އައިޖީއެމްއެޗުގެ ހުރިހާ މުވައްޒަފުން ނިކުމެ އެ ހޮސްޕިޓަލް ސާފުކުރުމުގެ ހަރަކާތެއް މިއަދު ބާއްވައިފި އެވެ.
އެ ހޮސްޕިޓަލުގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގް ހަލީމް، "މިހާރު" އަށް ވިދާޅުވި ގޮތުގައި މި ހަރަކާތަކީ އެ ހޮސްޕިޓަލުގެ މުވައްޒަފުން އިސްވެ، ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.
ހަލީމް ވިދާޅުވީ އައިޖީއެމްއެޗަކީ ކޮންމެ ދުވަހަކު ގަވާއިދުން ސާފު ކުރަމުންދާ ހޮސްޕިޓަލަކަށް ވިޔަސް އެކި ޑިޕާޓްމަންޓުތަކާއި ކޮމަން އޭރިއާގައި ވެސް ސާފުކުރަން ޖެހޭ ތަންތަން ހުންނަ ކަމަށެވެ. އެހެންވެ، ހުރިހާ ޑިޕާޓްމަންޓެއްގެ މުވައްޒަފުން ނިކުމެ އެ މަސައްކަތް ކުރީ ކަމަށް އޭނާ ވިދާޅުވި އެވެ.
"ހޮސްޕިޓަލަކީ އަބަދުވެސް ސާފުތާހިރުކޮށް ބާއްވަން ޖެހޭ ތަނަކަށްވާތީ، ބަލި މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް އެންމެ ސާފު ތަނަކަށް ހޮސްޕިޓަލު ވާން މިޖެހެނީ،" ހަލީމް ވިދާޅުވި އެވެ.
"އެހެންވީމަ މުވައްޒަފުން އިސްނަގައިގެން ވަރަށް ކޯޑިނޭޓެޑް އެފޮޓެއް ލައިގެން ބޮޑު އިވެންޓެއް ގޮތަށް ކްލީނިން ޑޭއެއް ފާހަގަ ކޮށްލީ."
ހަލީމް ވިދާޅުވި ގޮތުގައި އައިޖީއެމްއެޗުގެ ދަށުން ހިންގަމުންދާ ވިލިމާލޭ ހޮސްޕިޓަލުގެ މުވައްޒަފުން ވެސް ވަނީ މިއަދު އެ ހޮސްޕިޓަލުގެ އެތެރެ ސާފުކުރުމުގެ މަސައްކަތްކޮށްފަ އެވެ.
އެ މަސައްކަތުން ދައްކުވައިދެނީ މުވައްޒަފުންގެ ހިތުގައި ހޮސްޕިޓަލަށް އޮތް ލޯތްބާއި އިސްކަން ކަމަށް ހަލީމް ވިދާޅުވި އެވެ.
ފޮޓޯތަކުން ފެންނަ ގޮތުގައި ތަންތަން ސާފުކުރުމުގެ އިތުރުން ބޭރު ފާރުގައި ކުލަލުމުގެ މަސައްކަތް ވެސް މުވައްޒަފުން ކުރާ ތަން ފެނެ އެވެ.