މާލޭގައި ހުންނަ ގެސްޓް ހައުސެއްގެ ފާހާނާއެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު މިއަދު ފެނިއްޖެ އެވެ.
ފުލުހުން މީޑިއާތަކަށް ދެންމެ ފޮނުވި މެސެޖެއްގައި ބުނީ ހެންވޭރުގައި ހިންގާ ގެސްޓް ހައުސްއެއްގެ ފާހާނާގެ ތެރޭގައި މީހަކު ވެއްޓިފައި އޮތް ކަމުގެ މައުލޫމާތު ލިބުނީ މިއަދު މެންދުރު ފަހު ދޭއް ޖަހާކަށް ހާއިރު ކަމަށެވެ.
ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނީ އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށެވެ.
މަރުވެފައި އޮއްވާ ފެނުނީ ސ. ހުޅުދޫ، ބޮކަރުމާގެ، އަބްދުﷲ ޒަކީ، 59 ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
މި ކަހަލަ ތިން މައްސަލައެއް މިދިޔަ މަހު ވެސް ފުލުހުންނަށް ރިޕޯޓްކޮށްފައިވެ އެވެ. މާލޭގެ ގޭގެއިން ފެނުނު އެ ތިން މީހުން ވެސް އޮތީ ހޮސްޕިޓަލަށް ގެންދިއުމުގެ ކުރިން މަރުވެފަ އެވެ.