ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މަގާމުން ވަކިކުރަން ބޭނުންވާ އަދަދަށް ވޯޓު ހަމަވެފައިވާ ކަމަށް އެ ވޯޓުގައި އިސްކޮށް އުޅުއްވާ، ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫން ރޭ ވިދާޅުވެއްޖެ އެވެ.
މަޖިލިހުގެ ރައީސްގެ މައްޗަށް އިތުބާރު ނެތް ކަމަށް ފާސްވާނީ އެ ދުވަހެއްގެ ޖަލްސާއެއްގައި ވޯޓުގައި ބައިވެރިވާ މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.
ރާއްޖެ ޓީވީގައި ވާހަކަ ދައްކަވަމުން ފާރިސް ވިދާޅުވީ މަސީހުގެ އިތުބާރު ނެތް ކަމަށް ފާސްކުރަން މަޖިލީހުގެ 85 މެމްބަރުންގެ ތެރެއިން ބޭނުންވާނީ 42 މެމްބަރުންގެ ވޯޓު ކަމަށެވެ. އެ އަދަދަށް، ވޯޓު ކަށަވަރުވެ، މަސީހް މަގާމުން ދުރުކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މި ވޯޓު ކާމިޔާބުކުރެވޭނެ ކަމުގެ ޔަގީންކަން އަޅުގަނޑުމެންނަށް އެބައޮތް،" ފާރިސް ވިދާޅުވި އެވެ.
މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓަށް، ސަރުކާރާ އިދިކޮޅު މެމްބަރުން ގަރާރު ހުށަހެޅީ 26 މެމްބަރުންގެ ސޮޔާ އެކުގަ އެވެ.
ފާރިސް ވިދާޅުވި ގޮތުގައި މަޖިލީހުގެ ރައީސަކަށް މަސީހު އިންނަވައި، ސަރުކާރުން ބޭނުންވާ ގޮތަކަށް ކަންކަން ކުރައްވަމުން ގެންދަވާތީ މެމްބަރުންގެ ހިތްހަމަނުޖެހުން އެބައޮތެވެ. އެ ވޯޓުގައި، ވެރިކަން ކުރާ ޕީޕީއެމްގެ މެމްބަރުންގެ ތާއީދު ވެސް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓު ކާމިޔާބުވުމާ އެކު، ރައްޔިތުންގެ މަޖިލީސް މެދުވެރިކޮށް ހިންގާ ނާއިންސާފު ހުރިހާ ކަމެއް ހުއްޓޭނެ ކަމަށެވެ. އަދި ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރެވޭ ގޮތަށް މެމްބަރުން ކުރާ މަސައްކަތްތައް ބަލައިގަނެ، މެމްބަރުންގެ އަޑު އަހަން ވެސް ސަރުކާރަށް މަޖުބޫރުވާނެ ކަމަށް ފާރިސް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލިހުގައި މެމްބަރުން ބެހިފައިވާ ގޮތް:
ޕީޕީއެމް 48، އެމްޑީޕީ 21، ޖުމްހޫރީ ޕާޓީ 7، އެމްޑީއޭ 6، އަދާލަތު ޕާޓީ 1، މިނިވަން 2
މިހާތަނަށް މަޖިލީހުގައި ނަގާފައިވާ މުހިއްމު ބޮޑެތި ވޯޓުތަކުގައި އިިދިކޮޅު ފަރާތްތައް ގުޅިގެން ހޯދިފައި ވަނީ އެންމެ ގިނަ އަދަދަކަށް ވެސް ތިރީހަކަށް ވޯޓެވެ. އެކަމަކު ސަރުކާރު ކޯލިޝަނަށް ލިބޭ ވޯޓުގެ އަދަދު 50 އަށް ވުރެ މައްޗެވެ.
މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް މި ފަހަރު ހުށަހެޅިއިރު، މީގެ ކުރިން ވެސް މި ވޯޓަށް އިދިކޮޅު ފަރާތްތަކުން މަސައްކަތް ކޮށްފައިވެ އެވެ. އެކަމަކު އެ ފަހަރު އަނބުރާ ގެންދިޔައީ އެވެ. އޭރު އެކަން ނުވީ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ އެއްކޮޅަށް އެރުއްވި ޕީޕީއެމްގެ މެމްބަރުންތ އަލުން، ރައީސް ޔާމީނާ ގުޅިވަޑައިގެން، ވޯޓު ކާމިޔާބުވާނެ ކަމުގެ އިތުބާރު ގެއްލުމުންނެވެ.