ޓްރީޓޮޕްގެ ނާސިން ސްކޮލަޝިޕް ލިބުުނު ހަތަރު ދަރިވަރުންނަށް އެކަމުގެ ލިޔުން ހަވާލުކޮށްފި އެވެ.
ޓްރީޓޮޕާއި ވިލާ ކޮލެޖު ގުޅިގެން ދޭ އެ ސްކޮލަޝިޕްގެ ލިޔުން ހަވާލުކޮށްދެއްވީ ސީއީއޯ ޑރ ސްރިވަތްސަން ސްރީދާރު އެވެ.
އެ ރަސްމިއްޔާތުގައި ވިލާ ކޮލެޖުގެ ރެކްޓާ އަހުމަދު އަންވަރު ވިދާޅުވީ، 2021 ވަނަ އަހަރު ދޭން ފެށި އެ ސްކޮލަޝިޕްގެ ދަށުން 15 ކުއްޖަކަށް ނާސިން ކިޔުމުގެ ފުރުސަތު ލިބުނު އިރު އޭގެ ތެރެއިން ހަތް ކުދިން މިހާރު ޓްރީޓޮޕުގައި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އޭނާ ވިދާޅުވީ، މި ސްކޮލަޝިޕްގެ ފުރުސަތުތައް ފަހިކޮށްދިނުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އޭނާ ވިދާޅުވީ، އެ ކޮލެޖުން މިހާރު ވެސް ނާސިން ދާއިރާ އިން 1،000 އަށް ވުރެ ގިނަ ކުދިން ގްރެޖުއޭޓުވެފައިވާ ކަމަށެވެ.
"މިއީ ދާއިރާއިން ކިޔަވަން ބޭނުންވާ ކުދިންނަށް ރަނގަޅު ފުރުސަތެއް. ދާއިރާއިން ތަޖުރިބާ ހޯދުމަށް ވެސް މިއީ ވަރަށް މުހިއްމު ފުރުސަތެއް،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ޓްރީ ޓޮޕުން ފެންވަރުން ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދޭ އިރު، އެ ކޮލެޖުން ކިޔަވާ ކުދިންނަށް އެ ހޮސްޕިޓަލުން މަސައްކަތުގެ ތަޖުރިބާ ލިބުމަކީ އެކުދިން ދާއިރާއިން ކުރިއަށް ދިއުމަށް ލިބޭ ފުރުސަތެއް ކަމަށެވެ.
ޓްރީ ޓޮޕްގެ ސްކޮލަޝިޕްގެ ބޭނުމަކީ ދާއިރާގައި ދިވެހި ޒުވާން މަސައްކަތްތެރިން އުފެއްދުމާއި ތައުލީމީ ރޮނގުން ނަރުހުން ބާރުވެރިކޮށް، ހިދުމަތް ފުޅާކުރުމެވެ.