މާވެޔޮ މަގުގައި ހުންނަ ކެފޭއެއްގެ ބަދިގޭގައި ހިންގި މާރާމާރީއެއްގައި ބިދޭސީއަކު މިއަދު ޒަހަމްކޮށްލައިފި އެވެ.
ފުލުހުން ބުނީ މާވެޔޮ މަގުގައި ހުންނަ ކެފޭއެއްގައި މާރާމާރީ ހިންގި މައްސަލައެއްގެ ރިޕޯޓު ލިބުނީ މިއަދު މެންދުރު 12:10 ގައި ކަމަށެވެ.
އެ މައްސަލައާ ގުޅިގެން އެތަނުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
މާރާމާރީ ހިންގީ މާވެޔޮމަގު ހުންނަ، ބެސްޓްބައި މޮބައިލްސްއާ ޖެހިގެން ހުންނަ ތާސީރު ކިޔާ ކެފޭއެއްގަ އެވެ. އެތަނުގެ ބަދިގެ ތެރޭގައި، މި ހަމަނުޖެހުން ހިނގީ ބަންގްލަދޭޝް މީހަކާއި ނޭޕާލް މީހެއް ކަމަށް އެނގިފައިވެ އެވެ.
ބަންގްލަދޭޝް މީހާ ވަނީ ނޭޕާލު މީހާގެ ގަޔަށް ތޫނު އެއްޗަކުން ހަމަލާދީފަ އެވެ. އަދި ލިބުނު އަނިޔާތަކަށް އޭނާއަށް ފަރުވާދިނުމަށް އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އާއްމުވެފައިވާ ވީޑިއޯ އިން ފެންނަ ގޮތުގައި، ޒަހަމްވި މީހާގެ ގައިން ފޭބި ލޭތައް، ކެފޭ ތެރޭގައި ހުއްޓެވެ.