ރައީސް ޑރ. މުހައްމަދު މުއިއްޒު އެމެރިކާގެ ނިއުޔޯކުގައި ހުންނަ ގޫގުލް އޮފީހަށް މިއަދު ޒިޔާރާތް ކުރައްވައިފި އެވެ.
ގޫގުލް އޮފީހަށް އެ މަނިކުފާނު ވަޑައިގަތުމުން މަރުހަބާ ދެންނެވީ ގޫގަލް ޕަބްލިކް ސެކްޓާ ސީއީއޯ ކަރެން ދަހުތު އެވެ.
ރައީސް އޮފީހުން ބުނީ، އެ ބައްދަލުވުމުގައި ރައީސް ވަނީ ޕަބްލިކް ސާވިސް ޑެލިވަރީގެ ނިޒާމަށް އާޓިފިޝަލް އިންޓެލިޖެންސް ތައާރަފުކުރުމާއި ޕަބްލިކް ސާވިސް ޑެލިވަރީގެ ނިޒާމަށް އޭއައި ތައާރަފު ކުރުމާއި ޑިޖިޓަލް ލިޓްރެސީ އިޝްތިހާރު ކުރުމުގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކަށް ޑޭޓާ ޑްރައިވް ސޮލިއުޝަންތަކާ ގުޅޭ ގޮތުން ގުޅިގެން މަސައްކަތް ކުރުމަށް ގޫގުލްގެ އިސް ވެރިންނާ މަޝްވަރާ ކުރައްވާފައި ކަމަށެވެ.
އދ. ގައި ކުރިއަށް ގެންދިޔަ"ބިލްޑިންގް ޕްރޮޑަކްޓިވް ކެޕޭސިޓީސް އިން ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް" ގައި ވެސް ރައީސް މުއިއްޒު ވަނީ ޑިޖިޓަލް އިގްތިސާދެއް އުފެއްދުމަށް ރާއްޖެ އިން ކުރާ މުހިއްމު މަސައްކަތްތަކެއް ހިއްސާ ކުރައްވަައިފަ އެވެ.
ރާއްޖެ އާއި އެމެރިކާގެ ގުޅުން ކުރިއަށް ވުރެ ބަދަހި ކުރުމަށް ދެ ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ދަށުން ދިވެހި ސަރުކާރުގެ އިސްބޭފުޅުން މިދިޔަ 10 މަސް ތެރޭގައި ވަނީ އެމެރިކާ އަށް ދަތުރުތައް ކުރައްވައިފަ އެވެ.
ދުނިޔޭގެ އެކި ސަރަހައްދުތަކުން ފައިސާ ފޮނުވާ އަދި ފައިސާ ލިބިގަތުމަށް ބޭނުންކުރާ މަޝްހޫރު ޕޭމަންޓް ސިސްޓަމް "ޕޭޕަލް" ރާއްޖެ އަށް ތަރާއަފު ކުރުމަށްޓަކައި ވެސް އެމެރިކާއާ ގުޅިގެން މިހާރު ވަނީ މަސައްކަތްތަކެއް ފަށައިފަ އެވެ. ދިވެހި ސަރުކާރުގެ ޕްރޮޕޯޒަލް މިދިޔަ އޮގަސްޓް މަހުގެ ކުރީކޮޅު އެ ކުންފުންޏަށް ވަނީ ހުށަހަޅައިފަ އެވެ.
ނިއުޔޯކުގައި ކުރިއަށް ގެންދާ އދ. ގެ އާންމު މަޖިލީހުގެ 79 ވަނަ ބައްދަލުވުމުގައި ބައިވެރިވެޑައިގަތުމަށް އެ ގައުމަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރައީސް މުއިއްޒު ވަނީ އެކި ގައުމުތަކުގެ ވެރިންނާ ވެސް ބައްދަލުކުރައްވައިފަ އެވެ.