ހުޅުމާލޭގެ އެޕާޓްމަންޓެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާއެއްގައި ކުޑަކުއްޖަކު ވަރަށް ބޮޑަށް ފިހިއްޖެ އެވެ.
ހުޅުމާލޭ ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ 13 އަހަރުގެ ފިރިހެން ކުއްޖަކު ފިހިގެން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އެ ކުއްޖާގެ ހާލު ސްޓޭބަލް ވިޔަސް، ހަށިގަނޑުގެ ބޮޑުބައެއް ފިހިފައި އޮތުމުން މި ވަގުތު ފަރުވާ ދެމުން އަންނަނީ އެޑްމިޓުކޮށްގެން ކަމަށް އޭނާ ވިދާޅުވި އެވެ.
އެނގިފައިވާ ގޮތުގައި އެ ކުއްޖާ ފިހުނީ، ގޭސް އުނދުން ޖެއްސުމަށް ފަހު ލައިޓަރުން އުނދުން ރޯކުރި ވަގުތު އެވެ. އޭރު ވަރަށް ބޮޑަށް ގޭސް ލީކުވެފައި ހުރުމުން ބާރު ގޮވުމަކާ އެކު ހުޅު ހިފީ އެވެ.
މި ހާދިސާގައި ކުއްޖާގެ ހަށިގަނޑުގެ 50 ޕަސެންޓް ވަނީ ފިހިފަ އެވެ.
އެ ހާދިސާ އެމްއެންޑީއެފަށް ރިޕޯޓް ކޮށްފައި ނެތް ކަމަށް އެތަނުން ބުންޏެވެ. އެހެންވެ އިތުރު ތަފްސީލެއް ނުލިބެ އެވެ.