ސިނަމާލެ ބްރިޖުގައި ބާރަށް ދުއްވި މީހެއްގެ ސައިކަލުން ޖެހި އެކްސިޑެންޓެއް ހިނގައި ބަޔަކަށް އަނިޔާވުމުން، ސައިކަލް ދުއްވި މީހާ ފިލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ މާލެއިން ހުޅުމާލެއަށް ދިޔަ ދެ ސައިކަލެއް ޖެހިގެން ރޭ 11:11 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެ އެކްސިޑެންޓުގައި ދެ ސައިކަލުގައި ތިބި ހަތަރު މީހުންނަށް އަނިޔާވެގެން އެންމެ ފުރަތަމަ ގެންދިޔައީ ހުޅުމާލެ ހޮސްޕިޓަލަށެވެ. އެއީ ދެ އަންހެނުންނާއި ދެ ފިރިހެނުންނެވެ.
އޭގެ ތެރެއިން އެކަކު ވަނީ އައިޖީއެމްއެޗަށް ބަދަލުކޮށްފަ އެވެ.
އަނިޔާވި 36 އަހަރުގެ ފިރިހެން މީހާގެ އާއިލާ އިން "މިހާރު"އަށް ބުނީ ދެ ސައިކަލު ޖެހިގެން އެ މީހުން ވެއްޓުނަސް ސައިކަލުން ޖެއްސި މީހާ މަޑުނުކޮށް ފިލައިގެން ދިޔައީ ކަމަށެވެ. ދެ ވަނަ ސައިކަލުގައި ޖެހުނީ ވެސް ފުރަތަމަ ސައިކަލުގައި ޖެއްސުމަށް ފަހު ފިލައިގެން ދަނިކޮށް ކަމަށް އާއިލާއިން ބުންޏެވެ.
އޭނާގެ މޫނާއި މައިބަދައަށް ލިބުނު ބޮޑެތި އަނިޔާތަކަށް އައިޖީއެމްއެޗްގެ އީއާރުގައި މިހާރު އަންނަނީ ފަރުވާ ހޯދަމުންނެވެ.
"ބްރިޖުގައި ކެމެރާ ހުންނައިރު ފިލައިގެން ދެވެންވީ ކީއްވެ؟ ފުލުހުން ވެސް ދިޔަ އެ ތަނަށް އެކަމަކު އަދި ނޭނގެ ވާނުވާއެއް،" އާއިލާ އިން ބުންޏެވެ.
ފުލުހުން އަންނަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.