އިނަ މޯލްޑިވްސްގެ ދެ އޮފީސް ފަޅާލައި އެ ތަނަށް ބަޔަކު ގެއްލުންދީފި އެވެ.

އަމީރުއަހުމަދު މަގުގައި ހުންނަ އިނަ މޯލްޑިވްސްގެ ދެ އޮފީހަށް ބަޔަކު ވަދެ އެ ތަނުން ވައްކަން ކުރަން ވަނީ މަސައްކަތްކޮށްފަ އެވެ.

އިނަ މޯލްޑިވްސްގެ މެނެޖިން ޑިރެކްޓަރު މުހައްމަދު ފިރާގު ވިދާޅުވި ގޮތުގައި އޮފީހަށް ބަޔަކު ވަދެފައިވަނީ ތަޅު ހަލާކުކޮށްލައިގެންނެވެ. އެ ތަނުން މުހިންމު އެއްޗެއް ވަގަށް ގެންގޮސްފައި ނުވާ ކަމަށާއި ނަމަވެސް، އިމާރާތަށް ދީފައިވަނީ ބޮޑު ގެއްލުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ފުލުހުން ބުނީ އަމީރުއަހުމަދު މަގުގައި ހުރި ތިން އިމާރާތަކަށް ގެއްލުންދީ ވައްކަންކޮށްފައިވާ މައްސަލައެއް ރިޕޯޓް ކޮށްފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.