މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައަކީ ކަންކަން ރަނގަޅު ކުރަން ލިބޭ ފުރުސަތެއް: ފާރިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓަކީ މިހާތަނަށް ގޯސްކޮށް ހިނގާފައިވާ ކަންކަން އިސްލާހު ކުރަން މަޖިލީހުގެ މެމްބަރުންނަށް ލިބޭ ފުރުސަތެއް ކަމަށް ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން މިރޭ ވިދާޅުވެއްޖެ އެވެ.


ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފާރިސް ވިދާޅުވީ މަޖިލީހުގެ ތެރެއިން ވަރަށް ގިނަ ކަންކަން ގޯސްކޮށް ހިނގާފައިވާ ކަމަށާއި އެކަމުގައި ވަކި މެމްބަރުންތަކެއް އިސްތިސްނާ ނުވާ ކަމަށެވެ. އޭގެ އެންމެ ބޮޑު އެއް ސަބަބަކީ މިހާރު މަޖިލީހުގެ ކަންކަން ރޭވިފައި އޮތްގޮތާއި މަޖިލީހުގައި ކަންކަން ހިނގަމުންދާ ގޮތް ކަމަށާއި އެކަން ބަދަލު ކުރެވެން އަންނަނީ މަޖިލީހުގެ ރިޔާސަތަށް ބަދަލު ގެނެސްގެން ކަމަށް އޭނާ ވިދާޅުވި އެވެ.

"މަޖިލީހަކީ އެއްވެސް އެއްޗެއް ޕްރޮސެސް ކުރެވޭ ތަނެއް ނޫން. އިންޕުޓާއި އައުޓް ޕުޓަކީ އެކައްޗެއް. ޑްރާފްޓް ވެގެން ވަންނަ ގޮތަށް ނިކުންނަން ޖެހެނީ. ފެނިވަޑައިގަންނަވާނެ މަޖިލީހަށް [ބިލާއި މައްސަލަތައް] ވަންނައިރު އޮންނަ ގޮތް އަދި ނިކުންނައިރު އޮންނަ ގޮތް. މި ހުރިހާ ކަމެއް ވެސް މިވަނީ މެމްބަރުން ބޭނުންވާތީއެއް ނޫން. މިއީ ނުފޫޒުން މި ހުރިހާ ކަމެއް ވެސް މިވަނީ." ފާރިސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަސީހުގެ މައްސަލާގައި މެމްބަރުންނަށް އެކި ނުފޫޒުތައް އަންނާނެ ކަމަށާއި އެކަމަކު ރައްޔިތުންގެ ހައްގުގައި އަދި މެމްބަރުން ކުރި ހުވަޔާ މެދު ވިސްނައި، މިކަމުގައި އެއްބާރުލުން ދޭންޖެހޭ ކަމަށެވެ. މިކަން ލަސްކޮށްފިއްޔާ އިތުރު ފުރުސަތެއް މިކަމަށް ނުލިބިދާނެ ކަމަށް ވެސް ފާރިސް ވިދާޅުވި އެވެ.

"މިހާރު މިތިބީ ވަރަށް ނިކަމެތި ހާލަތެއްގައި. އަޅުގަނޑުމެން މިހާރު މި ތިބީ އަޅުގަނޑުމެން އަތުގައި އޮތް ބާރުތަކެއް އެހެން ބަޔަކަށް ދޫކޮށްލައިގެން. އަޅުގަނޑު މެމްބަރުންނަށް ދަންނަވާލަން ބޭނުންވަނީ ފުންކޮށް ވިސްނާވަޑައިގަންނަވާށޭ ގައުމު މި އޮތް ހާލަތުން އަރައިގަންނަން. އަދި ދެ މަސް ދުވަހު ފަހުން މިކަން ކުރަން އުޅެފިއްޔާ މި ފުރުސަތު ވެސް ނޯންނާނެ،" އޭނާ ވިދާޅުވި އެވެ.

ގާނޫނުތައް އެކި ގޮތްގޮތަށް ބަދަލު ކުރަންޖެހޭތީ އެކަމާ މެދު މިހާރު ވެސް ގިނަ މެމްބަރުން ކަންބޮޑުވާ ކަމަށް ފާރިސް ވިދާޅުވި އެވެ.

ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް ވިދާޅުވީ މަޖިލީހުގެ ހައެއްކަ މެމްބަރުން ފިޔަވައި އެހެން ހުރިހާ މެމްބަރުން ވެސް މަޖިލީހުގެ ކަންކަން މިހާރު ހިނގަމުންދާ ގޮތާ މެދު ކަންބޮޑުވާ ކަމަށެވެ. މަސީހުގެ ވޯޓަކީ އެކަމަށް އޮތް ފުރުސަތެއް ކަމަށާއި ފަހަތަށް ނުޖެހި، މިކަމުގައި މެމްބަރުން ކުރިއަށް ދާން ޖެހޭ ކަމަށް ވަހީދު ވިދާޅުވި އެވެ.

"ކިތަންމެ ބޭފުޅުންނެއް އެބަ ތިއްބެވި ކަންކަން ހިނގަމުންދާ ގޮތާ މެދު ހިތްހަމަނުޖެހޭ. އެ ބޭފުޅުން ވެސް ބޭނުންވޭ ރައްޔިތުންނާ އެކު ނިކުންނަވައިގެން މަސައްކަތް ކުރަން. އެ ބޭފުޅުން ވެސް ބޭނުމެއް ނުވޭ 24 ގަޑިއިރު ނުވެ ގާނޫނު އަސާސީ އަށް އިސްލާހު ގެންނާކަށް،" ވަހީދު ވިދާޅުވި އެވެ.

ދުވަހަށް ވުރެ ދުވަހެއް ގައުމާއި ރައްޔިތުންގެ ހާލަތު ދަށްވަމުންދާ ކަމަށާއި މި ކަންކަން ރަނގަޅު ކުރަން އޮތް ފުރުސަތުގެ ބޭނުން މެމްބަރުން ހިފަން ޖެހޭނެ ކަމަށް ވަހީދު ވިދާޅުވި އެވެ.

އިދިކޮޅު މެމްބަރުންނާ އެކު ޖުމްލަ 26 މެމްބަރެއްގެ ސޮޔާ އެކު މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް މިއަދު ވެއްދުމުގައި އެންމެ އިސްކޮށް އުޅުނީ ރައީސް މައުމޫންގެ ފެކްޝަނަށް ނިސްބަތްވާ މެމްބަރުންނެވެ. އެކަމަކު ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން ބުނެފައިވަނީ އެ ވޯޓު ނާކާމިޔާބު ކޮށްލާނެ ކަމަށެވެ.