ސ. މަރަދޫ ގެއެެއްގެ ގުދަނުގައި އަލިފާން ރޯވެ ބޭނުން ނުކުރެވޭ ވަރަށް އަނދައިފި އެވެ.

އަލިފާން ރޯވީ މަރަދޫ އެތުމާގޭގައި ވިޔަފާރިކުރާ ތަކެތި ބަހައްޓަން ހަދާފައިވާ ގުދަނެއްގެ އިތުރުން އެ ފިހާރައާ އިންވެގެން ހުރި ގާޑިޔަލެއްގަ އެވެ.

އެމްއެންޑީއެފުން ބުނީ ރޭ ފަތިހު 05:46 ހާއިރު، ހިތަދޫ ފަޔާ ސްޓޭޝަނަށް އަލިފާން ރޯވެގެން އުޅޭ ކަމަށް ލިބުނު ރިޕޯޓާ އެކު ފަޔާ ފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފެށި ކަމަށެވެ.

މަރަދޫ އެތުމާގޭގެ ގުދަނުގައި ރޯވެ އަނދާފައި.-- ފޮޓޯ | އެމްއެންޑީއެފް
މަރަދޫ އެތުމާގޭގެ ގުދަނުގައި ރޯވެ އަނދާފައި.-- ފޮޓޯ | އެމްއެންޑީއެފް

ފަޔާ ފައިޓަރުން ކުރި މަސައްކަތުން ގަޑިއެއްހާ އިރުގެ ތެރޭގައި އަލިފާން ނިންވާލާފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ. އެކަމަކު، ފޮޓޯތަކުން ފެންނަ ގޮތުގައި އަލިފާން ނިއްވާލެވުނުއިރު އެ ތަންތަނުގައި ހުރި ހުރިހާ އެއްޗެއް ވަނީ އަނދައިފަ އެވެ.