ހުޅުމާލޭގެ މިސްކިތަކަށް ވަދެ އެ ތަނުގައި ހުރި އުމުރުން ދުވަސްވީ މީހަކަށް ހަމަލާދީ، އަނިޔާކުރި އިންޑިއާ މީހާގެ ތަހުގީގު 10 ދުވަހަށް ބަންދު ކޮށްގެން ކުރިއަށް ގެންދަން ހުޅުމާލޭ ކޯޓުން އަމުރުކޮށްފި އެވެ.

އެނގިފައިވާ ގޮތުގައި އެ މީހާ މިސްކިތަަށް ވަދެ އުމުރުން ދުވަސްވީ މީހާގެ ކަރުގައި ހިފައި އަނިޔާކުރަން ފެށުމުން އޭނާ ހުއްޓުވައި ފުލުހުންނާ ހަވާލުކުރީ މިސްކިތުގައި އެ ވަގުތު ތިބި އާއްމުންނެވެ.

ފުލުުހުން ބުނީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ހުޅުމާލޭ ކޯޓަށް ގެންދިއުމުން 10 ދުވަހަށް ބަންދުކުރަން އަމުުރު ދީފައިވާ ކަމަށެވެ.

އިންޑިއާ މީހާގެ ހަމަލަ ރައްދުވި، އުމުރުން ދުވަސްވީ މީހާ އަށް ލިބުނީ ކިހާވަރެއްގެ އަނިޔާއެއް ކަމެއް އަދިއެއް ނޭނގެ އެވެ. އެ ހަމަލާއާ ބެހޭ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.

އެނގިފައިވާ ގޮތުގައި، އިންޑިއާ މީހާއަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަ ކެފޭއެއްގެ ކޭޝިއަރެއްގެ ގޮތުގައި މަސައްކަތް ކުރާ މީހެކެވެ.