ދެ ލޯންޗު ޖެހި ރޭ ކަނޑުމަތީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި މީހުންގެ ތެރެއިން މިހާރު ހޮސްޕިޓަލުގައި ފަރުވާދެނީ އެންމެ މީހަކަށް ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.
ރޭ 11:00 ހާއިރު އެ ހާދިސާ ހިނގީ ހުޅުލޭ ނެރު ކައިރިންނެވެ. އެ އެކްސިޑެންޓްގައި ހަތް މީހަކަށް އަނިޔާވި އިރު އެ މީހުންނަށް އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ވެސް އޭރު ފުލުހުން ބުންޏެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ ހޮސްޕިޓަލަށް ގެންދިޔަ މީހުންގެ ތެރެއިން ހަ މީހުން ފަރުވާ އަށް ފަހު މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.
"އެންމެ މީހަކަށް ފަރުވާދެނީ މިހާރު، އޮތީ ވޯޑުގައި،" އޭނާ ވިދާޅުވި އެވެ.
ނަމަވެސް އެއްވެސް މީހަކަށް ލިބުނު އަނިޔާގެ ތަފްސީލެއް ހޮސްޕިޓަލަކުން ނުދެ އެވެ.
ދެ ލޯންޗު ޖެހި އެކްސިޑެންޓެއް ހިނގާފައި ވާއިރު، މިދިޔަ ހޮނިހިރު ދުވަހު އދ. ދަނގެތި ކައިރީގައި ފާނަ މަސްވެރިކަމަށް މޫދަށް އެރި އުޅުނު ބިދޭސީއެއްގެ ގައިމަތިން ލޯންޗެއް ގޮސް މީހަކު މަރުވި ހާދިސާއެއް ވެސް ވަނީ ހިނގައިފަ އެވެ.
އެ މައްސަލާގައި އެ ލޯންޗު ދުއްވަން އިން މީހާ ހައްޔަރު ކޮށް، ވަނީ 15 ދުވަސް ޖަހައިފަ އެވެ.