އަންނަ އަހަރަކީ ރާއްޖޭގެ އިގްތިސާދުގައި ހަކަތަ އުފެދި، ދިވެހި ވިޔަފާރިވެރިން އަވަދިނެތި އުޅޭނެ އަހަރަކަށް ވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ރޭ ވިދާޅުވެއްޖެ އެވެ.
"މި އަންނަ އަހަރަކީ އަވަދިނެތި ރާއްޖޭގައި ދިވެހި ވިޔަފާރިވެރިން، އިގްތިސާދުގައި ހަކަތަ އުފެދިގެންދާނެ ކާމިޔާބު އަހަރަކަށް އިރާދަކުރެއްވިއްޔާ ވެގެން ދާނެ،" އެޗްޑީސީން ހިންގާ އެންމެ މުހިއްމު ޕްރޮޖެކްޓްތައް އިފްތިތާހު ކުރުމަށް ބޭއްވި "ޓްރާންސްފޯމިން ޓުމޯރޯ" އިވެންޓުގައި ސައީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އުމްރާނީ ބޮޑެތި މަސައްކަތްތަކާއި ބޯހިޔާވަހިކަމުގެ ރަން ޒަމާނެއް ހޯދައިދިނުމަށް ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުގައި ދެ ބިލިއަން ރުފިޔާ އަށް ވުރެ ބޮޑު އަދަދެއް ހިމަނާފައިވާ ކަމަށެ
އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައިވާ ގޮތުން އިގްތިސާދު ކުރިއަރާނެ ކަމަށް ލަފާ ކުރަނީ ހަ ޕަސެންޓުގަ އެވެ.
ސައީދު ވިދާޅުވީ، ބޯހިޔާވަހިކަމާއި ޕްްރައިވެޓް، ޕަބްލިކް ޕާޓްނާޝިޕްތަކުގެ ތެރެއިން އަންނަ ބޮޑެތި ޕްރޮޖެކްޓްތަކާއި ފޮރިން އިންވެސްޓްމެންޓްތަކާއި ފައިނޭންޝަލް ސެންޓަރު ގާއިމް ކުރުމާއި އެގްރިކަލްޗާ ޒޯނާއި އުތުރުގައި ބަނދަރު ހަދަން ފެށުމާ އެކު، ހަރަކާތްތެރި އިގްތިސާދެއް އޮންނާނެ ކަމާ މެދު ޝައްކެއް ނެތް ކަމަށެވެ.
ސައީދު ވިދާޅުވީ، މި އަހަރު ކުރިއަށް ދިޔައީ ވަރަށް ދަތި އުނދަގުލުގައި ކަމަށާއި މިއީ އިގްތިސާދީ ނުރައްކާތެރި ހާލަތެއް ކުރިމަތިވި އެއް އަހަރު ކަމަށެވެ. ނަމަވެސް، ރައީސް ޑރ މުހައްމަދު މުއިއްޒުގެ ލަފާފުޅާ އެކު، މި ހާލަތު މެނޭޖު ކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، މިދިޔަ އަހަރު އުމްރާނީ ގިނަ މަޝްރޫއުތަކެއް ހިންގާފައި ނެތް ކަމަށެވެ.
"މިހެން އަންނަ ދަތި އުނދަގޫ ނުރައްކާތެރި ހާލަތެއްގައި ކުރިއަށް ދާއިރު، ހިތްދަތިކަން ބައެއް ފަހަރު ދިމާވާ ގޮތް ވަނީ. އުނދަގޫތަކެއް، ހުރަސްތަކެއް ދިމާވާ ގޮތް ވަނީ. އެހެން ނަމަވެސް ދިވެހި ރާއްޖޭގެ މާޒީއަށް ފަށްފުށްތަކެއް ކުރިއަށް ބެލިކަމުގައި ވިޔަސް، އެހެން އަންނަ ކޮންމެ ހާލަތެއްގައި ވިޔަފާރިވެރިން ދިވެހި ރައްޔިތުން އަތުކުރި އޮޅާލާ ނުކުމެ ދެން ކުރާ މަސައްކަތުން ގައުމު ކުރިއަރައިދޭ،" އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، 2028 ވަނަ އަހަރު އަންނަ އިރު ރާއްޖޭގެ އިގްތިސާދު 10 ބިލިއަން ޑޮލަރަށް ޖެއްސޭނެ ކަމާ މެދު ޔަގީން ކުރެވޭ ކަމަށެވެ. އަންނަ އަހަރު މެދު ތެރޭގައި އާ ޓާމިނަލް ބޭނުން ކުރަން ފެށޭނެ ކަމަށެވެ.