މާލޭގައި ކުލަ ގަދަކޮށް ފިތުރު އީދު ފާހަގަކުރަން މާލޭ ސިޓީ ކައުންސިލުން ތައްޔާރުވެއްޖެ އެވެ.
ކަލަންޑަރުގައިވާ ގޮތުން ކުޑަ އީދު ދުވަހަކީ އަންނަ ހަފްތާގެ ބުދަ ދުވަހެވެ. އެ ދުވަހަށް ވަމުންދާ ތައްޔާރީތަކާ ގުޅިގެން ސިޓީ ކައުންސިލުން އެކްސްގައި ކުރި ޕޯސްޓުގައި ބުނީ "މަގޭ އީދު" ގެ ނަމުގައި ސާދަ އެންޓަޓެއިންމަންޓާ ގުޅިގެން އެކި ހަރަކާތްތައް ހިންގުމަށް ތައްޔާރުވަމުންދާ ކަމަށެވެ.
ކައުންސިލުން ބުނި ގޮތުގައި އީދު ދުވަހުގެ ހެނދުނު 9:30 ގައި ރަސްފަންނު ސަރަހައްދުގައި ކުލަ ޖެހުމުގެ ހަރަކާތެއް ވެސް އޮންނާނެ އެވެ. އަދި ބޮޑުމަހާއި މާލި ޕެރޭޑެއް ވެސް ހަވީރު 4:00 ގައި އޮންނާނެ އެވެ. މި ހަރަކާތް ފަށާނީ މަޖީދީ މަގުން އޮލިމްޕަސް ކުރިމަތިންނެވެ.
އެ ރޭ 8:30 ގައި އާޓިފިޝަލް ބީޗުގައި ހާއްސަ ޝޯއެއް ވެސް ބާއްވާ ގޮތަށް ހަމަޖެހިފައިވާއިރު އެ އިވެންޓަށް ފަހު 10:00 ގައި އެ ސަރަހައްދުގައި ހަވާ އަރުވާނެ އެވެ.
މާލޭގައި ކުލަ ގަދަކޮށް އީދު ފާހަގަކުރަން ނިންމިއިރު، ސަރުކާރުން ވަނީ ކުޑަ އީދު ފާހަގަކުރުމަށް މުޅި ރާއްޖެ ގިޑިގެތަކުން ދިއްލާލަން ވެސް ނިންމައިފަ އެވެ. މާލޭގައި ވެސް ގިޑިގެތައް ޖެހުމުގެ މަސައްކަތް މިހާރު ކުރަމުން އެބަދެ އެވެ.
އީދު ދުވަހަކީ ގިނަ ބަޔަކު އާއިލާއާ އެކު ބޭރަށް ނުކުންނަ ދުވަހަކަށްވާތީ މަގުމަތީގައި ހަމަޖެހިލައިގެން އުޅެވޭނެ ގޮތް ހެދުމަށް މިއަހަރު ވެސް ހަވީރު 4:00 އިން ރޭގަނޑު 8:00 ޖަހަންދެން މާލޭގައި ވެހިކަލް ދުއްވުން މަނާވާނެ އެވެ. އެ ވަގުތު ހާއްސަކޮށްފައި ވަނީ ފައިމަގުގައި އުޅޭ ވަގުތުގެ ގޮތުގަ އެވެ.