އާޓިފިޝަލް ބީޗުގައި ބިދޭސީންތަކެއްގެ މެދުގައި އަނެއްކާވެސް މިރޭ މާރާމާރީއެއް ހިންގުމުން ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އާޓިފިޝަލް ބީޗުގައި ބިދޭސީންތަކެއްގެ މެދުގައި މާރާމާރީ ހިންގި މައްސަލައެއް މިރޭ 8:30 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެކަމާ ގުޅިގެން އިންޑިއާގެ ތިން ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ބުންޏެވެ.

މާރާމާރީގެ މަންޒަރު ވީޑިއޯ ކުރި ދިވެއްސަކާ މެދު އެ ބިދޭސީން މާރާމާރީ ހިންގާފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެ މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މާރާމާރީގެ މައްސަލައެއްގައި ބިދޭސީންތަކެއް އަތުލައިގަތްއިރު، އާޓިފިޝަލް ބީޗުގައި މިދިޔަ މަހު ހިންގި މާރާމާރީއަކާ ގުޅިގެން ވެސް އިންޑިއާ ބަޔަކު ހައްޔަރުކުރި އެވެ. އެކަމުގައި ބައިވެރިވި މީހުންނަށް ފިޔަވަޅު އަޅާނެ ކަމަށް އިމިގްރޭޝަނުން އޭރު ބުންޏެވެ.

ހުކުރު ދުވަހު އާޓިފިޝަލް ބީޗަށް ގިނަ އަދަދެއްގެ އާންމުންނާއި ކުޑަކުދިން އެއްވާއިރު، އެތަނުގައި ގިނަ އަދަދެއްގެ ބިދޭސީން ވެސް އުޅެ އެވެ.