމު ކުރާ މީހުންނަށް ވެސް ބައި އަޅާގޮތަށް
ސަލިމާ
23 May 2025
ކުންފުނި ހެދުފަ ތިއޮތީ ދައުލަތުން ފައިސާ ހޯދަން
އަކުން
23 May 2025
ކުރީގެ ދިވެހިފިލުމެއްގެ ވިޔަފާރިވެރިއަކާ ވައްތަރީ...
ފަންވަތް
23 May 2025
ކުންފުނި އުފެއްދީ 2006 ގައި، ހަމަ އެއަހަރުގެ ބިލްތަކަށް ފައިސާ ނުލިބޭ ބިލް ހުރުމުން ދޭހަވަނީ ތިޔަކުންފުނި ހެދީވެސް ތިބިޑެއް ހޯދަން ވެގެންހެން. ދެން 2008 ގެ ބިލް. އޭގެ ފަހުން އެމް.ޑީ.ޕީގެ 2 ވެރިކަމާއި، ޕީ.ޕީ.އެމްގެ ވެރިކަމަކާއި އަދި މިހާރު އޮތް ޕީ.އެން.ސީގެ ވެރިކަމާއިއެކު 17 ވަރަކަށް އަހަރުވީ އިރު ރައްޔިތުން ފައިސާދައްކަންޖެހޭ ބިލް ހުރުމަކީ ބޮޑު ޖޯކެއް. ނޫނީ ހުރިހާ ސަރުކާރެއްގެވެސް ފެއިލިއަރ އެއް.
އުދުހޭ
23 May 2025
ކުންފުނީގެ މައިގަނޑު ވިޔަފާރިއަކީ ވައްކަންތަ؟
ރާވެރިބެ
22 May 2025
މީދެން ސަރުކާރުން ފައިސާ ގޯނި ގޯންޏަށް ހޯދާ މުއްސަނދިވާން މާމޮޅުގޮތެއް. ސަރުކާރުގެ މިނިސްޓްރީތަކާ ކޯޓަށް ލިންކެއް އަޅާފަ ވަގު ލިޔުން ހުށަހެޅީމަ އެއޮތްގެން ކޯޓުން މިލިއަނުން ފައިސާ ހޯދަ އެބަދޭ. އުމުރު ދުވަހު ބުރަ މަސައްކތްކުރާ ކުންފުނިތަކަށް ނުލިބޭ ވަރަށް މިކުންފުންޏަށް ފައިސާލިބޭނެ ގޮތެއް މިއޮތީ ހޯދާފަ. ހަމަ ޔަގީން މިކަމުގަ ބައިވެރިވާ މީހުން ސަރުކާރުގެ ބޮޑެތި މަގާމުތަކުގަ އާއި ކޯޓުތެރޭ ނުހިމެނި މިވަރުގެ ޖަރީމާއެއް ނުހިންގޭނެ.
ދަގަތްފާނު
22 May 2025
ކޮންމެވެސް ކުންފުންޏެއް ހިންގާ އާދަނެއް، ހަކީމެއް، ތިހެން ނުޖަހާ ކޮންރަށެއްގެ ކޮންބައެއްކަން އެނގޭގޮތަށްޖަހާބަލަ.
ޞޮހޮލު
22 May 2025
ބޮޑު ދިދައަކާ ގައުމީ ސަލާމަކާ އޮތީތީ ގައުމަކަށް ވެފަ މިއޮތީ.
އަލި
22 May 2025
މީގައި ކޯޓުވެސް ފައްކާ.. ސައްހަކަން ބަލައިލާން ވާނެނު ދީ.
ކޯޓުފަޓުލޫނު
23 May 2025
ސައްހަނޫންކަންވެސް އެގެނީ ބަޔަކު ބުނީމާ. ދެން ކީއްކުރާ ބައެއް؟
ޢަހުސަން ފަލީ
22 May 2025
މަވެސް ވެއްޖެ ފެންއަޅާ ފުޅިތައް ސަރުކާރުގެ އިދާރާއަކަށް ވިއްކާލާފަ 40 މިލިއަން ރުފިޔާ ހޯދަން ދައުވާކުރަން