ހދ. ކުޅުދުއްފުށީގައި ސިހުރުގެ މައްސަލަ ބޮޑުވެ، ފުލުހުން މިއަދު ހިންގި އޮޕަރޭޝަނުގައި 10 ގެއެއް ބަލައި ފާސްކޮށް 8 ގެއަކުން ސިހުރު ހަދާ ސާމާނު ހޯދައިފި އެވެ.
ފުލުހުންގެ މީޑިއާ އޮޕިޝަލަކު މިރޭ ވިދާޅުވީ، އެ މައްސަލައިގައި ފާސްކުރި ގެތަކުން ސިހުރު ހަދަން ބޭނުންކުރާ ޒާތުގެ ލިޔެކިޔުމާއި ފޮތާއި ސިހުރު ހަދަން ބޭނުންކުރާ އެކި ކަހަލަ އާލާތްތައް ފެނުނު ކަމަށެވެ.
އެ ތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ނަމަވެސް އެއްވެސް މީހަކު އަދި ހައްޔަރެއް ނުކުރެ އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި ކުޅުދުއްފުށީގައި ސިހުރު ހެދުމާ ގުޅޭ ވަރަށް ގިނަ މައްސަލަތައް ފުލުހުންނަށް ވަނީ ހުށަހަޅައިފަ އެވެ.
އެ ރަށުގެ ބައެއް މީހުން ބުނާގޮތުގައި ސިހުރުގެ މައްސަލަ ބޮޑުވެ، ގިނަ ގެތަކުގައި މިހާރު ހުންނަނީ ކެމެރާ ވެސް ހަރުކޮށްފަ އެވެ. ކުޅުދުއްފުށީގެ ބައެއް ގެތަކަށް ސިހުރު ހަދާ މަންޒަރު ފެންނަ ވީޑިއޯތައް ވެސް ސޯޝަލް މީޑިއާގައި މި ފަހުން ދައުރުވެފައިވެ އެވެ.
ސިހުރު ހެދުމުގެ މައްސަލަތަކުގައި މީގެ ކުރިން ވެސް އެކި ރަށްރަށުން ގެތައް ފާސްކޮށް، ބައެއް މީހުން ހައްޔަރު ކޮށްފައިވެ އެވެ. ދާދި ފަހުން ސިހުރުގެ މައްސަލައެއްގައި ރ. އަލިފުއްޓާއި ރ. މީދޫ އަދި ތ. ވިލުފުށީގެ ގެތަކަކަށް ފުލުހުން ވަދެ، ފާސްކުރި އެވެ.