އެއް ވަނައަށް ދިޔަ ޑިޒައިން: އެ ޑިޒައިނާ މެދު ފާޑުކިޔުން އަމާޒުވުމުން ހުށަހެޅުންތައް އަލުން ރިވިއުކުރަން ވަނީ ނިންމާފައި --- ފޮޓޯ/އެޗްޑީސީ
25 ނޮވެމްބަރ 2024 - 18:30
ހުޅުމާލޭގެ ޓްރެފިކް ފްލޯއަށް ފަސޭހަ ކުރުމަށް މަގުތަކުގައި މިހާރު ހަދަމުން އަންނަ ރައުންޑްއެބައުޓްސްތަކުގައި ބަހައްޓާނެ މޮނިއުމެންޓްތައް ހެދުމަށް ހުޅުވާލި މުބާރާތުން އެއް ވަނަ އަށް ހޮވުނީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުން ކޮށްގެން ހަދާފައިވާ ޑިޒައިންތަކެއް ކަމަށް ތުހުމަތު ކުރެވުމުން، އަލުން ޑިޒައިންތައް ރިވިއު ކުރަން އެޗްޑީސީން ނިންމައިފި އެވެ.
މިދިޔަ ސެޕްޓެމްބަރު މަހުގެ އެޗްޑީސީން ހުޅުވާލީ ހުޅުމާލޭގެ 17 ސަރަހައްދެއްގައި ބަހައްޓާ މޮނިއުމެންޓްތަކުގެ ޑިޒައިން ހެދުމަށެވެ. އެ މުބާރާތުގެ ތީމަކީ "ދިވެހިންގެ ރާއްޖެ" އެވެ.
އެ މުބާރާތުގައި އެންމެ ފުރިހަމަ ޑިޒައިނެއް ހުށަހަޅާ މީހަކަށް 100،000ރ. ގެ ފައިސާގެ އިނާމެއް ވެސް އެޗްޑީސީން ހުށަހެޅި އެވެ.
އެކަމަކު އިއްޔެ މުބާރާތުން ހޮވުނު ފަރާތުގެ ޑިޒައިން އިއުލާން ކުރުމާ އެކު ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ނުރުހުން ފާޅު ކުރަމުން ދިޔައީ އެއީ އޭއައި ޖެނެރޭޓެޑް ޑިޒައިނެއް ކަމަށް ތުހުމަތުކޮށެވެ. އަދި މިއީ ބުރަ މަސައްކަތް ކުރި ޑިޒައިނަރުންނަށް ލިބުނު ބޭ އިންސާފެއް ކަމަށް ބުނެ ފާޑުކިޔުންތައް އަމާޒުވި އެވެ.
We have a winner of Hulhumalé Monuments Design Competition!
— Housing Development Corporation (@hdcmaldives) November 24, 2024
Team ARCOS. Congratulations to the winners for their exceptional designs.#WithHDC pic.twitter.com/RaZQMZylQA
އެޗްޑީސީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ މުއްދަތު ހަމަވިއިރު، ޖުމްލަ ހަތް ފަރާތަކުން ޑިޒައިން ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ ހުށަހެޅުންތަކުގެ ތެރެއިން ވަނަ ހޮވާފައި ވަނީ އެކަމަށް ކަނޑައެޅި ޕްރޮފެޝަނަލް ސްޓާފުންގެ ޖަޖުންގެ ޕެނަލަކުން ހުށަހެޅުންތައް އިވެލުއޭޓް ކުރުމަށްފަހު ކަމަށް އެޗްޑީސީން ބުންޏެވެ.
"ނަމަވެސް ދެންނެވުނު މުބާރާތުގެ އެއް ވަނައަށް ދިޔަ މޮނިއުމެންޓް ޑިޒައިންތަކަކީ އޭއައި ޖެނެރޭޓެޑް ޑިޒައިންތަކެއް ކަމަށް ބުނެ އާންމުންގެ ޝަކުވާ މި ކޯޕަރޭޝަނަށް ލިބުމާ ގުޅިގެން އެ ޝަކުވާތައް އިތުރަށް ބަލައި ވަނަ ލިބުނު ޑިޒައިންތައް ރިވިއު ކުރުމުގެ މަސައްކަތް މި ކޯޕަރޭޝަނުން ކުރަމުންދާ ވާހަކަ ދަންނަވަމެވެ." އެ އިއުލާނުގައިވެ އެވެ.
އެޗްޑީސީން ބުނީ އެ މުބާރާތުގެ މަގްސަދަކީ ހުޅުމާލޭގެ ތަރައްގީއަށް އެ ކޯޕަރޭޝަނުން ކުރަމުންދާ މަސައްކަތުގައި ދިވެހި ފަންނުވެރިންގެ ހިޔާލާއި ވިސްނުން ހިމެނުން ކަމަށެވެ. އަދި އެފަދަ މުބާރާތްތަކުގައި ދިވެހި ފަންނުވެރިންނަށް ފުރުސަތު ނުލިބޭ ގޮތަށް އެ ކޯޕަރޭޝަނުން އަމަލު ނުކުރާނެ ކަމަށާއި އަދި ރައްޔިތުންނާ ގުޅޭ އެފަދަ ކަންކަމުގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާއަށް އަބަދުވެސް މަރުހަބާ ކިޔާ ކަމަށް އެޗްޑީސީން ބުންޏެވެ.
