އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވޭނެ މަގުތައް ފެންނަން އެބަހުރި ކަމަށް އެ ޕާޓީގެ އާ ޗެއާޕާސަން ހަސަން ލަތީފް މިއަދުު ވިދާޅުވެއްޖެ އެވެ.
މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހި ބޭއްވި ފުރަތަމަ ނިއުސް ކޮންފަރެންސްގައި ހަސަން ވިދާޅުވީ ރާއްޖެ އަށް ކުރިމަތިކޮށްފައިވާ އުނދަގޫ ހާލަތުގައި ވެސް އެމްޑީޕީން ބޭއްވި އިންތިހާބުގައި އެ ޕާޓީގެ ސައިޒު ދައްކާލެވިފައިވާ ކަމަށެވެ. ޗެއާޕާސަންގެ އިންތިހާބުގައި އެމްޑީޕީގެ 25،000 އަށް ވުރެ ގިނަ މެމްބަރުން ވޯޓުލާފައިވާ ކަން ފާހަގަކުރައްވައި ވިދާޅުވީ އެތެރޭގެ އިންތިހާބެއްގައި އެ އަދަދަށް މީހުން ނުކުތުމަކީ އެމްޑީޕީގެ ސިޔާސީ ހަރަކާތްތައް ވަރުގަދަ ކަމުގެ ހެއްކެއް ކަމަށެވެ.
ޕާޓީ މިހާރަށް ވުރެ އިތުރަށް ހަރުދަނާކޮށް، ނަޝީދަށް އިންތިހާބުގައި ވާދަކުރެވޭނޭ ހުރިހާ އިންތިޒާމްތަކެއް އެމްޑީޕީން ހަމަޖައްސާނެ ކަމަށް ހަސަން ވިދާޅުވި އެވެ. ނަޝީދަށް އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް އޭނާ ގަބޫލުނުކުރައްވާ ކަމަށާއި އެމަނިކުފާނަށް ވާދަކުރެވޭނެ ހުރިހާ މަގުތަކެއް މިހާރު ވެސް ފެންނަމުން އަންނަ ކަމަށް ހަސަން ވިދާޅުވި އެވެ.
"މި ޕާޓީން ދެބަހެއް ނުވާނެ ރައީސް ނަޝީދަށް ކުރިމަތިލެވޭ ގޮތަށް މި ޕާޓީގެ ކަންކަން އިންތިޒާމްކުރުން. އެހެންވެ އެ މަސައްކަތް އަޅުގަނޑު ކުރާނަން،" އޭނާ ވިދާޅުވި އެވެ.
ނަޝީދު ނޫން އެހެން ރިޔާސީ ކެންޑިޑޭޓަކު އެމްޑީޕީން ނުނެރެން ނިންމާފައިވާއިރު، ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައި ނަޝީދުގެ މައްޗަށް އިއްވި 13 އަހަރު ޖަލުހުކުމާ އެކު، އިންތިހާބުގައި ވާދަކުރެއްވުމުގެ ގާނޫނީ ހުރިހާ ފުރުސަތެއް އެމަނިކުފާނަށް ވަނީ ބަންދުވެފަ އެވެ. އެހެންވިޔަސް އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ނަޝީދު ވެސް ތަކުރާރުކޮށް ގެންދަވަނީ ވިދާޅުވަމުންނެވެ.
ހަސަން ވިދާޅުވި ގޮތުގައި އޭނާގެ މައިގަނޑު އަމާޒަކީ ޕާޓީގެ ރައީސާއި ގައުމީ މަޖިލީހުން އެކަށައަޅާ ސިޔާސީ އެޖެންޑާ ހިންގަން ޕާޓީ އިންތިޒާމުކޮށް، ތަރުތީބުކުރުމެވެ. އެއާއެކު ޕާޓީގެ ގުނަވަންތައް ވަރުގަދަކޮށް، އެ ގުނަވަންތަކުން ސިޔާސީ ހަރަކާތްތައް ހިންގޭނެ އިންތިޒާމު ވެސް ހަމަޖައްސައިދެއްވާނެ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެމްޑީޕީ އަކީ ރާއްޖެ އަށް ފެތުރިފައި އޮތް ޕާޓީއަކަށް ވާތީ، ހަރަކާތްތައް އަތޮޅުތަކުގައި ހިންގޭނެ ގޮތްތައް ވެސް ފަހިކޮށްދެއްވާނެ ކަމަށެވެ. އަދި އެމްޑީޕީ ބައިވެރިވާ އިންތިހާބުތައް ކާމިޔާބުކުރެވޭނެ ގޮތަށް އިންތިޒާމްތައް ހަމަޖައްސާނެ ކަމަށް ވެސް ހަސަން ވިދާޅުވި އެވެ.
އެމްޑީޕީގެ ކޮންގްރެސް މި އަހަރު ބާއްވާއިރު، ހަސަން ވިދާޅުވި ގޮތުގައި، އެންމެ އަވަހަށް ބާއްވާ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި އެ ތާރީހު ކަނޑައަޅާނެ އެވެ.
ސިޔާސީ ހިމާޔަތް ހޯއްދަވައިގެން އިނގިރޭސި ވިލާތުގައި ތިއްބެވި އިދިކޮޅު ލީޑަރުން ރާއްޖެ ވަޑައިގަތުމަށް ރައީސް އަބްދުﷲ ޔާމީން ގޮވާލައްވާފައިވާތީ، އެކަމަށް ރައްދު ދެއްވައި ހަސަން ވިދާޅުވީ ނަޝީދު ވަޑައިގަންނަވަން ޖެހޭ ދުވަހެއް ނިންމަވާނީ ރައީސް ޔާމީން ނޫން ކަމަށެވެ. އެމްޑީޕީގެ އާއްމު މެމްބަރެއްގެ ހައިސިއްޔަތުން އޭނާ ވިސްނަވާއިރު، ނަޝީދު މިވަގުތު ރާއްޖެ ވަޑައިގަތުމަކީ އެމްޑީޕީން ފަށާފައިވާ ސިޔާސީ މަސައްކަތަށް ހުރަސްއެޅޭނެ ކަމެއް ކަމަށް ހަސަން ވިދާޅުވި އެވެ.
"ރާއްޖެ އިން ބޭރުގައި މިވަގުތު ހުންނަވައިގެން ނަޝީދު އެ ކުރައްވާ މަސައްކަތްޕުޅަކީ ވަރަށް މުހިއްމު މަސައްކަތެއް، މި ޕާޓީ އަށް އެކަންޏެއް ނޫން، މުޅި ދިވެހިރާއްޖެ އަށް ވެސް. ރައީސް ޔާމީން އެހެން ވިދާޅުވިޔަސް ރައީސް ނަޝީދު އެ ކަންތައް ކުރައްވަނީ، އެމަނިކުފާނު އަދި މި ޕާޓީ ވެސް ބޭނުންވާ ގޮތަށް،" ހަސަން ވިދާޅުވި އެވެ.