ހއ. އަތޮޅުގައި މިއަދު ފާނަ މަސްވެރިކަން ކުރަމުން އައި ދޯންޏެއްގެ މަސްވެރިޔަކަށް މިޔަރެއް ހަމަލާދީ ވަރަށް ބޮޑަށް ޒަހަމްކޮށްލައިފި އެވެ.
މި ހާދިސާގައި އަނިޔާވީ 28 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.
އެ މީހާއަށް ހއ. ހޯރަފުށީ ހެލްތު ސެންޓަރުގައި މިއަދު ހެނދުނު ފަރުވާދިނުމަށް ފަހު މިހާރު ވަނީ ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް ބަދަލުކޮށްފަ އެވެ.
ކުޅުދުއްފުށި ހޮސްޕިޓަލުން ދެންމެ ބުނީ އޭނާގެ ކަނާތުގައި ވަރަށް ފުން ޒަހަމްތަކެއް އެބަހުރި ކަމަށާއި އޭނާގެ އަތުން އަދިވެސް ލޭމަނާ ނުވާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި، ފާނަ މަސްވެރިކަން ކުރަމުން އައި އެ ދޯންޏަކީ ފ. ފީއަލީގެ ދޯންޏެކެވެ.
މިޔަރަކީ ކަނޑުގައި އުޅޭ އެންމެ ނުރައްކާތެރި އެއް މަހެވެ. މިޔަރު ހަމަލާތަކުގެ ސަބަބުން މީގެ ކުރިން ވެސް ރާއްޖޭގައި ވަރަށް ގިނައިން ފުރާނައަށް ނުރައްކާ ހާދިސާތައް ހިނގާފައި އެބަހުއްޓެވެ.