އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު: އިމިގްރޭޝަން ވޮޗްއަށް މަހެއްހާ ދުވަހުގެ ތެރޭގައި ވަނީ ގިނަ އަދަދެއްގެ މައްސަލަ ހުށަހަޅައިފައި. ފޮޓޯ: ނިޝާން އަލީ | މިހާރު
12 އޯގަސްޓް 2024 - 14:48
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައުލޫމާތާއި އިމިގްރޭޝަނާ ގުޅުން ހުރި އެހެން މައްސަލަތައް ރިޕޯޓްކުރެވޭ ގޮތަށް ތައާރަފުކުރި އޮންލައިން ޕޯޓަލް "އިމިގްރޭޝަން ވޮޗް" އަށް މަހެއްހާ ދުވަހުގެ ތެރޭގައި 290 މައްސަލަ ހުށަހަޅައިފި އެވެ.
ސަރުކާރުގެ އިދާރާތަކުގެ ޚަބަރުތައް ގެނެސްދޭ ވެބްސައިޓް "ސަރުކާރު"ގައި ހޯމް މިނިސްޓްރީން ބުނީ މިދިޔަ މަހު 17 ގައި ތައާރަފުކުރި "އިމިގްރޭޝަން ވޮޗް" އަށް މިހާތަނަށް 290 މައްސަލަ ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން 139 މައްސަލައެއް އިމިގްރޭޝަނުން ތަހުގީގުކުރަމުން އަންނަ ކަމަށާއި 146 މައްސަލައިގެ މައުލޫމާތު ސައްހަކަން ކަށަވަރުކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް މިނިސްޓްރީން ބުންޏެވެ.
ރިޕޯޓްކޮށްފައިވާ މައްސަލަތަކުގެ ތެރެއިން ފަސް މައްސަލައަކީ ކަމާ ގުޅުން ނެތް މައްސަލަތަކެއް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
އިމިގްރޭޝަންގެ އިމުގާ ވެބްސައިޓުގައިވާ މި ޕޯޓަލް މެދުވެރިކޮށް، ކާކުކަން ނޭނގޭ ގޮތަށް މައްސަލަތައް ހުށަހެޅެ އެވެ.
މި ސަރުކާރު ވެރިކަމަށް އައިސް އެންމެ އިސްކަންދީފައިވާ އެއް ކަމަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އަތުލައިގަނެ ޑީޕޯޓް ކުރުމެވެ. މިދިޔަ ހަތް މަސްދުވަހުގެ ތެރޭގައި 2،000 އަށް ވުރެ ގިނަ ބިދޭސީން ޑީޕޯޓް ކޮށްފައިވާއިރު، ރާއްޖޭގައި ގަވާއިދާ ހިލާފަށް ވިޔަފާރި ހިންގާ ބިދޭސީން ހޯދުމުގެ ރެއިޑް އޮޕަރޭޝަންތައް ވެސް އަންނަނީ ހިންގަމުންނެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް ވިޔަފާރި ހިންގާ 150 އަށް ވުރެ ގިނަ މީހުން ވަނީ އެ އޮޕަރޭޝަންގައި ހިފަހައްޓައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy