ކުރީގެ ރައީސް މައުމޫން: ރާއްޖޭގެ ބިންތައް ބޭރު ފަރާތްތަކަށް ވިއްކައިގެން ނުވާނެ ކަމަށް ވިދާޅުވި
22 ފެބުރުއަރީ 2017 - 17:26
ފ. އަތޮޅުގައި ކުރިއަށް ގެންދަން ރާވާފައިވާ މަޝްރޫއުގެ މައުލޫމާތު ރައްޔިތުންނަށް އެނގެން ޖެހޭނެތީ، އެކަން ސާފުކޮށްދިނުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ސަރުކާރަށް މިއަދު ގޮވާލައްވައިފި އެވެ.
ސައުދީގެ އިސް ފަރާތްތަކަކަށް ފ. އަތޮޅު ވިއްކާލަން އުޅޭ ކަމަށް ކުރާ ތުހުމަތުތަކާ ގުޅިގެން، ޕީޕީއެމްގެ ރައީސް މައުމޫން ނެރުއްވި ބަޔާނުގައި ވިދާޅުވީ ދިވެހިރާއްޖޭގެ ބިމުގެ އެއްވެސް ބައެއް ބޭރުގެ ފަރާތްތަކަށް ވިއްކައި އަދި އެތަނަކުން މާލީ ފައިދާ ދާއިމަށް ބޭރު ފަރާތްތަކަށް ލިބުމަކީ ދިވެހި ރައްޔިތުން އެދޭނެ ކަމެއް ނޫން ކަމަށެވެ.
ފ. އަތޮޅު ވިއްކާލުމުގެ ވާހަކަތައް ފެތުރޭއިރު، ދިވެހިންގެ މިނިވަންކަމާއި ސިޔާދަތާއި ރައްކާތެރިކަމާ ގުޅިފައިވާ މިފަދަ މަޝްރޫއުތަކުގެ ފުރިހަމަ މައުލޫމާތު ރައްޔިތުންނަށް ހާމަކޮށްދިނުމަކީ ސަރުކާރަށް ލާޒިމް ކަމެއް ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ފ. އަތޮޅުގެ މި މަޝްރޫއާ ބެހޭ އެއްވެސް މައުލޫމާތެއް ސާފުނުވާތީ އެ އަތޮޅުގެ ރައްޔިތުން ވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
"ދިވެހިރާއްޖޭގެ މިލްކުވެރިކަމުގެ ދަށުގައިވާ އެއްވެސް ތަނެއް، ބޮޑެތި އިގްތިސާދީ މަޝްރޫއުތަކުގެ ނަމުގައި، ބޭރުގެ އެކިއެކި ފަރާތްތަކަށް ވިއްކައި އޭގެ މާލީ ނަފާ އެ ފަރާތްތަކަށް ދާއިމަށް ހޯދައިދޭން މަސައްކަތް ކުރުމަކީ އެއްވެސް ސަރުކާރަކުން ކޮށްގެންވާނެ ކަމެއް ނޫނެވެ،" މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ އެފަދަ މަޝްރޫއުތަކުގެ ސަބަބުން ރާއްޖޭގެ މުސްތަގުބަލް ބަނަވެ އަންނަން އޮތް ޖީލުތަކަށް ފޫނުބެއްދޭވަރުގެ ގެއްލުމެއް ވާނެ ފަދަ އެއްވެސް ކަމެއް ޕީޕީއެމްގެ ސަރުކާރަކުން ކޮށްގެން ނުވާނެ ކަމަށެވެ. އަދި ބޭރުގެ އެކިއެކި ނުފޫޒުތަކުން އެއްކިބާވެފައިވާ މިނިވަން ގައުމެއްގެ ގޮތުގައި ރާއްޖެ ދަމަހައްޓާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް ބަޔާނުގައި ވިދާޅުވި އެވެ.
