ހުޅުމާލޭ ސަހަރާގެ މިސްކިތުގައި އިމާމުވެ މަޣުރިބު ނަމާދުކުރަން ހުރި މުދިމަކަށް ހަމަލާދޭން އުޅުނު މީހަކު މިރޭ ހައްޔަރުކޮށްފި އެވެ.
އެ މައްސަލާގައި ހައްޔަރުކުރީ އދ. ދަނގެތި، ލިލީގޭ ހުސައިން ފާއިގް 33، އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ މީހާ ހައްޔަރުކުރީ ހުޅުމާލެ 1 ގެ މިސްކިތެއްގެ އިމާމަކަށް ތޫނު އެއްޗެއް ބޭނުންކޮށްގެން ހަމަލާދޭން އުޅުނު ކަމުގެ ތުހުމަތުގައި ކަމަށެވެ.
އެ ވަގުތު އެ މީހާ ހުއްޓުވަން އުޅުނު ފުލުހަކަށް ވެސް ތޫނު އެއްޗެއް ބޭނުންކޮށްގެން ހަމަލާދޭން މަސައްކަތް ކޮށްފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އެހެންވެ، އެ ފިރިހެން މީހާ ހައްޔަރުކުރީ މުދިމާއި ފުލުސް މީހާއަށް ތޫނު އެއްޗަކުން ހަމަލާދޭން އުޅުނު ކަމުގެ ތުހުމަތުގަ އެވެ.
އެ މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.