މި އަހަރު ގްރޭޑު އެކަކުން ޖާގަ ދޭނީ މިދިޔަ ޑިސެމްބަރަށް ހަ އަހަރު ފުރި، ހަތް އަހަރު ނުފުރޭ ދަރިވަރުން ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
ގްރޭޑު އެކަކުން ކުރިން ޖާގަ ދެނީ އެ އަހަރެއްގެ ޖެނުއަރީ 1 އަށް ހަ އަހަރު ފުރި ހަތް އަހަރު ނުފުރޭ ދަރިވަރުންނަށެވެ. ނަމަވެސްދިރާސީ އަހަރު އޮގަސްޓުގައި ފަށާގޮތަށް ބަދަލުކުރުމުން މިދިޔަ ދެ އަހަރު، ގްރޭޑް 1 އަށް ވެއްދީ ޑިސެމްބަރުގެ ނިޔަލަށް ހަތް އަހަރު ފުރިފައިވާ ދަރިވަރުންނެވެ.
ދިރާސީ އާ އަހަރަށް މި ސަރުކާރުން ގެންނަން ނިންމާފައިވާ ބަދަލާ އެކު މިހާރު މި ހިނގާ 2023ގެ ދިރާސީ އަހަރު ނިމޭނީ އަންނަ އޭޕްރީލް މަހު އެވެ. މި އަހަރު، 2024ގެ ދިރާސީ އަހަރުގެ ކިޔެވުން ފަށާނީ މެއި 26 ގަ އެވެ. އެހެންވެ އަނެއްކާ ވެސް ގްރޭޑް 1 އަށް ދަރިވަރުން ވެއްދުމުގައި ބަލާ މިންގަނޑު ބަދަލުވީ އެވެ.
މި އަހަރުގެ ދިރާސީ އަހަރު ސްކޫލަށް ކުދިން ވެއްދުމާއި އެއް ސްކޫލުން އަނެއް ސްކޫލަށް ދަރިވަރުން ބަދަލުކުރުމުގައި އަމަލުކުރާނެ ގޮތުގެ ސާކިއުލާއެއް އިއްޔެ މިނިސްޓްރީން ވަނީ ސްކޫލުތަކަށް ފޮނުވައިފަ އެވެ.
2024ގައި ސްކޫލަށް ދަރިވަރުން ވެއްދުމުގައި ބަލައި އުމުރުފުރާތައް:
- ބޭބީ ނާސަރީ: 2023 ޑިސެމްބަރު 31 އަށް ދެ އަހަރު ފުރި ތިން އަހަރު ނުފުރުން
- ނާސަރީ: 2023 ޑިސެމްބަރު 31 އަށް ތިން އަހަރު ފުރި ހަތަރު އަހަރު ނުފުރުން
- އެލްޖޭޖީ: 2023 ޑިސެމްބަރު 31 އަށް ހަތަރު އަހަރު ފުރި ފަސް އަހަރު ނުފުރުން
- ޔޫކޭޖީ: 2023 ޑިސެމްބަރު 31 އަށް ފަސް އަހަރު ފުރި ހަ އަހަރު ނުފުރުން
(2024-2023 ދިރާސީ އަހަރު އެލްކޭޖީ ފުރިހަމަ ކޮށްފައިވާ ހުރިހާ ދަރިވަރުން 2024 ދިރާސީ އަހަރު [މެއި 26، 2024] ބަދަލުވާނީ ޔޫކޭޖީއަށް)
- ގްރޭޑް 1: 2023 ޑިސެމްބަރު 31 އަށް ހަ އަހަރު ފުރި ހަތް އަހަރު ނުފުރުން
(2024-2023 ދިރާސީ އަހަރު އެލްކޭޖީ ފުރިހަމަ ކޮށްފައިވާ ހުރިހާ ދަރިވަރުން 2024 ދިރާސީ އަހަރު [މޭ 26، 2024] ބަދަލުވާނީ ގްރޭޑް 1 އަށް)
ސާކިއުލާގައިވާ ގޮތުން އެލްކޭޖީއަށް ދަރިވަރުން ވެއްދުމުގައި، ހަތަރު އަހަރު ފުރިހަމަވެފައި ވޭތޯ ބަލާނީ، ދިރާސީ އަހަރަށް ދަރިވަރުން ވެއްދުމަށް އުމުރު ހަމަކުރުމަށް ކަނޑައަޅާފައިވާ އެންމެ ފަހު ދުވަހަށް ހަތަރު އަހަރު ފުރިހަމަ ވާނަމަ އެވެ.
ދިރާސީ އަހަރު ފެށޭ ފަހުން ހަތަރު އަހަރު ވެފައިވާ ދަރިވަރުން، ހިނގަމުންދާ ދިރާސީ އަހަރެއްގެ ތެރޭގައި އެލްކޭޖީއަކަށް ނުވައްދާނެ ކަމަށާއި ވަދެވޭނީ މިދިޔަ ޑިސެމްބަރަށް ހަތަރު އަހަރު ފުރިފައިވާ ނަމަ ކަމަށް ވެސް އެ ސާކިއުލާގައިވެ އެވެ.
ނަމަވެސް މި އަހަރުގެ މާޗްގެ ނިޔަލަށް ހަތަރު އަހަރު ފުރޭ ކުދިންގެ ބެލެނިވެރިޔާ އެދިއްޖެ ނަމަ އެ އެލްކޭޖީއަށް ވަނުމުގެ ފުރުސަތު ދޭން މިނިސްޓްރީން ވަނީ ނިންމައިފަ އެވެ.
އެއްވެސް ދަރިވަރަކު އެ ހުރި ގްރޭޑުގައި ރިޕީޓު ނުކުރާނެ ކަމަށާއި ނަމަވެސް ހާއްސަ ހާލަތެއް ނުވަތަ މަގުބޫލު އުޒުރެއް އޮތް ނަމަ މިހާރު ކިޔަވަމުން އަންނަ ގްރޭޑްގައި ރިޕީޓް ކުރުމަށް ބެލެނިވެރިޔާ އެދިއްޖެ ނަމަ އެކަން ސްކޫލް މެދުވެރިކޮށް މިނިސްޓްރީއަށް ހުށަހަޅަން ވަނީ އެދިފަ އެވެ.
އެ ފަދަ ހާލަތެއްގައި ވެސް ދަރިވަރަކު ރިޕީޓް ކުރެވޭނީ ހުށަހަޅާފައިވާ ލިޔުންތަކަށް ބަލައި، މިނިސްޓްރީން ލިޔުމުން ހުއްދަ ލިބުމުން ކަމަށް ވެސް އެ ސާކިއުލާގައި ބުނެފައިވެ އެވެ.