ރާއްޖޭގެ ބިންތައް ބޭރުގެ ފަރާތްތަކަށް މިލްކުނުކޮށްދެވޭނެ ކަމަށް ގާނޫނުއަސާސީގައި ކަނޑައަޅާފައި އޮތް ކަން ފާހަގަކުރައްވައި މައުމޫން ވިދާޅުވީ، އެ ނިންމުން ބަދަލުކުރަން މި ސަރުކާރުން އުޅުމުން އެމަނިކުފާނު ދެކޮޅު ހެއްދެވި ކަމަށެވެ. ރާއްޖެ އިން ބިން މިލްކުކުރެވޭ ގޮތަށް ގާނޫނުއަސާސީ އިސްލާހުކުރުމުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ރައީސް ޔާމީން އަރިހުން އެދިވަޑައިގެންނެވި ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމަށް ނިސްބަތްވެވަޑައިގަންނަވާ ގިނަ މެމްބަރުންގެ ވޯޓާ އެކު ގާނޫނު އަސާސީ އިސްލާހުކުރީ ޕީޕީއެމްގެ ކައުންސިލާ ވެސް މަޝްވަރާނުކޮށެވެ. އަދި އެ އިސްލާހާ ގުޅޭ ގޮތުން ޕީޕީއެމްގެ ރައީސް ހުށަހެޅުއްވި އެއްވެސް ސިޓީއަކަށް ޖަވާބު ނުދޭ ކަން ވެސް ބަޔާނުގައި މައުމޫން ފާހަގަކުރެއްވި އެވެ.
"ކަން މިހެން ހުރި ނަމަވެސް ޕީޕީއެމްގެ މުސްތަޝާރު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ވަނީ ގާނޫނުއަސާސީއަށް ގެނެވުނު ބޮޑެތި ހުރިހާ ބަދަލުތަކެއް ތަސްދީގު ކުރައްވާފަ އެވެ،" ބަޔާނުގައިވެ އެވެ.
ފ. އަތޮޅު ވިއްކާލަން އުޅޭ ކަމަށް ފަތުރާ މައުލޫމާތުތަކާ ގުޅިގެން ސަރުކާރުން ރަސްމީކޮށް މިހާތަނަށް އެއްވެސް އެއްޗެއް ނުބުނެ އެވެ. އެ އަތޮޅު ވިއްކާ ނުލުމަށް އިދިކޮޅު ޕާޓީތަކުން ވެސް ވަނީ ސަރުކާރަށް ގޮވާލައިފަ އެވެ.
ފ. އަތޮޅުގައި ސައޫދީން ކުރިއަށް ގެންދާނީ ތަރައްގީގެ ބޮޑު މަޝްރޫއެއް ކަމަށް މިދިޔަ މަހު އެ އަތޮޅު މަގޫދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ ވިދާޅުވެފަ އެވެ. އެކަމަކު މަޝްރޫއުގެ ތަފްސީލެއް ނުދެއްވަ އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި އެ މަޝްރޫއާ އެކު އެ އަތޮޅު މުޅި ދުނިޔެ އަށް ހުޅުވާލެވި، ވަރަށް ގިނަ އަދަދަކަށް ވަޒީފާގެ ފުރުސަތު ތަނަވަސްވެގެންދާނެ އެވެ. މުޅި ދުނިޔޭގައި ވެސް އިންޓަގްރޭޓަޑް ޓޫރިޒަމްގެ ގޮތުގައި އޮތީ ވަރަށް މަދު ތަނެއް ކަމަށާއި ސަރުކާރުގެ ވިސްނުމަކީ ފ. އަތޮޅަށް އެފަދަ ތަރައްގީއެއް ގެނައުން ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޯ ހަލާކު
26 February 2017
އިއް އެމްޑީޕީ ނުކުމެ ބިންވިއްކީމަ އެއްބަޔަކަށް ރަނގަޅު އިދިކޮޅުމީހުން ރުޅިގަދަވީ. މިއަދު މި މީހުން ބިންތައް ވިއްކަނީއޭ ކިޔާފަ މި ނުކުތީ އެއްކަލަދުވަހު ވިއްކި މީހުން ދެން ވާނުވާނޭނގޭ ރައްޔިތުން ތިބެނީ ބިރުވެރިކަމެއްގައި... ހަމަހުވާ މަށަށް ވާނަމަ ހަދާނެގޮތަކީ ޤައުމުގައި ކޮންމެ ސަރުކާރެއްއޮތަސް ތަރައްޤީއަށް ހުރަސްއަޅަން ދިމާކުރާ ކޮންމެ މީހަކު ޓެރަރިސްޓެއްގެ ގޮތުގައި ހިފާ ހައްޔަރުކުރާނީ.. އަޅެފަހެ ކޮންމެވެސް ބަޔަކު އަރާ މިތަން ތަރައްޤީ ކުރަން ފުރުސަތުދޭންވީނުން.. ދެން މާ މޮޅުބަޔަކަށްވެގެން ގައިންބޮލުން ތާހިރުނުވެ ޑިމޮކްރަސީ ނޭންގޭ އިރުވެސް އަނބިދަރިންގެ ހާލުނުބަލަ ނުކުމެ ޤައުމު ފަސާދަކުރަނި މީއެއް ނޫން ޑިމޮކްރަސީއަކީ... ތަންކޮޅެއް ވިސްނަންވެއްޖެއްނު ހުރިހާ ބޭފުޅުންވެސް..
