މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސް ހިމެނޭ ވޭޕް ވިއްކާ މައްސަލަތަކެއް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.
އެނގިފައިވާ ގޮތުގައި ރާއްޖެ އަށް ކެނަބިޑިއޯލް (ސީބީޑީ) އާއި ޓެޓްރަހައިޑްރޯ ކެނަބިނޯލް (ޓީއެޗްސީ) ވޭޕްތައް އެތެރެކޮށް އޭގެ ވިޔަފާރި ކުރަމުންދާތާ ދުވަސްތަކެއް ވެއްޖެ އެވެ.
އެ ވިޔަފާރި ކުރަމުންދާ އެއް ގޮތަކީ ޓެލެގްރާމް ޗެނަލްތައް ހަދައިގެންނެވެ. އަދި 500ރ. އާއި 5000ރ. އާ ހަމައަށް ވިއްކަން އެބަ ހުއްޓެވެ.
އެކަމާ ގުޅޭ ގޮތުން "މިހާރު" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މަސްތުވާތަކެތި ހިމެނޭ ވޭޕް ވިއްކަމުންދާ ކަން ފާހަގަ ވެގެން އޮޕަރޭޝަންތަކެއް ހިންގާފައިވާނެ ކަމަށެވެ.
މިދިޔަ އަހަރާއި މި އަހަރުގެ ތެރޭގައި ވެސް ބައެއް އޮޕަރޭޝަންތައް ހިންގި ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
"އެފަދަ މައްސަލަތައް ތަހުގީގުކޮށް، އިތުރަށް ބަލަން ޖެހޭ ކަންކަން ދަނީ ބަލަމުން،" އޭނާ ވިދާޅުވި އެވެ.
ސީބީޑީ އާއި ޓީއެޗްސީ އަކީ ކެނަބިސްގައި އެކުލެވޭ ދެ ސަބްސްޓެންސް އެކެވެ. މި ދެ ވައްތަރުގެ ސަބަބުން ވެސް ކެނަބިސް އިން ކުރާ ފަދަ އަސަރުތައް މީހާގެ ހަށިގަނޑަށް ކުރެ އެވެ.
ރާއްޖޭގައި ވޭޕް ބޭނުން ކުރުން ވަނީ ވަރަށް ބޮޑަށް އާންމުވެފަ އެވެ. ހާއްސަކޮށް ޒުވާނުންނާއި ކުޑަ ކުދިން ވޭޕް ބޭނުން ކުރާ ވަރު މިފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.
އެ މައްސަލާގައި ޓޮބޭކޯ ކޮންޓްރޯލް ބޯޑުން އަންނަނީ ވޭޕް މަނާ ކުރަން ސަރުކާރަށް ލަފާ ދިނުމަށް ކަރުދާހެއް ތައްޔާރު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.