ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކަށް ޗައިނާއިން އަބަދުވެސް އެއްބާރުލުން ދޭނެ ކަމަށް އެ ގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވާންގް ލީޝިން ވިދާޅުވެއްޖެ އެވެ.
ޗައިނާގެ ގައުމީ ދުވަސް ފާހަގަކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވިދާޅުވީ ރާއްޖެ އާއި ޗައިނާއަކީ އަބަދުވެސް އެއް ގައުމުން އަނެއް ގައުމަށް އިހުތިރާމު ކުރާމާއި މަދަދުކުރާނެ ދެ ގައުމު ކަމަށެވެ.
ރާއްޖެ އާއި ޗައިނާއާ ދެމެދު އޮތް ޒަމާންވީ ގުޅުމަކީ ބޮޑު ގައުމަކާއި ކުޑަ ގައުމަކާ ގުޅުން އޮންނަންވީ ގޮތުގެ މިސާލެއްގެ ގޮތުގައި އޭނާ ވަނީ ސިފަ ކުރައްވައިފަ އެވެ.
ދެ ގައުމު ގުޅިގެން މަސައްކަތް ކުރަމުން މި އަންނަނީ ފަތުރުވެރިކަމާއި ދަނޑުވެރިކަމާއި މަސްވެރިކަމާއި ވިޔަފާރި އަދި އިންވެސްޓްމަންޓް ދާއިރާއިން އެއްބާރުލުން ފުޅާކުރުމަށް. -- ސަފީރު
ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ފުޅާ ތަސައްވަރުގެ ދަށުން ފަށާފައިވާ "ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް" މަޝްރޫއަށް 10 އަހަރު ފުރިފައިވާއިރު، ދެ ގައުމަށް ވެސް ފައިދާވާ ގޮތަށް ދެމުން ގެންދާ އެއްބާރުލުމުގެ ސަބަބުން ރާއްޖެ އާއި ޗައިނާގެ މީހުންނަށް ކުރިއެރުންތައް ލިބެމުން އަންނަ ކަމަށް ވެސް ސަފީރު ވިދާޅުވި އެވެ.
ރާއްޖެއަށް އެ ގައުމުން ވެދިން އެހީތަކުގެ ތެރެއިން، ޗައިނާ ސަރުކާރުގެ އެހީގައި އެޅި ސިނަމާލެ ބްރިޖާއި ވެލާނާ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އިތުރުން ސޯޝަލް ހައުސިންގެ ގިނަ މަޝްރޫއުތައް ފާހަގަކުރެއްވި އެވެ.
ސަފީރު ވިދާޅުވީ ވެރިކަމާ ހަވާލުވެވަޑައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު މި އަހަރު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަ ވެފައިވާ ކަމަށާއި އެ ގުޅުމުގެ ތެރެއިން ތަރައްގީގެ އިތުރު މަޝްރޫއުތައް ފުޅާކުރެވި، ހިންގަމުން އަންނަ ކަމަށެވެ.
އެގޮތުން ވިލިމާލޭގައި 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް ބިނާކުރުމުގެ މަސައްކަތްތަކާއި ވިލިމާލޭގެ މަގުތައް ތަރައްގީ ކުރުމުގެ މަސައްކަތްތައް ފާހަގަކުރައްވައި ވާންގް ވިދާޅުވީ ޗައިނާ އަބަދުވެސް އޮންނާނީ ރާއްޖޭގެ ތަރައްގީގެ ބައިވެރިއެއްގެ ގޮތުގައި ކަމަށެވެ.
ކުރިއަށް އޮތް ތަނުގައި ދިވެހި ސަރުކާރާ އެކު ދެ ގައުމަށް ވެސް ދެމެހެއްޓެނިވި ފައިދާ ލިއްބައިދޭ ތަރައްގީ އާއި ކުރިއެރުން ގެނައުމަށް ޗައިނާ އިން ތައްޔާރަށް އޮތް ކަމުގެ ޔަގީންކަން ވާންގް ދެއްވި އެވެ.
"ދެ ގައުމު ގުޅިގެން މަސައްކަތް ކުރަމުން ދަނީ ފަތުރުވެރިކަމާއި ދަނޑުވެރިކަމާއި މަސްވެރިކަމާއި ވިޔަފާރި އަދި އިންވެސްޓްމަންޓް ދާއިރާއިން އެއްބާރުލުން ފުޅާކުރުމަށް،" އޭނާ ވިދާޅުވި އެވެ.
ޗައިނާ މިވަގުތު ވެސް އޮތީ ޓޫރިސްޓު އެރައިވަލްގެ އެއް ވަނައިގައި ކަން ފާހަގަކުރައްވައި ގައުމީ ދުވަހާ ގުޅިގެން އަންނަ ބަންދުގައި ވެސް ޓޫރިސްޓުންގެ އަދަދު އިތުރުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.