ދަށު ކޯޓުގެ ފަނޑިޔާރުން ވެސް ޝަރީއަތުގެ މަޖިލީހުގައި ގައުން ލައިގެން ތިބެންޖެހޭ ގޮތަށް ސުޕްރީމް ކޯޓުން މިއަދު ހަމަޖައްސައިފި އެވެ.
ފަނޑިޔާރުންގެ ތެރެއިން މިހާރު ގައުން ލާންޖެހެނީ ސުޕްރީމް ކޯޓާއި ހައި ކޯޓުގެ ފަނޑިޔާރުން އެކަންޏެވެ. އަދި ދަށު ކޯޓުތަކުގެ ފަނޑިޔާރުން މިހާރު ޝަރީއަތުގެ މަޖިލީހުގައި ތިބެން ޖެހެނީ ކަޅު ނުވަތަ ގަދަ ނޫކުލައިގެ ކޯޓު ފަޓުލޫނުގަ އެވެ.
ސުޕްރީމް ކޯޓުން މިއަދު އާންމުކުރި ގަވާއިދުގައިވާ ގޮތުން ދަށު ކޯޓުގެ ފަނޑިޔާރުން ވެސް ޝަރީއަތުގައި ދެން ލާން ޖެހޭނީ ގައުނެވެ. އަދި އަންނަ އޮކްޓޫބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ދަށު ކޯޓުތަކުގެ ފަނޑިޔާރުން ޝަރީއަތް ކުރާއިރު ތިބެން ޖެހެނީ ގައުން ލައިގެން ކަމަށް އެ ގަވާއިދުގައިވެ އެވެ.
އެ ގަވާއިދުގައި ވަނީ އެ ގައުނަކީ ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ތައްޔާރުކުރާ ނަމޫނާއާ އެއްގޮތަށް އޮންނަ ގައުނަކަށް ވާންޖެހޭނެ ކަމަށެވެ.
ގަވާއިދަށް އަމަލުކުރަން ފަށާތާ ހަތަރު މަސް ތެރޭގައި ދަށު ކޯޓުތަކުގެ ފަނޑިޔާރުންނަށް ޑީޖޭއޭއިން ގައުން ފޯރުކޮށްދޭން ޖެހޭނެ ކަމަށް ވެސް ގަވާއިދުގައި ބުނެފައިވެ އެވެ. އަދި ކޮންމެ ދެ އަހަރުން އެއް އަހަރު ޑީޖޭއޭއިން ފަނޑިޔާރުންނަށް ގައުން ދޭންޖެހޭނެ ކަމަށް އެ ގަވާއިދުގައިވެ އެވެ.