އެމްޑީޕީގެ ސަރުކާރުން ނިންމާފައިވާ މަޝްރޫއުތަކުގެ ރިބަން ފަށް ކަނޑައިލުމުގެ އިތުރަށް، މި ސަރުކާރަށް މިވީ އަހަރު ދުވަހުގެ ތެރޭގައި ކުރެވުނު އެއްވެސް ކަމެއް ނެތް ކަމަށް ވިދާޅުވެ، މާލޭގެ މޭޔަރު އާދަމް އާޒިމް ސަރުކާރަށް ވަރަށް ބޮޑަށް ރޭ ފާޑުވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ވެރިކަން ބަދަލުވިތާ އަހަރެއް ފުރެން ގާތްވެފައި ވަނިކޮށް، މި އަހަރު އެ ޕާޓީން ބޭއްވި މިފަދަ ފުރަތަމަ ޖަލްސާގައި އާޒިމް ވިދާޅުވީ، މި ސަރުކާރުގައި ޓެކްސްތައް ބޮޑުކުރުމާއި ފެނާއި ކަރަންޓު ބިލު ބޮޑުވުމާއި ޑޮލަރު ރޭޓު މަތިވުން ފިޔަވައި އިތުރު ކަމެއް ނުކުރެވޭ ކަމަށެވެ.
"އަޅުގަނޑުމެންގެ ވެރިކަމުގަ ކޮންމެ 11 ދުވަހަކުން މަޝްރޫއުއެއް ނިންމިން. އެކަމަކު މި ސަރުކާރަށް އަދި މި އުޅެނީ އެންމެ ގާބުރިއެއް ވެސް ބާއްވާ ނުލެވިގެން،" އޭނާ ވިދާޅުވި އެވެ.
އެމްޑީޕީގެ ބޯހިޔާވަހިކަމުގެ ދަށުން، މާލޭގެ ރައްޔިތުންނަށް ކަނޑައެޅި ބިންތަކާއި ފްލެޓުތައް މި ސަރުކާރަށް އަދިވެސް ހަވާލުނުކުރެވިގެން އުޅޭ އިރު، ރައްޔިތުންނަށްޓަކައި ކުރަނީ ކޮންކަމެއްތޯ މޭޔަރު ސުވާލު އުފެއްދެވި އެވެ.
އެމްޑީޕީގެ ސަރުކާރުގައި ފައިސާ ޗާޕުކޮށް ބޮޑުތި އަދަދުތަކުން ލޯނު ނެގި ކަމަށް ބުނެ މި ސަރުކާރުން ކުރާ ތުހުމަތުތަކަށް ރައްދު ދެއްވައި އާޒިމް ވިދާޅުވީ، އިގުތިސާދުގައި ފައިސާ ނެތް ނަމަ މި ސަރުކާރުން 2،000 އަށް ވުރެ ގިނަ މީހުންނަށް ސިޔާސީ ވަޒީފާތައް ނުދެވުނީސް ކަމަށެވެ.
"އަޅުގަނޑުމެން ނުދެއްކޭ ވަރުގެ ލޯނެއް ނަގާފައި އޮތް ނަމަ 35 މިލިއަން ޑޮލަރު ދީފައި 'ދޫނި'ތަކެއް ނުގެންނާނެ،" މި ސަރުކާރުން ތުރުކީ އިން ގެނައި ޑްރޯންތަކަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވި އެވެ.
އާޒިމް ވިދާޅުވި ގޮތުގައި، ޑްރޯންތައް ބޭނުންނުކޮށް ބަހައްޓާފައި ހުރި އިރު، އެފަދަ ބޭކާރު ކަންކަމުގައި މި ސަރުކާރުން ދަނީ ރައްޔިތުންގެ ފައިސާ އިސްރާފު ކުރަމުންނެވެ. .
"ހިންގަން ހަމަ ނޭނގެނީ. ވެރިކަމެއް ހިންގޭނީ ވިސްނުންތެރިކަމާއި ކެތްތެރިކަން ހުރެގެން،" އޭނާ ވިދާޅުވި އެވެ.
މޭޔަރު ވިދާޅުވީ ރައްޔިތުން މަގުމަތިވެ، ވިޔަފާރިވެރިން ބަނގުރޫޓުވެ، ގައުމު ފުނޑިގެންދާ މަންޒަރު ބަލަން ދެން ތިބެވޭކަށް ނެތް ކަމަށެވެ.