ސަނީ ސައިޑް
23 February 2017
ދިވެހީންގެ ބިމަށް ހަދާ ނުހަދާއެއްވެސް ނޭނގެ.. ޔާމީނު ބޭނުން ގޮތެއް އެހަދަނީ. ބިންތައް ވިއްކާއިރު ދެން ތިބޭ ރައްޔިތުން ނޯށުން ރޯން. އަދިވެސް އޭނަ ހޮވާތި
ޕޮކަންޑި މޭން
23 February 2017
މައުމޫނުއަށް އަހަރެމެން ދޭންޖެހޭނެ މަޢުލޫމާތެއް ނޯންނާނެ. މިކަމާ މާ ބޮޑަށް ނޫޅެ ކްރިކެޓް ކުޅެން އުޅުނީމަ ހުންނާނީ ރަނގަޅަށް.
ޗިކުސް
23 February 2017
ވިއްކާލަނީ އަހަރުމެންގެ ވެސް މިލްކެއް ، ދިވެހި ރައްޔިތުންނަށް އެބަޖެހޭ ސާފުކޮއް ކިޔާދޭން، ރާއްޖޭގެ ރަށްތައް ވިއްކުމާ ދެކޮޅުހަދަން.
ޒާމް
23 February 2017
ރައްޔިތުންނަށް ދީންވެސް އެނގެންޖެހޭ ،
ހެއްވާ
23 February 2017
އެކަމަކު ޖީއެމްއާރަށް ދިނީމަ އެ ކަޑަވީ. ޔާމީން ވަޓް އިޒް ދިސް
މަގު
23 February 2017
އެމްޑީޕީން ކޮށައިދިން މަގުން މިހިނގަނީ ޕިންކީމެން. ގައުމަށް ހެއޮ އެދޭ އެކަކުވެސް ނެތް.
އިންވޮއިސް ކްލިންޓަން
23 February 2017
މީހުން ހައިޖެކް ކޮށްގެން އެމީހުންގެ ނަފާ ވަކިބަޔަކަށް ލިބޭ ގޮތަށް ރާވައިދީގެން ބާރާ އެހީތެރިކަންދީގެން ކުރުމަކީވެސް ދައުލަތަކުން ކުރަން ޔޮވާވަރުގެ ކަމެއްނޫން ! އެކަމަކު ޒަމާނުއްސުރެ އެކަން އެގޮތަށް ހުރިހާ ވެރިކަމެއގައިވެސް ތިޔަ ރާއްވަވަނީ ކީއްވެތޯ ! އެއްވެސް ފަރުދެއްގެ އަމިއްލަވަންތަކަމަށް ކުރެފި އެރުވުމަކީ ޤައުމީ ވާޖިބެއްތޯ !
އަލީ
23 February 2017
ތިވިސްނުންފުޅު ބަލައިގަންނަށް އެކަމަކު ޒަމާނީ ތަރައްގީ ގެނެވޭނީ ޤުރުބާނީތަކެއްވެގެންދެއްތޯ...! ވިއްކާލާވާހަކަ ތިޔަދައްކަވަނީ ރަގަޅަށް މިކަމުގައި ވިސްނާފައިތޯއެވެ. މިތަރައްގީ އަތޮޅަށް އައިމަ ފައިދާވާނީވެސް ރަށުގެ ރަށްޔިތުންނަށް ދެއްތޯއެވެ. ވީމާ ތިޔަ ދެބޭފުޅުންގެ ޒާތީ ހަސަދަވެރިކަން ބާއްވާ ޤައުމާއި ރަށްޔިތުން ކުރިއަށް ނެރުއްވާށެވެ. " އެކްޝަންސް ސްޕީކް ލައުޑަރ ދެން ވޯޑްސް "
ހ
23 February 2017
ރަގަޅު ވާހަޔެއް