އެ ކުންފުނީގެ ހުރިހާ މަސައްކަތަކީ ވެސް ދެ ފުށް ފެންނަ ގޮތަށް ކުރިއަށް ގެންދާ މަސައްކަތްތަކަކަށް ހެދުމަކީ ކުންފުނީގެ އަމާޒެއް ކަމަށް ވެސް އިއުލާނުގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެމްވީޖީޕީޓީ
27 November 2024
ކޮބާރާއްޖޭގަ މިހާރު އޭއައިބޭނުންކޮއްގެން ޑިގުރީ މާސްޓަސް ނަގާ ބައިގަޑު، މިމީސްމީހުންވެސް ރިވިއުކުރަނޖެހޭ އެބަ،
ވައްސަލާމް
27 November 2024
މަވެސް ޑިޒައިން ނުފޮނުވީ ތީ މީހަކު ލާން ފެހި ކޯޓެއްކަން ޔަގީން ވީމަ! ޝުކުރިއްޔާ!
ދަރި
26 November 2024
މަގުތަކަށް ލުއިފަސޭހަ ވުމަށްވުރެ ޓްރެފިކް ޖޭމްވެ އިތުރު ދަތިވަނީ. ދުއްޕާނެއް ނޫނީ ނުކުރެޔޭ!
ދދދފރފ5
26 November 2024
އެޗުޑީސީއިން މި އެތި ޕްރެސެންޓު ކުރިގޮތް ކަމުނުދަނީ.
އައިމާ
26 November 2024
ހަހަހަ، މަބުނީ މަގުމަތީގަ ދުއްވާއެއްޗިސަށް އަދި މީހުންނަށް އުނދަގޫވާ ގޮތަށް ތިހިރަބައި ޕެލެޓް ނަގާހެން އުކާލެވޭނެ. މަށަށް ފެންނަނީ އޭއައި ކައިރީ ބުނަން އެބައި ނަގަން. އަދި ލާރި ކޮޅަކާ ތިހަދާނެ އިންޖިނިއަރެއް ވެސް ފޮނުވަން. ލަދުން ބޯހަލާކު. އޭއައިވެސް ބޭނުން ކުރަންވީ އެދާއިރާގެ މީހުން. އެއީ އެމީހުންނަށް އެނގޭނީ މައްސަލަތަށް:
ސަލިލާ
26 November 2024
މައްސަލައަކީ އޭއައި ބޭނުން ކުރުމެއް ނޫން. ތިޑިޒައިން ވަނަ ހޯދީ ކޮންގޮތަކަށް ކަން އެންގޭނެ ގޮތެއް ހާމަކޮށްލަބަލަ. ތީގެން ފެންނަނީ ހުސް މައްސަލަ. މިސާލަކަށް ބުރުން ބޭރެގަވެސް އެބަހުރު ސާމާނު ބަހައްޓައިފަ. އަދި އުސް ކޮށް ތިހަރަބައިތައް ތި ބުރު ވަށާ އުސް އެއްޗެއް ދާއިރު މިސާލަކަށް ޕިކަޕެއް ދާނީ ހުންގާނު ކޮޅު ހިފައިގެން ނޫންތަ.އޭއައި ވެސް ބޭނުން ކުރަންވީ އެކަމަކު ހުންނަންވާނީ ރަގަޅު ޑިޒައިން އިންޖިނިއަރއާ އެކުދޯ، ދެން މޮބޮޑީ ކޮރަޕްޝަން ސަކަރާތް މުޅިން
ޙައިރާ
26 November 2024
ކޮންކްރީޓު ނާޅާ ހަމަ އެކައްޗެއްވެސް ކަމު ނުދަނީތަ. ރައުންޑަބައުޓުތަކުގަ މާ ގަސް އިންދާލަބަލަ. ހިތްފަސޭހަވާނެ ހަރަދު ކުޑަވާނެ.
ހަޖަމު
26 November 2024
ތިކަހަލަ މޮޑަން ޑިޒައިން ތަކަށް ވުރެން ދިވެހި ޝަގާފަތާ ގުޅޭ މޮނިއުމެންޓް ބަހައްޓާނަމަ މާ ރީތިވާނެ ކަމަށް ފެނޭ...
އެޗްޑީސީ
26 November 2024
ކޮބާހޭ ފުލެޓު ލިސްޓު؟ އޭއައިއޭ އާ އޭއައިބީ އާ ބޭނުންކޮށްގެން ނަމަވެސް ހޮޅިތެރޭ ތާށިވެފަ އޮތް ފުލެޓުލިސްޓު ނެރެދީބަލަ
ދަރަކަ
26 November 2024
ހައިރާނެއް ނުވޭ pnc ބޮޓުން އިންޓަނެޓް ބޮޓު ބޭނުންކޮށްގެން ޑިޒައިންކޮށް ސަރުކާރު ތިމައިގެ ބޮޓުން މި ބިޑު ކާމިޔާބު ކުރިޔަކަސް. ދޮގުނަހަދާ ބުނާ ކަމަށް ވަންޏާ ޑިޒައިންތަށް ގޯހެއް ނޫން ބަލައިލަން ރީތި.