އެކި ރަށްރަށުގައި މަޝްރޫއުތަކެއް ހިންގަން އިންޑިއާއާ އެކު ދިވެހި ސަރުކާރުން މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
"ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" އެއްބަސްވުމުގައި ދެ ގައުމުން ސޮއިކުރީ ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް މިހާރު އިންޑިއާ އަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުގެ ތެރެއިންނެވެ. އެ އެއްބަސްވުމުގައި އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރު އެވެ.
މި އެއްބަސްވުމުގެ ދަށުން ހިންގާނީ ސީދާ ރައްޔިތުންނަށް އޭގެ ފައިދާ ކުރާ އަތޮޅުތަކުގައި ކުރިއަށް ގެންދާ ޕްރޮޖެކްޓްތަކެކެވެ. މިއީ މި އެއްބަސްވުމުގެ ތިންވަނަ ފޭސް އެވެ. މީގެ ކުރިން ވެސް މިފަދަ ދެ އެއްބަސްވުމެއްގެ ދަށުން އެކި ރަށްރަށުގައި އިންޑިއާ އިން މަޝްރޫއުތައް ހިންގާފައި ވެ އެވެ.
ފޮރިން މިނިސްޓަރު ހަލީލް މިދިޔަ އަހަރުގެ ސެޕްޓެމްބަރު 30 ގައި މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން އިންޑިއާ އަށް އިއްޔެ ފެއްޓެވި ފުރަތަމަ ރަސްމީ ދަތުރުގައި އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައިޝަންކަރުއާ މިއަދު ނިއުދިއްލީ ގައި ބައްދަލުކުރެއްވި އެވެ.
އިންޑިއާގެ ހިލޭ އެހީ އާއި ލައިން އޮފް ކްރެޑިޓްގެ ދަށުން ރާއްޖޭގައި ހިނގަމުން އަންނަ މަޝްރޫއުތައް ކުރިއަށް ގެންދާ ގޮތާ މެދު ދެ ބޭފުޅުން މަޝްވަރާ ކުރެއްވި އެވެ. ރާއްޖޭގެ ތަރައްގީގައި އިންޑިއާގެ އިސްދައުރު ފާހަގަކޮށް، އިގުތިސާދީ ރޮނގުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާ މެދު ވެސް އެ ހަލީލާއި ޖައިޝަންކަރު މަޝްވަރާ ކުރެއްވި އެވެ.
ހަމަ އެއާ އެކު، ރާއްޖެ އަށް މިވަގުތު ކުރިމަތިވެފައިވާ މާލީ ގޮންޖެހުންތަކުން އަރައިގަތުމަށް އިންޑިއާއިން ވެދޭ އެހީތެރިކަމަށް ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓަރު ހަލީލް ޝުކުރު އަދާކުރެއްވި އެވެ.
އިންޑިއާ އިން ޒަމާނުއްސުރެ ރާއްޖެއާ ދޭތެރޭ ބަހައްޓާ ގާތްކަން ފާހަގަކުރައްވައި، މި ދަތުރަށް ފަހު ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ހަލީލް ވިދާޅުވި އެވެ.